ޚަބަރު ފީތާ

ސޫރަތުއް ނަބައުގެ ތަފްސީރު 2

ޑރ. މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް. 9އޮކްޓޯބަރު 2016 އާގުޅޭ..

(إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا ﴿١٧﴾  )

(يَوْمَ الْفَصْلِ  ) މިއީ ގިޔާމަތް ދުވަހުގެ ވާހަކަ އެވެ. އެބަހީ އެދުވަހުން އަޅުތަކުންގެ މެދުގައި ފައިޞަލާ ކުރައްވާނެއެވެ. ޙައްގާއި ބާޠިލް ވަކިވެގެން ދާނެއެވެ. ސުވަރުގެ ވަންތަވެރިންނާއި ނަރަކަ ވަންތަވެރިން ވަކިވެގެން ދާނެއެވެ.

(يَوْمَ يُنفَخُ فِي الصُّورِ‌ فَتَأْتُونَ أَفْوَاجًا ﴿١٨﴾  ) ގިޔާމަތް ދުވަހު ތާޅަފިލީގެ އަޑަށް ހުރިހާ އެންމެން ގަބުރުތަކުން ތެދުވެގެން ޖަމާޢަތް ޖަމާޢަތަށް ޙިސާބު ބެއްލެވޭ މައިދާނަށް އަންނާނެއެވެ.

ތަޅާފިލި ފުމެލައްވާނީ އެކަމަށް ޙަވާލު ކުރެވިފައިވާ މަލާއިކަތާ އިސްރާފީލެވެ. އެކަލޭގެފާނު ދެފަހަރަށް ތާޅަފިލި ފުމެލައްވާނެއެވެ. ފުރަތަމަފަހަރު ފުމެލެއްވުމުން މީސްތަކުން ބިރުންގޮސް މަރުވާނެއެވެ. ދެވަނަ ފަހަރަށް ފުމެއްލެވުމުން މީސްތަކުން ގަބުރުތަކުން މަޙްޝަރު ކުރެވޭނެއެވެ. އަދި އެބައިމީހުންގެ ފުރާނަ އަލުން އެޅުއްވޭނެއެވެ.

(وَفُتِحَتِ السَّمَاءُ فَكَانَتْ أَبْوَابًا ﴿١٩﴾  ) އަދި އުޑުތައް ހުޅުވިގެން ގޮސް ދޮރޯށިތަކެއް ފަދައިން އުޑުތައް ވާނެއެވެ.

(وَسُيِّرَ‌تِ الْجِبَالُ فَكَانَتْ سَرَ‌ابًا ﴿٢٠﴾  ) އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވެގެންދާނެތެވެ. އަދި އެ ފަރުބަދަތައް އަވާމެންދުރެއް ކަމުގައި ވާނެތެވެ.

މި އާޔަތްތަކުގެ ޖުމްލަ މާނަ:

މި އާޔަތް ތައް ފަށްޓަވަމުން ﷲ ތަޢާލާ ބަޔާން ކުރައްވަނީ މުޝްރިކުން ކޮށްއުޅުނު ނުބައިކަންތައްތަކެއްގެ ވާހަކަ އެވެ. އެގޮތުން އެބައިމީހުން ގިޔާމަތް ދުވަހަށް އިންކާރު ކުރާ ޙާލު އެކަކު އަނެކަކަށް ސުވާލުކޮށް އުޅުނެވެ. ގިޔާމަތް ދުވަހަކީ ކޮން އިރަކުން ވާނެ ކަމެއް ހެއްޔެވެ؟ އެފަދަ މީހުންނަށް ގިޔާމަތް ދުވަހުގެ ގަދަފަދަ ޢަޛާބު ދެއްވާނެ ކަމުގެ އިންޛާރު ދެއްވިއެވެ. އަދި އެއަށް ފަހު، އިންސާނުން މަރުވުމަށް ފަހު އަލުން ދިރުއްވުމަށް ﷲ ކުޅަދުންވަންތަ ކަން ބަޔާން ކުރައްވާ އެކަމުގެ ހެކިތައް ދެއްކެވިއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވާފައިވާ ގިނަގުނަ ނިޢްމަތްތަކުގެ މަތިން ހަނދުމަކޮށް ދެއްވިއެވެ. ބިންގަނޑަކީ އިންސާނުން ދިރިއުޅެން ފަސޭހަ ތަނެއްގެ ގޮތުގައި ލެއްވީ ﷲ އެވެ. އަދި ބިންގަނޑު ހިފެހެއްޓުމަށް ޓަކައި ފަރުބަދަތައް ލެއްވިއެވެ. އަދި މީސްތަކުން އެކިބައިބަޔަށް ލެއްވިއެވެ. އަދި ނިންޖަކީ އިންސާނުންގެ ހަށިގަނޑަށް ރާޙަތު ހޯދައި ދިނުމަށް ނުވަތަ އަރާމު ހޯދައި ދިނުމަށް ލެއްވިގެންވާ ކަމެކެވެ. އަދި ރޭގަނޑު ލައްވާފައިވަނީ އިންސާނުން އަރާމު ކޮށް ނިދާ ހެދުމަށެވެ. ދުވާލު ލައްވާފައިވަނީ ރިޒްގު ހޯދުމަށް މަސައްކަތް ކުރުމަށެވެ. އަދި އެބައިމީހުންގެ މަތިން އުޑުތައް ލައްވާފައިވެއެވެ. އަދި އިރު ލައްވައި، އެއިން އައްޔާއި ހޫނު ލިބޭނެ ގޮތް މެދުވެރި ކޮށްދެއްވިއެވެ. އަދި ވިލާތަކުން ފެންވައްސަވައި، އެފެނުގެ ސަބަބުން އޮށްޓަރާއި، ފަތްޕިލާވެލި ފަޅުއްވައި، ނެރުއެއްވިއެވެ.

