ބީބީ ރަނަރސްގެ ފަރާތުން އިންތިޒާމުކޮށްގެން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ބާއްވާ ”ބީބީ ރަނަރސް ރަމަޟާން 222 ޗެލެންޖު“ މާދަމާ ފެށުމަށް ނިންމާފައިވާކަމަށް ބީބީ ރަނަރސް އިން ބުނެފިއެވެ.
ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތުގެ ބޭނުންތެރިކަމާއި ކަސްރަތުކުރުމަށް އަށަގެންނެވުމުގެ މަޤުޞަދުގައި އުފައްދާފައިވާ ރަނިންގ ގްރޫޕް ބީބީ ރަނަރސް އިން ބުނީ މިއީ އެ ގްރޫޕުން ބާއްވާ ފުރަތަމަ އިވެންޓުކަމަށާއި މި އިވެންޓު ފަށާނީ މާދަމާ ހަވީރު މާލޭ ކުޅިވަރު އެކުވެނި ސަރަޙައްދުން ހަވީރު 16:30ގައި ކަމަށެވެ.
”އަޅުގަނޑުމެންގެ މި އިވެންޓަކީ އަސްލު ވަކި ބަޔަކަށް އަމާޒުކޮށްގެން ބާއްވާ އިވެންޓެއް ނޫން. ހަމަކޮންމެ މީހަކަށްވެސް ބައިވެރިވެވޭނެ. ދެން މިއީ ރޯދަމަސްވީމަ ކޮންމެދުވަހަކު ހަވީރު ދުވުމަކީ ދަތިކަމަކަށްވެދާނެ ކޮންމެ މީހަކަށް. އެހެންވެ ވަރަށް ފަސޭހަގޮތަކަށް ޝެޑިއުލްހަދާފަ އޮންނާނީ“ މި އިވެންޓު އިންތިޒާމުކުރުމުގައި އެންމެ އިސްކޮށް އުޅުއްވާ ރާއްޖޭގެ ނެޝަނަލް ލެވެލް އެތްލީޓް ނައުފަލް ޢީސާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި އިވެންޓުގައި ބައިވެރިވާ ކޮންމެ މީހަކުވެސް އެމީހެއްގެ ޕަރފޯމެންސް ބެލުހެއްޓުމަށް ކޮންމެ ހަފުތާއަކު ފޯމެއް ފުރަން ޖެހޭނެ ކަމަށާއި އެންމެ ފުރަތަމަ ހަފުތާގައި އެމީހެއްގެ ބަރުދަންވެސް ބަލާނެ ކަަމަށެވެ. އަދި ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަުކުވެސް ޗެލެންޖުގައި ދުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
”އަޅުގަނޑުމެންގެ ޕްރޮގްރާމް ފޮލޯ ކުރެވޭނެ ކޮންމެ ތަނެއްގައި ހުރެގެންވެސް. އޭގެ މާނައަކީ ކޮންމެހެން މާލޭގަ ހުންނަ މީހަކަށްވާކަށް ނުޖެހެއޭ ޗެލެންޖު ފުރިހަމަކުރަން. ބޭނުންވަނީ އަޅުގަނޑުމެންގެ ގައިޑުލައިނާ އެއްގޮތަށް ޝެޑިއުލްގައިވާ ކަންކަން ފުރިހަމަކުރުން.“ ނައުފަލް ވިދާޅުވިއެވެ.
އެޓޯލްނިއުސްއަށް މަޢުލޫމާތު ދެއްވަމުން ނައުފަލް އިތުރަށް ވިދާޅުވީ ބީބީ ރަނަރސްއަކީ ޢުމުރުން ދުވަސްވީ މީހުންގެ ދުވުމާއި ދުޅަހެޔޮ ސިއްޙަތެއްގައި ތިބިމަށް މަގުފަހިވާގޮތަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ ގްރޫޕެއްނަމަވެސް، ބީބީގެ ކޮންމެ އިވެންޓެއްގައިވެސް ހުރިހާ ޢުމުރުފުރައެއްގެ މީހުންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ މި ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ އެންމެހާ ފަރާތްތަކުން މާދަމާގެ އިވެންޓު ފަށާ ގަޑިއަށް ކުޅީވަރު އެކުވެނި ޓްރެކް ސަރަޙައްދަށް ވަޑައިގަތުމުން ބައިވެރިވެވޭނެ ކަމަށެވެ. އަދި މިއީ އެއްވެސް ފީއެއް ދައްކަންޖެހޭ ޗެލެންޖެއް ނޫން ކަމަށެވެ.
”މީގެ ޗެލެންޖު ކުރަންވީ އަމިއްލަމީހާއަށް މި ޗެލެންޖު ފުރިހަމަކުރަން. އަނެއްމީހާއަކަށް ނޫން“ ނައުފަލް ވިދާޅުވިއެވެ.
ބީބީ ރަނަރސް ވުޖޫދަށް އައިތާ މިވީ އަހަރެއްހާދުވަހުގެ ތެރޭގައި އެ ގްރޫޕުން ވަނީ ރާއްޖޭގައި ބޭއްވި ގިނަ ދުވުންތަކެއްގައި ބައިވެރިވެ، ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އަދި ރާއްޖޭއިން ބޭރުގައި ބޭއްވި ބައެއް ދުވުންތަކުގައިވެސް ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން އެ ގްރޫޕުން އަންނަނީ އެކިގޮތްގޮތުން އެ ގްރޫޕަށް އެހީތެރިވެދީ، އަދި ދުވުމުގައި ހަރަކާތްތެރިވާ އަދި ވަމުން އަންނަ ގިނަ ބައެއްގެ އަގުވަޒަންކޮށް ހަނދާނީ ފިލާވެސް ދީފައެވެ.