1-2 ގެ ނަތީޖާއިން އޮސްޓޭލިއާގެ މައްޗަށް ފްރާންސް އިން ކުރި ހޯދައިފިއެވެ.
ގްރޫޕް ސީގައި ހިމެނޭ ފްރާންސް އަދި އޮސްޓްރޭލިއާ މިއަދު ބައްދަލުކުރި މި މެޗުގެ ފުރަތަމަ ހާފްގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެފައިވަނީ ފްރާންސް އިންނެވެ. އެހެން ނަމަވެސް ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތެއް އެޓީމަށް ވަނީ ތަނަވަސްކުރެވޭ ގޮތް ނުވެފައެވެ.
މި ހާފުގައި ގޯލެއް ކާމިޔާބުކުރުމާ އެންމެ ގާތަށް ގޮސްފައިވަނީ އޮސްޓްރޭލިއާ ޓީމުންނެވެ. ނަމަވެސް އޮސްޓްރޭލިއާ ޓީމުން އުފެއްދި އެ ހަމަލާ ފްރާންސްގެ ގޯލްކީޕަރު ހޫގޯ ލޮރިސް ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި ނިމުނުނަމަވެސް ފަހުހާފު ފެށިގެން މެޗުގެ 58 ވަނަ މިނެޓްގައި ފްރާންސް އިން ވަނީ ގޯލެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. ފްރާންސް އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ގްރިޒްމަންއެވެ. މި ޕެނަލްޓީ ފްރާންސް އަށް ލިބުނީ އޮސްޓްރޭލިއާގެ ޕެނަލްޓީއޭރިއާގެ ތެރެއިން ގްރިޒްމަން އަށް ކުރި ފައުލަކާ ގުޅިގެންނެވެ.
ނަމަވެސް ފްރާންސް އިން މި ގޯލު ކާމިޔާބުކުރިތާ ހަތަރު މިނެޓްފަހުން އޮސްޓްރޭލިޔާ އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމު ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. އޮސްޓްރޭލިއާ އަށް މި ޕެނަލްޓީ ލިބުނީ ފްރާންސްގެ ޕެނަލްޓީއޭރިއާގެ ތެރެއިން އެޓީމުގެ ޑިފެންޑަރު އުމްޓިޓީގެ އަތުގައި ބޯޅަ ޖެހުމާ ގުޅިގެންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދީ އޮސްޓްރޭލިއާ އަށް ނަތީޖާ އެއްވަރުކޮށްދިނީ ޔެޑިނަކްއެވެ.
މި ގޯލަށްފހު ފްރާންސް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެމުންދިޔައިރު އޮސްޓްރޭލިއާގެ ޑިފެންސްލައިންގައި ހަރަކާތްތެރިވި ކުޅުންތެރިން ދިޔައީ ފްރާންސް އަށް ފުރުސަތުތަކެއް ތަނަވަސްކުރަން ހުރަސްތައް ކުރިމަތިކުރަމުންނެވެ. ނަމަވެސް މެޗުގެ 80 ވަނަ މިނެޓްގައި ޕޮގްބާ ވަނީ ފްރާންސް އަށް މެޗުގެ ލީޑު ނަގައިދީ އެޓީމު މި މެޗުން މޮޅުކޮށްދީފައެވެ. ޕޮގްބާ މި ގޯލު ކާމިޔާބުކުރީ އޮސްޓްރޭލިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.
ގްރޫޕް ސީގައި ފްރާންސް ދެން ބައްދަލުކުރާނީ ޕެރޫއާއެވެ. އޮސްޓްރޭލިއާ ނިކުންނާނީ ޑެންމާކާއި ދެކޮޅަށެވެ.