
އެސްޓީއޯ އިން ސިއްހީ ދާއިރާއިން މީހުން ބިނާކުރުމަށް އިންސްޓިޓިއުޓެއް
30 މެއި 2018 – މީހުން ބިނާކޮށް ކުރިއެރުވުމަށް އެސްޓީއޯއިން ކުރާ މަސައްކަތުގެ ތެރެއިން ސިއްހީ ދާއިރާއިން މީހުން ބިނާކޮށް އަދި ހުނަރު އިތުރަށް ތަރައްގީ ކުރުމަށްޓަކައި އިންސްޓިޓިއުޓެއް އެކުލަވާލުމުގެ އެމްއޯޔޫއެއްގައި ޖީއީ ހެލްތްކެއަރ އާއި އެސްޓީއޯ އާއި ދެމެދު 29 މެއި 2018 ގައި ސޮއިކުރެވިއްޖެއެވެ. މި އެމްއޯޔޫގައި ސޮއިކުރެއްވީ އެސްޓީއޯގެ ފަރާތުން މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ޝަހީރު އާއި ޖީއީ ހެލްތްކެއަރގެ ފަރާތުން އެކުންފުނީގެ އެޑިއުކޭޝަން ސޮލިއުޝަންސް އެންޑް ކަސްޓަމަރ އެންގޭޖްމަންޓްގެ މިސަރަހައްދުގެ ހެޑް، މރ. މަރޫތު ސެތިއާއެވެ.
ސޮއިރުކުރުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އަޙްމަދު ޝަހީރު ފާހަގަކުރެއްވި ގޮތުގައި އެސްޓީއޯއަކީ ސިއްހީ ދާއިރާއިން ރާއްޖޭގެ ހުރިހާ ކަންކޮޅެއް ހިމެނޭގޮތަށް ގިނަގުނަ ހިދުމަތްތަކެއް ފޯރުކޮށްދެމުން ގެންދާ ކުންފުންޏެކެވެ. އަދި މިދާއިރާއިން މީހުން ބިނާ ކުރުމަކީ ކުންފުނިން ވަކިން ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެއްކަން ބަޔާންކޮށް، މި ޕާޓްނަރޝިޕްގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ.
އެސްޓީއޯއާއެކު މިއުފެދުނު ޕާޓްނަރޝިޕަށް އަލިއަޅުވާލައްވަމުން މަރޫތު ސެތިއާ ވިދާޅުވީ ހަމައެކަނި މެޝިނަރީއިން ސިއްހީ ހިދުމަތް ފުރިހަމަ ނުވާނެ ކަމަށާއި، ފަންނީ ތަމްރީނުތަކަކީ އިކުއިޕްމަންޓްގެ ބޭނުން އެކަށޭނަ ގޮތުގައި ހިފައި، ސިއްހީ ފަރުވާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް ބޭނުންވާ އަސާސެއްކަމަށެވެ.
މި އެމްއޯޔޫގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް އަމާޒުކުރުމަށް ހަމަޖެހިފައިވަނީ އެކްސްރޭ ޓެކްނީޝަނުން އުފެއްދުމަށާއި، މިދާއިރާއިން ހުނަރު އިތުރަށް ތަރައްގީ ކުރުމަށެވެ. އަދި މީގެ އިތުރުން އެސްޓީއޯގެ ސްޓާފުންގެ ހުނަރު އިތުރަށް ބިނާކޮށް ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގާނެ ކަމަށް އެސްޓީއޯއިން މިއަދު މައުލޫމާތު ދެއްވިއެވެ.



