ޚަބަރު ފީތާ

މެލޭޝިޔާގައި ފަލަސްތީނުގެ ޢިލްމުވެރިއެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ފަލަސްތީނުގެ ޢިލްމުވެރިއެއް ފަތިސް ނަމާދަށް ދިޔަ މަގުމަތީގައި ދެމީހަކު އޭނާގެ ގަޔަށް ބަޑި ޖަހައި މަރާލައިފި ކަމަށް އެ ޤައުމުގެ ފުލުހުން ބުނެފިއެވެ.

ފަލަސްތީނުގެ ޢިލްމުވެރިއެއް އަދި ޙަމާސްގެ މެމްބަރެއް ކަމަށްވާ 35 އަހަރުގެ ފަދީ އަލް ބަތަޝްގެ ގަޔަށް ކާކު ކަން ނޭންގޭ ދެމީހަކު ބަޑި ޖަހައި މަރާލާފައި ވަނީ ކުއަލަ ލަމްޕޫރުގައި މީހުން ދިރިއުޅޭ ސަރަޙައްދެއްގައި ހޮނިހިރު ދުވަހުއެވެ. އަދި އޭނާއާއި ދިމާލަށް 10 ފަހަރު ބަޑި ޖަހާފައިވާ ކަމަށާއި އޭގެން 4 ވަޒަން އޭނާގެ ގަޔަށް އަރައި ވަގުތުން މަރުވި ކަމަށް ފުލުހުން ބުނެއެވެ.

އަލް ޖަޒީރާއަށް މަޢުލޫމާތު ދެމުން އަލް ބަތަޝްގެ ބައްޕަ ވަނީ އޭނާ މަރާލީ އިޒްރާއީލުގެ އިންޓެލިޖެންސް އޭޖެންސީ މޮސާދުއިން ރާވައިގެން ކަމަށް ތުހުމަތު ކޮށްފައެވެ. އަދި އޭނާ ވަނީ މި މައްސަލަ ވީހާވެސް އަވަހަކަށް ތަހުގީގު ކޮށްދިނުމަށް މެލޭޝިއާގެ ކަމާބެހޭ ފަރާތްތަކުން އެދިފައެވެ.

މެލޭޝިޔާގެ ޤައުމީ ޓީވީއެއް ކަމަށްވާ ބާރނަމާގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގައި ތުހުމަތު ކުރެވޭ 2 މީހުންނަކީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީއަކަށް ނިސްބަތްވާ ޔޫރަޕު ދެމީހުން ކަމަށް ޝައްކު ކުރެވޭ ކަމަށް މެލޭޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރ އަޙްމަދު ޒާހިދު ހަމީދީ ވަނީ ބުނެފައެވެ.

ފުލުހުންގެ ވެރިޔާ ދަތުކް ސެރީ މަންސޫރު ލާޒިމް މީޑިއާތަކަށް މަޢުލޫމާތު ދެމުން ބުނެފައި ވަނީ، ޙަމަލާދިން ދެމީހުން މީހުން ދިރިއުޅޭ އިމާރެއްގެ ކުރިމަތީގައި އަލް ބަތަޝްގެ އިންތިޒާރުގައި 20 މިނެޓު މަޑުކޮށްފައިވެއެވެ. އަދި އަލް ބަތަޝް އަންނަތަން ފެނުމުން އޭނާއަށް ޙަމަލާ ދިނީ ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

މި ޙަމަލާގައި އަލް ބަތަޝްގެ ގަޔަށާއި ބޮލަށް ވަޒަން އަރައި ވަގުތުން މަރުވެފައި ވާ ކަމަށް ވެސް ފުލުހުން ވަނީ ހާމަ ކޮށްފައެވެ. ފުލުހުން އިތުރަށް ބުނެފައި ވަނީ މި ޙަމަލާ ތރަހުގީގު ކުރުމުގައި ހުރިހާ ދިމާލަކަށް ބަލަމުންދާ ކަމަށާއި، މިއީ ޓެރަރިޒަމްއާއި ގުޅުން ހުރި ކަމެއްތޯ ވެސް ބަލާނެ ކަމަށް ބުނެފައިވެއެވެ.

ޣާޒާ ކޮންޓްރޯލް ކުރާ ޙަމާސްގެ ތަރުޖަމާން ހާޒިމް ޤާސިމް ވަނީ އަލް ބަތަޝްއަކީ ޙަމާސްގެ މެމްބަރެއް ކަން އަލް ޖަޒީރާއަށް ޔަގީން ކޮށްދީފައެވެ.

Rate this post