ޚަބަރު ފީތާ

ކުޅިވަރުގެ މައިދާނުގައި ޙަރަކާތްތެރިވާ ކުޅުންތެރިންނަކީ ދިވެހި ޤައުމީ ދިދަ ބޭރު ޤައުމުތަކުގައި އުފުލާލަދޭނެ ބައެއް: ޑރ. ޢައިޝަތު ޝިހާމް

ޑރ. ޙުސައިން ޙަލީމް (ކުޑަހުސައިން) - ފޮޓޯ: ކޭއެޗް

ކުޅިވަރުގެ މައިދާނުގައި ޙަރަކާތްތެރިވާ ކުޅުންތެރިންނަކީ ދިވެހި ޤައުމީ ދިދަ ބޭރު ޤައުމުތަކުގައި އުފުލާލަދޭނެ ބައެއް ކަމަށް ޑރ. ޢައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ ކުޅިވަރުގެ މައިދާނުން މަޝްހޫރުވެ ބަޠަލަކަށް ވާ ކޮންމެ ކުޅުންތެރިއަކަށްވިޔަސް ނުވަތަ އެނޫން ރޮނގަކުންވިޔަސް މަޝްހޫރުކަން ލިބޭ ކޮންމެ ކުއްޖަކަށްވެސް އެމަޝްހޫރުކަން ލިބުމުގެ ފަހަތުގައި އެތައް ބައެއްގެ ޤުރުބާނީ ތަކެއް ވާނެ ކަމަށެވެ.

“ އެކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންވާނެ. ތިމާގެ މައިން ބަފައިންނާއި ޢާއިލާ އާއި ސްކޫލާއި އަދި ރަޙްމަތްތެރިންގެ ޤުރުބާނީ ތައް ހަނދާން ކުރާ އިރު ހަނދާނުގައި ބަހައްޓަންވާ އިތުރު ކަންތައްތަކެއްވެސްވޭ. އެއީ ތިމާ އަކީ ދިވެހި ރައްޔިތަކަށް ވީކަން. ތިމާ ނިސްބަތްވާ ޤައުމުގެ ކާބަފައިން ވީ ޤުރުބާނީ. މިޤައުމު އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައި މިވަނީ އަޅުގަނޑުމެންގެ ކާބަފައިން އެމީހުންގެ ޖާނުން އެތައް ޤުރުބާނީއެއްވެގެން.“ މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އަބަދުވެސް ހަނދާން ކުރުން މުހިއްމު އެއްކަމަކީ ތިމާގެ ޤައުމު ތިމާއާއި ހަމައަށް ގެނެސްދެއްވުމުގައި ކާބަފައިން ވެވަޑަގެންނެވި މަތިވެރި ޤުރުބާނީގެ މަތިން ކަމަށާއި ކޮންމެ ކަމެއް ކުރި ކަމުގައި ވިޔަސް އެކަމެއް ކުރުމަށް ފުރުޞަތު ހޯދައިދެނީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި މިނިވަންކަމާއެކު އަޅުގަނޑުމެންނާ ހަމައަށް މިޤައުމު އަޔަތީ ކަމަށެވެ. އަދި ޤައުމު އަންނަން އޮތް ޖީލުތަކާ ހަމައަށް ރައްދުކޮށްދިނުމަށް ކާބަފައިން އަޅުގަނޑުމެންނާ ހަވާލުކުރި މި އަގުހުރި ތަރިކައަށް، މިއަގުހުރި އަމާނާތައް ރައްކާތެރިވުން މުހިންމު ކަމަށެވެ.

މީގެ އިތުރުން ޤައުމުގެ އަގު ވެއްޔާ މޮޑެލާ ޤައުމުގެ ކަރާމާތް ނަގާލަން މަސައްކަތް ކުރާ ފަރާތްތަކާ ކުރިމަތިލާ ޙައްޤު ބަސް ބުނުމުގެ ހިތްވަރު އަޅުގަނޑުމެންގެ ކިބައިގައި ހުރުން މުހިންމު ކަމަށާއި ދިވެހިރާއްޖެ، ދިވެހިރާއްޖެއަކަށް ވަނީ އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމް ދީނާއި ތަރިކަ އާއި އާދަކާދައާއި ދިވެހިބަހާއި މިނިވަންކަމާ މިހުރިހާ ކަމެއް އެކުވުމުން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މާދަމާ ކުޅިވަރުގެ ބޮޑެތި ބާރުތަކުގެ މައްޗަށް ކާމިޔާބު ހޯދާ ދުނިޔޭގެ ރަން ތަށި މިޤައުމަށް ގެންނާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށާއި އެކަމަށް އެދިގެން ޤައުމިއްޔަތު ހިތުގައި ބާއްވާއިގެން މަސައްކަތް ކުރާނަމަ، މިޤައުމަކީ ކިތަންމެ ކުޑަ، މީސްކޮޅު މަދު ޤައުމެއް ނަމަވެސް އެކަންވެސް ކާމިޔާބު ވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އެކަމަނާ ވަނީ އެދުވަސް އަޅުގަނޑުމެންނަށް ދައްކަވާނެ ކަމަށާއި ހިތްވަރާއެކު މަސައްކަތް ކުރަންވީ ކަަމަށާއި މިއަދު މިވަނީ އެހިސާބަށް ދިއުމަށް ބޭނުންވާ މަގު ކޮށާދެވިފައި ކަމަށްވެސް ވިދާޅުވެފައެވެ. އަދި އެމަގުން ދަތުރު ކުރުމަށް ޢަޒުމު ކަނޑައަޅަން ހުރިހާ ދަރިވަރުންނަށް ވަނީ ގޮވާލައްވާފައެވެ.

Rate this post