
އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފި. ހިއްސާއަކަށް 3.20 ރުފިޔާ ބަހަން ނިންމައިފި
އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ ޢާންމު ޖަލްސާ ބާއްވައިފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި މި ޖަލްސާގައި 89 ހިއްސާދާރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރެއިން 23 ހިއްސާދާރުންނަކީ ޕްރޮކްސީ ހުށައަޅައިގެން ބައިވެރިވެފައިވާ ފަރާތްތަކެވެ. އަދި 66 ހިއްސާދާރުންވަނީ ހޮޓެލް ޖެންއަށް ވަޑައިގެން އޭޖީއެމްގައި ބައިވެރިވެފައެވެ.
އޭޖީއެމްގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްދެއްވާފައިވަނީ، 135،304،207 (ސަތޭކަ ތިރީސް ފަސް މިލިއަން، ތިންސަތޭކަ ހަތަރުހާސް ދުއިސައްތަ ހަތް) ހިއްސާއެވެ.
ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީގެ ޗެއަރމަން، ޑޮކްޓަރ އޭ ހާމިދު މޯޑް އޭ މަރާފީ ރިޔާސަތު ބަލަހައްޓަވައިދެއްވި މި ޖަލްސާ ފައްޓަވައިދެއްވަމުން، ޑޮކްޓަރ މަރާފީ ވިދާޅުވެފައިވަނީ ”2017 ވަނަ މާލީ އަހަރު ވަރަށް ރަނގަޅު ކަމަށާއި އަހަރީ އާމްދަނީ އަދި ފައިދާ ދަނީ އަހަރަކަށްވުރެ އަހަރެއް %14 އިތުރުވަމުން ކަމަށެވެ. އަދި މި ކުރިއެރުންތަކުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ޑިޖިޓަލް މޯލްޑިވްސްއެއް ޤާއިމުކުރުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތައް ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް 4G+ ގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ކޮށްފައިވާ އިންވެސްޓްމަންޓްތަކާއި ސަބްމެރިން ކޭބަލްގެ ސަބަބުންވަނީ ފަސޭހަކަމާއި އެކު ޑޭޓާ ބޭނުންކުރެވޭ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިޖަލްސާގައި އުރީދޫ މޯލްޑިވްސްގެ އެގްޒެކެޓިވް ޑިރެކްޓަރ ނަޖީބް ޚާން، 2017 ވަނަ އަހަރު ކުންފުނިން ކޮށްފައިވާ މުހިންމު ކަންތައްތަކާއި ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދެއްވިއެވެ. މިގޮތުން ކުންފުނިން ވޭތުވެދިޔަ އަހަރުގެ މާލީ ނަތީޖާއާއި، ކޯޕަރޭޓް ރެސްޕޮންސިބިލިޓީގެ ދަށުން ކޮށްފައިވާ މަސައްކަތްތައް، ޙިއްސާގެ ބާޒާރުގައި ކުންފުނި ހިނގާފައިވާ ގޮތް، އަދި ކުންފުނީގެ މުވައްޒަފުން ކުރިއެރުވުމަށް ކޮށްފައިވާ މަސައްކަތްތައް ހިމެނެއެވެ.
”މި މަޢުލޫމާތުތައް ފޯރުކޮށްދެއްވަމުން ނަޖީބު ވިދާޅުވެފައިވަނީ ”2017 ވަނަ އަހަރު ނިމިގެން ގޮސްފައިވަނީ އުރީދޫ މޯލްޑިވްސްގެ މާކެޓް ކެޕިޓަލައިޒޭޝަން 1.8 ބިލިއަނަށްވުރެ އިތުރުވެ، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓު ކޮށްފައިވާ އެންމެ ބޮޑު ކުންފުނީގެ ގޮތުގައި. ކުންފުނީގެ ސާފު ފައިދާގެ ގޮތުގައި 580 މިލިއަން ރުފިޔާ ހޯދާފައިވާއިރު، ސާފު ފައިދާގެ މާޖިން ވަނީ 2017 ވަނަ އަހަރު %31 އިތުރުވެފައި. އަދި ވޭތުވެ ދިޔަ އަހަރާ އަޅާބަލާއިރު ކުންފުނިންވަނީ %18ގެ ކުރިއެރުމެއް ހޯދާފާއި“. އޭނާ ވިދާޅުވިއެވެ.
ކުންފުނީގެ 2017 ވަނަ އަހަރުގެ މާލީ ނަތީޖާއަށް ބެލުމަށްފަހު، ޑިރެކްޓަރުން ހުށަހަޅުއްވާފައިވާ ގޮތުގެ މަތިން، ހިއްސާދާރުންވަނީ ހިއްސާއަކަށް 3.20 ރުފިޔާ (އުރީދޫ މޯލްޑިވްސް ގްރޫޕުގެ ސާފު ފައިދާގެ %85) ޑިވިޑެންޑްގެ ގޮތުގައި ފާސްކޮށްފައެވެ.
މި ޖަލްސާގައި ވޭތުވެ ދިޔަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުމާއި ވޭތުވެދިޔަ އަހަރުގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުމާއި މިއަހަރަށް އޮޑިޓަރުން އައްޔަންކޮށް އުޖޫރަ ކަނޑައަޅައި ފާސްކުރުމާއި ޑިރެކްޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.



