
އޭޑީކޭ ”ފީވަރ ކްލިނިކް “ ހުޅުވައިފި
އޭޑީކޭ ހޮސްޕިޓަލުން ”ފީވަރ ކްލިނިކް“ ގެ ނަމުގައި ކްލިނިކެއް ހުޅުވައިފިއެވެ.
މިއީ މި ދުވަސްވަރު ހުން ޖެހޭ މީހުންގެ ޢަދަދު ވަރަށް ބޮޑަށް އިތުރުވަމުން އަންނާތީ، އެފަދަ މީހުންނަށްދޭ ޚިދުމަތް އަވަސްކުރުމުގެގޮތުން ހުޅޫވި ކްލިނިކެކެވެ.
އެ ހޮސްޕިޓަލުގެ ލޮބީގައި ހުޅުވާފައިވާ މި ކްލިނިކް ހުޅުވާފައި ހުންނާނީ މެންދުރު ފަހު 14:00ން ދަންވަރު 02:00 އަށެވެ.
ވައިރަލް ހުމާއެކު ޑެންގީ ހުންވެސް ހަލުއި ކަމާއެކު ފެތުރެމުން އަންނާތީ އޭޑީކޭ ހޮސްޕިޓަލުން ވަނީ ހުން ޖެހިގެން އަންނަ މީހުން، އެ ހޮސްޕިޓަލުގެ ލޮބީގައި ހުންނަ ”ފީވަރ ކްލިނިކް“ މޭޒު ކައިރިއަށްގޮސް އަވަހަށް ފަރުވާ ހޯދުމަށް އެދޭ ކަމަށެވެ.
މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ހުންއައިސްގެން ޑޮކްޓަރަށް ދައްކާ މީހުންގެ ޢަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ހުން ޖެހިގެން ތިން ކުޑަ ކުއްޖަކަށް އައިޖީއެމްއެޗުގައި މިހާރުވެސް އަންނަނީ ފަރުވާ ދެމުންނެވެ.
ކޮންމެ އަހަރެއްގެވެސް މެއި އަދި ޖޫން މަހަކީ ރާއްޖޭގައި ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވާ ދުވަސްވަރަކަށްވާތީ، ރައްކާތެރިވާން ކޮންމެ މީހަކު ވެސް ފަރުދީ ގޮތުން މަސައްކަތް ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ.



