ޚަބަރު ފީތާ

ޖެންޑަރ މިނިސްޓްރީއަށް ފެބުރުއަރީ މަހު 210 މައްސަލައެއް ރިޕޯޓުކޮށްފި

މިއަހަރުގެ ފެބުރުއަރީ މަހު 210 މައްސަލައެއް މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

އެގޮތުން ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 117 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާއި މިއީ ފެބުރުއަރީ މަހު ރިޕޯޓުކޮށްފައިވާ މައްސަލަތަކުގެ 56 އިންސައްތައެވެ. އަދި މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިންސީ ހާނީއްކައިގެ މައްސަލަތައް ކަމަށާއި މި ބާވަތުގެ 44 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށްވެސް ބުންޏެވެ.

މީގެ އިތުރުން އެ މިނިސްޓްރީން ބުނީ މި ބާވަތުގެ މައްސަލަތަކުގެ އިތުރުން ޖިސްމާނީ ހާނީއްކައިގެ 30 މައްސަލައާއި އިހުމާލުވުމުގެ 18 މައްސަލައާއި ނަފްސާނީ ހާނީއްކައިގެ 9 މައްސަލަވެސް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ ނުވަތަ ސައިބަރ ބުލީންގގެ ޝިކާރައަކަށްވުމުގެ 5 މައްސަލައާއި އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލައާއި ކުދިން ދޫކޮށްލާފައި ދިޔުމުގެ 3 މައްސަލަ އަދި ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 3 މައްސަލަވެސް އެ މައްސަލަތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

 

Rate this post