
ޑެންގީހުން ފެތުރެނީ. ޑެންގީހުން ޖެހޭ މީހުންގެ ޢަދަދުވެސް އިތުރުވަނީ. ސަމާލުވޭ!
ރާއްޖޭގެ އެކި ހިސާބުތަކުގައި ޑެންގީ ހުން ފެތުރެމުން އަންނަ ކަމަށާއި ޑެންގީހުން ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުން އަންނަކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން ބުނީ ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރަކީ ޑެންގީ ހުން ފެތުރުމުގެ ފުރުޞަތު ބޮޑު ދުވަސްވަރެއް ކަމަށާއި އެހެންކަމުން ރައްކާތެރިވުމުގެ ފިޔަވަޅުތައް ދުރާލައި އެޅުމަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި މަދިރި ހެފުމުން ރައްކާތެރިވުމަށްވެސް ވަނީ އެދިފައެވެ.
ޑެންގީ ހުމުން ރައްކާތެރިވުމަށް ގެ އާއި ގޯތި ތެރޭގައި ހުންނަ، ފެން ހަރުލާ ތަންތަނާއި ތަކެތި ހަފުތާއަކު އެއް ފަހަރު ނައްތާލުން ނުވަތަ ހުސްކުރުމާއި މަގުމައްޗާއި ގޯތިތެރެ އާއި ވައިގޮޅި ފަދަ ތަންތަނަށް ކުނި ނޭޅުމާއި ޑަސްބިން ފަދަ ތަކެތި މަތި ބަންދުކޮށްފައި ބެހެއްޓުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ. އަދި މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ނިވައި ކުރުމާއި މަދިރި ލޯޝަނާއި ސްޕްރޭ ފަދަ ތަކެތި ބޭނުން ކުރުމަށާއި ގެއަށް މަދިރި ވަނަ ނުދިނުމަށް، އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތު ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އެދިފައިވެއެވެ.
އެޗްޕީއޭ އިން ބުނީ ޑެންގީ ހުން އިތުރުވާ ދުވަސްވަރާ ދިމާކޮށް، މަދިރި އާލާވާ މިންވަރު މަދުރުކުރުމަށާއި އެ ބައްޔަށް މީހުން ހޭލުންތެރިކުރުވަން އިތުރު ހަަރަކާތްތަކެއް ހިންގާ ކަމަށެވެ. އަދި ޑެންގީ އިތުރުވަމުންދާ މިންވަރު މޮނިޓަރ ކުރުމާއި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ކެމްޕޭންތައް ކުރިއަށްގެންދާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ޑެންގީގެ އަލާމާތްތަކުގެ ތެރޭގައި ގައިގައި ރިއްސުމާއި ހުން އައުމާއި ބޮލުގައި ރިއްސުމާއި ހަމުގައި ރަތް ކުލައިގެ ބިހިތަކެއް ނަގާފައި ހުރުން ހިމެނެއެވެ.