އެއަށް ފަހު ގިޔާމަތް ދުވަހަކީ ވަގުތު ކަނޑައެޅިގެންވާ އެއްޗެއް ކަމާއި، އެވަގުތު ޖެހުމުން އެކަން ވާނެ ކަން ބަޔާން ކުރެއްވިއެވެ. ތާޅަފިލި ފުމެލެއްވުމާއި އެކު މީސްތަކުން ގަބުރުތަކުން ނިކުމެގެން ޖަމާޢަތް ޖަމާޢަތަށް މާތް ﷲ ގެ ޙަޟްރަތަށް އަންނާނެ ކަމާއި، އުޑުތައް ހުޅުވިގެން ގޮސް ދޮރޯށިތަކެއް ފަދައިން އުޑުތައް ވާނެކަން ބަޔާން ކުރެއްވިއެވެ. އަދި ފަރުބަދަތައް ރޫޅިގެން ފުނޑުފުނޑުވެގެން ދާނެއެވެ. މިހުރިހާ ކަމަކުން ދޭހަކޮށްދެނީ ﷲ ގެ ކުޅަދުންވަންތަ ކަމެވެ. އަދި މިއީ ގިޔާމަތް ދުވަހު ހިނގާނޭ ކަންތަކެވެ.

(إِنَّ جَهَنَّمَ كَانَتْ مِرْ‌صَادًا ﴿٢١﴾  ) ހަމަކަށަވަރުން ޖަހައްނަމަ ތައްޔާރު ކުރެވިފައިވަނީ ކާފަރުންނާއި ފާޖިރުންނަށެވެ. އެބައިމީހުންނަށް ޓަކައި އެތަން އިންތިޡާރު ކުރަމުން ގެންދެއެވެ.

”ޖަހައްނަމަ“ އަކީ ނަރަކަ އަށް ކިޔޭ ނަމެކެވެ. ”ޖަހައްނަމަ“ މި ނަން ދެވިފައިވާ ސަބަބަކީ އެތަނުގެ ދުމުގެ ސަބަބުން އަނދިރިކަން ބޮޑުވެގެންވާތީވެއެވެ.

މާތް ﷲ އަށް ނުކިޔަމަންތެރިވާ މީހުންނަށް ޝަޒާ ދެއްވާ ތަނެއްގެ ގޮތުގައި ޖަހައްނަމަ ވަނީ ލައްވާފައެވެ. އެތަނުގެ ނުރައްކާތެރިކަން ބަޔާން ކުރައްވާ ސޫރަތުލް ބަގަރާގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (فَاتَّقُوا النَّارَ‌ الَّتِي وَقُودُهَا النَّاسُ وَالْحِجَارَ‌ةُ ۖ أُعِدَّتْ لِلْكَافِرِ‌ينَ ﴿٢٤﴾  ) މާނައަކީ: “ ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، كافر ންނަށްޓަކައެވެ.“

(لِّلطَّاغِينَ مَآبًا ﴿٢٢﴾  )

