
ފިތުރު ޒަކާތް ބަލައިގަތުން އަންނަ އާދީއްތަ ދުވަހުން ފެށިގެން
މިއަހަރުގެ ފިތުރު ޒަކާތް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބަލައިގަންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި މެއި މަހުގެ 5 ވާ އާދިއްތަ ދުވަހުން ފެށިގެން މިއަހަރުގެ ފިތުރުު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މާލެއާއި އަތޮޅު ތެރޭގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލް އިދާރާއިން ކަމަށާއި މާލޭގައި ޒަކާތް ބަލައިގަންނާނީ އިސްލާމީ މަރުކަޒާއި ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރާއި ހައުސިންގ މިނިސްޓްރީގެ ވިލިމާލެ ޔުނިޓުން ކަމަށެވެ. އަދި އައްޑޫސިޓީ އާއި ފުވައްމުލައްސިޓީ އަދި ގދ. ތިނަދޫގައި ޒަކާތް ބަލައިގަންނާނީ އެ މިނިސްޓްރީން ކަނޑައަޅާފައިވާ ތަންތަނުން ކަމަށެވެ.
މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ދިރާގު އަދި އޫރިދޫ އިން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށާއި އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
ފިޠުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރުކަމަށްވާ އިރު، ޒަކާތް ނެރެންޖެހޭނީ އެބަޔަކު އަހަރުތެރޭގައި ޢާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަކުން 2.4 ކިލޯ ހަނޑުލުގެ އަގަށްވާ މިންވަރެވެ.



