ޓްރެވް މޯލްޑިވްސްގެ ފަރާތުން ޢުމްރާގެ ދަތުރުތައް ފަށަނީ
ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިތުބާރާއެކު ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ޓްރެވަލް އެޖެންޓެއް ކަމުގައިވާ “ޓްރެވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް”ގެ ފަރާތުން ދިވެހިންނަށް ޚާއްޞަކޮށްގެން ޢުމްރާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށް އެކުންފުނީގެ ފަރާތުން މަޢުލޫމާތު ދީފިއެވެ.
އެގޮތުން ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށްޓަކައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދޫކުރާ ހުއްދަ އެކުންފުންޏަށް ލިބިފައިވާކަން އެކުންފުނީގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ.
“އަޅުގަނޑުމެންގެ މަޤްޞަދަކީ ދިވެހި ފަތުރުވެރިކަމުގެ ޞިނާޢަތުގައި އަޅުގަނޑުމެން ހިއްސާކުރަމުން މިދާފަދަ ފުރިހަމަ ޚިދުމަތްތަކެއް، ދިވެހި ރައްޔިތުންގެ ތެރެއިން ޢުމްރާގެ އަޅުކަން އަދާކުރަން ބޭނުންވާ ފަރާތްތަކަށް ވެސް ފޯރުކޮށްދީ އެފަދަ ފަރާތްތަކަށް މިމަތިވެރި އަޅުކަން އަދާކުރުމުގައި ފަސޭހަތަކެއް ފޯރުކޮށްދިނުން” ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ.
މިކަމާގުޅިގެން އެޓޯލްނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޢަބްދުﷲ ވިދާޅުވީ ޢުމްރާއާ ގުޅޭ މަސައްކަތްތައް ކުރުމަށްޓަކައި “ޓްރެވް ޙައްޖު އެންޑް ޢުމްރާ” މި ނަމުގައި ވިޔަފާރި ނަމެއް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓަރީކޮށް، ކުންފުނީގެ އޮފީސް ހ. ޝީރީންވިލާ 1 ގެ 3 ވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ ކަމަށެވެ.
ކުންފުނީގެ ފަރާތުން ހާމަކުރައްވާ ގޮތުގައި، އެކުންފުނީގެ ފަރާތުން ކުރިއަށް އޮތް ރަމަޟާން މަހުގެ ފަހު ފަނަރައިގެ ޢުމްރާ ދަތުރަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ހަލުވި ކަމާއެކު ކުރިއަށް ދެއެވެ. އަދި ރަމަޟާން ޢުމްރާގައި ދިއުމަށް މިހާރު ދަނީ ނަން ނޯޓުކުރަމުންނެވެ. މި ދަތުރުގައި “ޓްރެވް ޙައްޖު އެންޑް ޢުމްރާ” އާއެކު އައްޝައިޚް ޖަޢުފަރު ފާއިޒް އާއި އެހީތެރިންގެ ގޮތުގައި ތަޖުރިބާކާރު ޓީމެއް ބައިވެރިވެވަޑައިގަންނަވާނެކަމަށް ވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ މިފަހަރު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދީފައިވާ 17 ކުންފުނީގެ ނަންތައް އެ މިނިސްޓްރީން ވަނީ ޢާންމުކޮށް އިޢުލާންކުރުމާއެކު މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިޢުވެސް ކުރައްވާފައެވެ.