(لِّلطَّاغِينَ  ) އަނިޔާވެރީންނަށް

(مَآبًا  ) އެނބުރިދާން އޮތް ތަނެއްގެ ގޮތުގައި

އަނިޔާވެރިވުން ދެގޮތަކަށް އޮވެއެވެ. އެއީ ﷲ ގެ ޙައްގުގައި އަނިޔާވެރި ވުމާއި މީސްތަކުންގެ ޙައްގުގައި އަނިޔާވެރިވުމެވެ. ﷲ ގެ ޙައްގުގައި އަނިޔާވެރިވުމަކީ އެކަލާންގެ ޝަރްޢު ކުރައްވާފައިވާ ނުވާ ކަންތައްތަކެއް އަމިއްލަ ޝަރްޢު ކުރުމާއި، އެކަލާންގެ ޙަރާމް ކުރައްވާފައިވާ ކަމަކަށް އަރައިގަތުމުގައި ދެމިހުރުމެވެ.

މީސްތަކުންގެ މައްޗަށް އަނިޔާވެރި ވުން ތިންގޮތަކަށް ވެއެވެ. އެއީ އެބައިމީހުންގެ މުދަލަށް ގެއްލުން ދިނުމާއި، ޙައްގަކާއި ނުލައި ލޭ އޮހޮރުވާލުމާއި، އަބުރަށް ގެއްލުން ދިނުމެވެ. މިތިން ކަންތައްތަކަކީ ޙައްޖަތުލް ވަދާޢުގެ ޚުޠުބާގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަންތައް ޙަރާމް ކުރައްވާފައިވާ ކަންތައްތަކެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (فَإِنَّ دِمَاءَكُمْ وَأَمْوَالَكُمْ وَأَعْرَاضَكُمْ بَيْنَكُمْ حَرَامٌ ، كَحُرْمَةِ يَوْمِكُمْ هَذَا فِي شَهْرِكُمْ هَذَا فِي بَلَدِكُمْ هَذَا ، لِيُبَلِّغ الشَّاهِدُ الْغَائِبَ  ) މާނައަކީ: ”ހަމަކަށަވަރުން، ތިޔަބައިމީހުންގެ ލެޔާއި މުދަލާއި އަބުރަކީ ތިޔަބައިމީހުންގެ މެދުގައި ޙުރުމަތްތެރިވެގެންވާ ތަކެއްޗެވެ. މިދުވަސް (ޢަރަފާތް ދުވަސް) ޙުރުމަތްތެރިވީ ފަދައިންނެވެ. މި މައްސަރު (ޛުލްޙިއްޖާ މައްސަރު) ޙުރުމަތްތެރިވީ ފަދައިންނެވެ. މިރަށް (މައްކާ) ޙުރުމަތްތެރިވީ ފަދައިންނެވެ. މިތަނުގައި ޙާޟިރުވެ ތިބި މީހުން ނެތް މީހުންނަށް މިކަން ފޯރުކޮށްދޭށެވެ.“

ﷲ ގެ ޙައްގުގައްޔާއި އަޅުތަކުންގެ ޙައްގުގައި އަނިޔާވެރިވާ މީހުންނަކީ ނަރަކައިގެ އަހްލުވެރިންނެވެ. މާތް ﷲ އަޅަމެން އެފަދަކަންތައްތަކުންނާއި ނަރަކައިން ސަލާމަތް ކޮށް ދެއްވާށި. އާމީން.

(لَّابِثِينَ فِيهَا أَحْقَابًا ﴿٢٣﴾  )

(أَحْقَابًا ) މިއީ ”ޙިގްބާ“ ގެ ޖަމްޢު އެވެ. މާނައަކީ: ޒަމާނެއެވެ.

މި އާޔަތުގެ މުރާދަކީ: ”އެބައިމީހުން ނަރަކައިގާ ޒަމާން ގަނޑަކަށް ދެމިތިބޭނެއެވެ.“  ކާފަރުން ނަރަކާގައި އަބަދަށް ދެމިތިބޭނެކަން ގުރްއާނުގެ ތިންތަނެއްގައި މާތް ﷲ ވަނީ އަންގަވާފައެވެ. ސޫރަތުއް ނިސާގެ 168 އަދި 169 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (إِنَّ الَّذِينَ كَفَرُ‌وا وَظَلَمُوا لَمْ يَكُنِ اللَّـهُ لِيَغْفِرَ‌ لَهُمْ وَلَا لِيَهْدِيَهُمْ طَرِ‌يقًا ﴿١٦٨﴾ إِلَّا طَرِ‌يقَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ۚ وَكَانَ ذَٰلِكَ عَلَى اللَّـهِ يَسِيرً‌ا ﴿١٦٩﴾  ) މާނައަކީ: “ ހަމަކަށަވަރުން، كافر ވެ އަދި އަނިޔާވެރިވި މީހުންނަށް، اللَّه ފާފައެއް ނުފުއްސަވާނެތެވެ. އަދި، އެއްވެސް މަގަކަށް އެއުރެންނަށް އެކަލާނގެ މަގެއް ނުދައްކަވާނެތެވެ.“

