ސާފު ހަކަތައިގެ މަގުޗާޓު އެކުލަވައިލުމުގެ ބައްދަލުވުން ފަށައިގެން ކުރިއަށް

ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ސާފު ހަކަތައިން އިޤްތިޞާދީ ފައިދާ އިތުރުކުރުމުގެ ވަޢުދުގެ ތެރެއިން ހަކަތައިގެ މަގުޗާޓެއް އެކުލަވައިލުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އިޝްތިހާރު Below Header ad

މި މަގުޗާޓު އެކުލަވައިލުމަށްޓަކައި ރާއްޖޭގެ ހަކަތައިގެ ދާއިރާ ހިންގާ ތަރައްޤީ ކުރުމަށް މިހާތަނަށް ހެދިފައިވާ ސިޔާސަތުތަކާއި ރޭވުންތަކާއި އަދި މަގުޗާޓުތައް ވަނީ މުރާޖަޢަ ކުރެވިފައެވެ. އަދި މިހާތަނަށް އައި އިރު މި ސިޔާސަތުތަކުގެ ލަނޑުދަނޑިތައް ޙާޞިލުވެފައިވާ މިންވަރު ވަނީ ދެނެގަނެވިފައެވެ.

މީގެ އިތުރުން މިފަހަރު އެކުލަވައިލެވޭ މަގުޗާޓަށް ބައިނަލްއަޤުވާމީ މާހިރުންގެ ފަންނީ ލަފާވެސް ވަނީ ހޯދާފައެވެ. މިކަންތައްތަކަށް ރިޢާޔަތްކޮށް އެކުލަވައިލެވުނު ސާފު ހަކަތައިގެ މަގުޗާޓު (2018 – 2025) ގެ އެންމެ ފަހުގެ ދެލިކޮޕީ ސަރުކާރުގެ މުޢައްސަސާތަކާއި ހަކަތައިގެ ދާއިރާއާ ގުޅުންހުރި އަމިއްލަ ފަރާތްތަކާ ހިއްސާކޮށް މަޝްވަރާކުރުމަށްޓަކައި އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއް ހޮޓެލް ޖެންގައި މިއަދު ފަށައިފިއެވެ.

މި ބައްދަލުވުމުގައި ރާއްޖޭގައި ހަކަތަ އުފައްދާ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި ސަރުކާރުގެ ގުޅުންހުރި މުއައްސަސާތަކުގެ އިތުރުން ހަކަތައިގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރާ އަމިއްލަ ބައެއް ކުންފުނިތަކުންވެސް ބައިވެރިވިއެވެ. މި ބައްދަލުވުމުގައި މި މަގުޗާޓުގައިވާ މައުލޫމާތު މަޝްވަރާކޮށް އިތުރު ޚިޔާލުތައް ހިމެނުމަށް ކަމާ ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާ ކުރެވޭނެއެވެ.

ސާފު ހަކަތައިގެ މަގުޗާޓު (2018 – 2025) އެކުލަވައިލުމުގެ މަޤްސަދަކީ ދިވެހިރާއްޖެ ތެލުގެ މައްޗަށް ބަރޯސާވެފައިވާ މިންވަރުގެ 70 އިންސައްތަ ސާފު ހަކަތައަށް ބަދަލު ކުރުމަށް ގެންނަންޖެހޭ ކަންކަމަށް މަގުދައްކުވައިދިނުމާއި، ދިވެހިރާއްޖޭގެ މާހައުލަށް އެންމެ އެކަށޭނަ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތުގައި ސާފު ހަކަތަ މުޅި ރާއްޖެއަށް ފޯރުކޮށްދޭނެ ނިޒާމެއް ޤާއިމު ކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެހީތެރިވެދިނުމެވެ. އަދި މިއީ ދިވެހިރާއްޖޭގައި މިފަދަ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މަގުޗާޓެއް އެކުލަވައިލެވޭ ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.