
އެއްލަކިން ލައިސަންސް ނެގުމަށް މިރޭ ފުރަތަމަ ޚިދުމަތްދޭނީ ރޭ ނަގާފައިވާ ނަމްބަރުތަކަށް
އެއްލަކިން ލައިސަންސް ނެގުމަށް މިރޭ ފުރަތަމަ ޚިދުމަތްދޭނީ ރޭ ނަގާފައިވާ ނަމްބަރުތަކަށްކަމަށް ޓްރާންސްޕޯޒތު އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން ބުނީ މިރޭ އެންމެ ފުރަތަމަ ޚިދުމަތްދޭނީ ރޭ ނެގި ނަމްބަރުތަކަށް ކަމަށާއި އެހެން ފަރާތްތަކަށް ނަމްބަރު ދޫކުރާނީ އެ ނަމްބަރުތަކަށް ޚިދުމަތްދީ ނިމުމުން ކަމަށެވެ. މިގޮތަށް ނިންމީ އެގޮތަށް ނިންމީ ރޭ ޚިދުމަތްނުދެވުނު ފަރާތްތަކަށް އިސްކަންދީ ޚިދުމަތް ދިނުމަށް ކަމަށެވެ.
ރޭ ފެށި މި ޕްރޮގްރާމް މިރެއާއި ހޯމަ ދުވަހުގެރޭވެސް 21:00ން 00:00އަށް ފޯމް ހުށަހަޅާ ތަރުތީބުން ތިއަރީ ޓެސްޓާއި ޑްރައިވިންގ ޓެސްޓް ހެދުމަށް ފަހު، އެއް ދުވަހުގެ ތެރޭގައި ހަދައި ފާސްވުމުން ހަމަ އެރޭ ލައިސަންސް ދޫކުރާނެއެވެ.
އެއްދުވަހުން ޑްރައިވިންގ ލައިސަންސް ލިބޭ މި ޕްރޮގްރާމް ޓްރާންސްޕޯޓް އޮތޯރިޓީން ރޭ ފަށާފައިވާ އިރު، އެތައް ބަޔަކު ވަނީ ޕްރޮގްރާމް ފެށުމުގެ ކުރިން ކިޔޫގައި ޖެހިފައެވެ. އޭގެ ތެރޭގައި އެކި ޢުމުރުގެ އަންހެނުންނާއި ފިރިހެނުން ތިއްބެވެ.
މި ޕްރޮގްރާމުގައި ސައިކަލް، ކާރު އަދި ޕިކަޕްގެވެސް ލައިސަންސް ނެގޭ އިރު، ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ މި ޕްރޮގްރާމުގައި ޑްރައިވިންގ ޓެސްޓް ކުރިއަށް ގެންދާނީ މިހާރު އޮންނަ ގޮތަށް ވުރެ ފަސޭހަކޮށް ކަމަށެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ފޯމާއި ޑްރައިވިންގ ލައިސަންސަށް އެދޭ ފޯމު ހުށަހަޅަންޖެހޭ އިރު، އެ ފޯމުތަކުގައި ޖަހަން ބޭނުންވާ ފޮޓޯ އާއި ސްޓޭމްޕާއި އައިޑީ ކާޑު ކޮޕީ ނެގުމާއި ފައިސާ ބަލައިގަތުމުގެ އިންތިޒާމް ހުުރަވީ ބިލްޑިންގ ގެ ތިރީގައި ވަނީ ހަމަޖައްސާފައެވެ. އަދި ތިއަރީ ޓެސްޓާއި ލައިސަންސް ކާޑަށް ދައްކަން ޖެހޭ ފީގެ އިތުރުން އެހެން އެއްވެސް ފީއެއް ނުނަގައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެެހެން ރަށްރަށުގައިވެސް އެ ޕްރޮގްރާމް ހިންގާނެ ކަމަށެވެ.

އެއްލަކިން ޑްރައިވިންގ ލައިސަންސް މި ޕްރޮގްރާމް ކުރިއަށް ގެންދާ އިރު، ”އެއްލަކިން ލައިސަންސް“ ޕްރޮގްރާމްގެ ފޯމުގައި ކަމާގުޅުން ނެތް މަޢުލޫމާތު ހޯދާތީ ގިނަ ބައެއްގެ ޝަކުވާވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ޓްރާސްޕޯޓް އޮތޯރިޓީން ދޫކުރާ އެ ފޯމުގައި ސޯޝަލްމީޑިއާ އެކައުންޓްތައް ކަމަށްވާ އެ މީހެއްގެ ޓުވިޓަރ، އިންސްޓަގްރާމް، ވައިބަރ އަދި ވަޓްސްއަޕްގެ މަޢުލޫމާތު ދޭން ވަނީ އެދިފައެވެ.
މީގެ އިތުރުން ލައިސަންސަށް އެދޭ މީހާއަކީ ކައިވެނިކޮށްގެން ހުރި މީހެއްތޯ އާއި ވަރިވެފައިތޯ އަދި އަނބިމީހާ/ފިރިމީހާ މަރުވެފައިތޯވެސް އަހަ އެވެ.