ސޫރަތުލް އަޙްޒާބްގެ 64 އަދި 65 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ اللَّـهَ لَعَنَ الْكَافِرِ‌ينَ وَأَعَدَّ لَهُمْ سَعِيرً‌ا ﴿٦٤﴾ خَالِدِينَ فِيهَا أَبَدًا ۖ لَّا يَجِدُونَ وَلِيًّا وَلَا نَصِيرً‌ا ﴿٦٥﴾   ) މާނައަކީ: ”ހަމަކަށަވަރުން، اللَّه، كافر ންނަށް لعنة ލެއްވިއެވެ. އަދި އެއުރެންނަށްޓަކައި އަނދައަނދާހުންނަ ނަރަކަ ތައްޔާރު ކުރެއްވިއެވެ. އެތާނގައި އެއުރެންނަށް އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. އެހީތެރިޔަކު ނުވަތަ نصر ދޭނޭ މީހަކުވެސް އެއުރެން ނުދެކޭނެތެވެ“.

ސޫރަތުލް ޖިންނިގެ 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن يَعْصِ اللَّـهَ وَرَ‌سُولَهُ فَإِنَّ لَهُ نَارَ‌ جَهَنَّمَ خَالِدِينَ فِيهَا أَبَدًا ﴿٢٣﴾  ) މާނައަކީ: ”اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދޭ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްހުރީ، ނަރަކައިގެ އަލިފާނެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ.“

(لَّا يَذُوقُونَ فِيهَا بَرْ‌دًا وَلَا شَرَ‌ابًا ﴿٢٤﴾  ) އެބައިމީހުންނަށް ނަރަކާގައި ހޫނުކަން ފިލުވޭނެ ގޮތެއް ނޯންނާނެއެވެ. އަދި އަނގަހިއްކުން ފިލުވަން ބޯލާނެ އެއްޗެއްވެސް ނުލިބޭނެއެވެ.

(إِلَّا حَمِيمًا وَغَسَّاقًا ﴿٢٥﴾  ) ކެކިކެކިހުންނަ ހޫނުފެނާއި (ނަރަކައިގެ أهل ވެރިންގެ) ގައިން އޮހޮރޭ ފާދިޔަ މެނުވީއެވެ.

(حَمِيمًا ) ކެކިކެކި ހުންނަ ހޫނުފެން.

(غَسَّاقًا  ) ނަރަކައިގެ އަހްލުވެރިންގެ ގައިން އޮހޮރޭ ދާ.

އެބައިމީހުން ފެންބޮވައިގަނެގެން ފެންފޮދަކަށް އެދޭހިނދު ކަންހިގާނެ ގޮތް ބަޔާން ކުރައްވާ ސޫރަތުލް ކަހްފިގެ 29 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَإِن يَسْتَغِيثُوا يُغَاثُوا بِمَاءٍ كَالْمُهْلِ يَشْوِي الْوُجُوهَ ۚ بِئْسَ الشَّرَ‌ابُ وَسَاءَتْ مُرْ‌تَفَقًا  ) މާނައަކީ: ”އެއުރެން ފެނަށްއެދި ގޮވާލައިފިނަމަ، އެއުރެންނަށް ދެއްވާނީ، ތެޔޮކުނޑިފަދަ (ހޫނުކަންގަދަ) ފެނެކެވެ. (އެއިން) މޫނުތައް ފިއްސައިލާނެތެވެ. (އެއުރެންނަށްލިބޭ) ބުއިމުގެ ނުބައިކަމާއެވެ! އަދި ތިބޭތަނެއްގެ ގޮތުން އެ ނަރަކައިގެ ނުބައިކަމާއެވެ!“

އަދިވެސް ސޫރަތު މުޙައްމަދުގެ 15 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَسُقُوا مَاءً حَمِيمًا فَقَطَّعَ أَمْعَاءَهُمْ  ) މާނައަކީ: ”އަދި ކެކިކެކިހުރި ހޫނުފެނުގެ ބުއިން އެއުރެންނަށް ބޯންދެއްވުމުން، އެއުރެންގެ ގޮހޮރުތައް ބުރިބުރިވެގެންދާ މީހުންނާ އެއްފަދަވެގެން ވޭހެއްޔެވެ؟“   މިފެން މޫނާއި ކައިރިކޮށްފިނަމަ މޫނު ފިހިގެންދާ ކަމަށްވެއެވެ.

