
ރޯދަމަހާ ރޯއްޖާ – އަގުތައް އަތްނުފޯރާ ފަށަށް
ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ ކާބޯތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް އަރާ މަހެކެވެ. މިއީ ޙައްލެއް ގެންނަން ބޭނުންވިނަމަވެސް މިހާތަނަށް އެއްވެސް ޙައްލެއް ލިބިފައިނުވާ ކަމެކެވެ.
އެގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުވެސް ކާބޯ ތަކެތީގެ އަގުތައް އުފުލެން ފަށާފައިވާ އިރު، ކަރާ، މިރުސް އަދި ދޮންކެޔޮ ވަނީ ތަދު އެއްޗަކަށްވެ، އަގުތައް އުފުލެންފަށާފައެވެ.
ރޯދަ މަސް ފުރިހަމަވަނީ ކަރާ ހުރުމުންނޭ ބުނާފަދައިން ކަރާ ފަނި ނެތިއްޔާ ރޯދަ ވީއްލޭ ކަމަށްވެސް ނުވާ މީހުން ތިބި އިރު، މިއަހަރު ބާޒާރުން ކަރާ ފެންނަނީ ވަރަށް މަދުންނެވެ. އެހެންކަމުން މިއަދު މެންދުރު ކަރާ ކިލޯއެއްގެ އަގު އުޅެނީ 30 ރުފިޔާ އާއި 35 ރުފިޔާ އާދެމެދުގެ އަގުތަކެއްގައެވެ. މިއީ ފާއިތުވި ދެތިން ދުވަހާއި އަޅާބަލާ އިރު، ދެގުނަ ބޮޑު ޢަދަދެކެވެ.
އެހެންނަމަވެސް މާރުކޭޓުގެ ގޮޅިވެރިން ބުނަނީ ދެތިން ދުވަހެއްގެ ތެރޭގައި ކަރާ ލިބޭނެކަމަށް އުއްމީދުކުރާ ކަމަށެވެ.
ކަރައެކޭ އެއްގޮތަށް ދޮންކެޔޮވެސް ލިބުން މިއަދު ދަތި އިރު، މާރުކޭޓުގައި ގިނައީ ބޭރު ކަރަތަކުގެ ދޮންކޭލެވެ. ދޮންކެޔޮގަނޑެއް 600 އަދި 700 ރުފިޔާއަށް ހުރި އިރު، ދޮންކެޔޮވަކެއްގެ އަގު އުޅެނީ 7 ރުފިޔާ އިން ފެށިގެން 12 ރުފިޔާ އާދެމެދުގެ އަގުތަކެއްގައެވެ.
މިރުސް ކިލޯއެއް މިއަދު ހުރީ 650 ރުފިޔާ އާއި 850 ރުފިޔާ އާދެމެދުގެ އަގުތަކެއްގައެވެ. މިއީ ކުރިން 200 އަދި 250 ރުފިޔާއަށް ވިއްކި މިރުހެވެ.
މިއަގުތަކުގައި މާރުކޭޓުގައި ތަކެތި ހުރި އިރު، ވިޔަފާރިވެރިންނާއި ގޮޅިވެރިން ބުނަނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ތަކެތި ނުލިބެނީ ކަމަށެވެ.



