މިދިޔަ އޭޕްރީލް މަހު 238 މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ރިޕޯޓުކޮށް، އެޖެންޑާކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑަރ މިިނިސްޓްރީން ކޮންމެ މަހަކުވެސް ނެރޭ ތަފާސް ހިސާބުގައި ބުނެފައިވާ ގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 116 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައިވާ އިރު، މިއީ އެޕްރީލް މަހު ރިޕޯޓުކޮށްފައިވާ ޖުމުލަ މައްސަލަތަކުގެ 49 އިންސައްތައެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އިހުމާލުވުމުގެ މައްސަލަތައް ކަމަށާއި މި ބާވަތުގެ 44 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ޖިންސީ ހާނީއްކައިގެ 35 މައްސަލައާއި ޖިސްމާނީ ހާނީއްކައިގެ 16 މައްސަލައާއި ނަފްސާނީ ހާނީއްކައިގެ 11 މައްސަލައާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލަވެސް ހުށަހަޅާފައިވާ ކަމަށްވެސް ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުގައި ވަނީ ބުނެފައެވެ.
ހަމަމިއާއެކު ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 2 މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ ނުވަތަ ސައިބަރ ބުލީންގގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ ހުށަހަޅާފައިވާ ކަމަށްވެސް ބުންޏެވެ. އަދި ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 6 މައްސަލަ ހުށަހަޅާފައިވާ އިރު، އެއީ ތަޢުލީމަށް ހުރަސް އެޅުމުގެ 3 މައްސަލައާއި ބޯހިޔާވެހިކަން ފޯރުކޮށް ނުދިނުމުގެ 3 މައްސަލަކަމަށްވެސް ތަފާސް ހިސާބުގައި ވަނީ ބުނެފައެވެ.