މިތަނުގެ ބިރުވެރިކަން މިހާ ދަރަޖަ އަށް ހުރީތީވެ ބައެއް ސަލަފުން ވިދާޅުވެފައިވާ ބަސްފުޅެއްގައި ވެއެވެ. (عجبت للنار كيف ينام هاربها  وعجبت للجنة كيف ينام طالبها  ) މާނައަކީ: ”ނަރަކައިން ސަލާމަތްވާން އުޅޭ މީހަކު ނިދާފައި އޮންނާތީ އަހުރެން ޙައިރާން ވަމެވެ. އަދި ސުވަރުގެ އެދޭ މީހާ ނިދާފައި އޮންނާތީ އަހުރެން ޙައިރާންވެއެވެ.“

(جَزَاءً وِفَاقًا ﴿٢٦﴾) މާތް ﷲ އެބައިމީހުންނަށް މިފަދަ ގަދަފަދަ ޢަޛާބެއް ދެއްވަނީ އެބައިމީހުން ދުނިޔެމަތީގައި ކޮށްއުޅުނު ޢަމަލުތަކާއި ގުޅޭގޮތުންނެވެ. މާތް ﷲ އެބައިމީހުންނަށް އަނިޔާވެރި ވޮޑިގެން ނުވެއެވެ. (إِنَّ اللَّـهَ لَا يَظْلِمُ النَّاسَ شَيْئًا وَلَـٰكِنَّ النَّاسَ أَنفُسَهُمْ يَظْلِمُونَ ﴿٤٤﴾   ) މާނައަކީ: ”ހަމަކަށަވަރުން، اللَّه، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުން އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާކުރެތެވެ.“ ވީމާ، މިޢަޛާބަކީ އެބައިމީހުން ކޮށްއުޅުނު ޢަމަލުތަކާއި ގުޅޭ ޢަޛާބެކެވެ. އެބައިމީހުންގެ ޢަމަލުތަކާއި މި ޢަޛާބު ގުޅުން ހުރި ގޮތަކީ ކޮބައި ކަން ބަޔާން ކުރައްވާ ވަޙީ ކުރައްވައެވެ.

(إِنَّهُمْ كَانُوا لَا يَرْ‌جُونَ حِسَابًا ﴿٢٧﴾ ) އެބައިމީހުންގެ ޢަމަލުތަކުގެ ޙިސާބު ބެއްލެވޭނެ ކަމަކަށް އެމީހުން ހިޔެއް ނުކުރެއެވެ. އަދިކިއެއްތަ، އެބައިމީހުން އެކަމާ އިންކާރުކޮށް ޖަދަލުކޮށް ހެދިއެވެ. އެބައިމީހުން ބުނަމުން އައި ވާހަކަ ސޫރަތުލް ޖާޘިޔާގެ 24 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَقَالُوا مَا هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا يُهْلِكُنَا إِلَّا الدَّهْرُ‌ ۚ وَمَا لَهُم بِذَٰلِكَ مِنْ عِلْمٍ ۖ إِنْ هُمْ إِلَّا يَظُنُّونَ ﴿٢٤﴾  ) މާނައަކީ: ”އެއުރެން ބުނޫއެވެ. ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުންމެނުވީ، އެހެން ދިރިއުޅުމެއްނެތެވެ. ތިމަންމެން ދިރިތިބެމުއެވެ. އަދި މަރުވަމުއެވެ. އަދި ޒަމާން މެނުވީ ތިމަންމެން ހަލާކެއް ނުކުރެތެވެ. އެކަމާމެދު އެއުރެންނަކަށް އެއްވެސް علم އެއް ނުވެއެވެ. އެއުރެންނީ ހީކުރާބަޔަކު ކަމުގައިމެނުވީ ނުވެތެވެ.“

ނުނިމޭ…..ެ

Rate this post