މިޔަންމާގައި ރޮހިންގޔާ މުސްލިމުންގެ ނަސްލު ނައްތާލުމަށް ކުރަމުންދާ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށް އދ ގެ އިންސާނީ ހައްޤުތަކާބެހޭ ވަފުދަކުން ބުނެފިއެވެ.
އަންގާރަ ދުވަހު އެ ވަފުދުގެ ފަރާތުން ބުނެފައި ވަނީ، މުސްލިމުންނާ ދެކޮޅަށް އިންސާނީ ޖަރީމާތައް ހިންގައިގެންނާއި އެމީހުން ބަނޑަށް ޖައްސައިގެން ނަސްލު ނައްތާލުމަށް މިޔަންމާ ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިޔަންމާގެ އަސްކަރިއްޔާއިން މުސްލިމުންނާ ދެކޮޅަށް ހަމަލާތައް ފަށާފައި ވަނީ މީގެ 7 މަސް ކުރިންނެވެ.
އޮގަސްޓް މަހު މިޔަންމާގެ އަސްކަރިއްޔާއިން މުސްލިމުންގެ ގެތަކުގައާއި ބިންތަކުގައި ހުޅު ޖަހައި، އަންހެނުންނާއި ކުޑަކުދިން ރޭޕްކޮށް ކުށެއް ނެތް މުސްލިމުން މަރަން ފެށުމުން މިހާތަނަސް 700،000 އެއްހާ މުސްލިމުން ވަނީ ރޮހިންގޔާ ދޫކޮށް އަވައްޓެރި ބަންގްލަދޭޝްއަށް ދަތުރު ކޮށްފައެވެ.
އދ ގެ އިންސާނީ ހައްޤުތަކާބެހޭ ޖަމިއްޔާގެ އެސިސްޓެންޓް ސެކެޓްރީ ޖެނެރަލް އެންޑްރޫ ގިލްމޯ، ބަންގލަދޭޝްގައި ރޮހިންގޔާގެ ރެފިއުޖީން ތިބި ހިސާބު ކަމަށްވާ ކޮކްސް ބާޒާރަށް އަލަށް އައި ރޮހިންގޔާގެ މުސްލިމުންނާ ވާހަކަ ދެއްކުމަށްފަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މިޔަންމާގައި ނަސްލު ނައްތާލުން އަދިވެސް ކުރިއަށްދާ ކަމަށާއި، އެ ނޫން އެހެން ގޮތަކަށް ބުނެވޭނެ ޖާގަ ނެތް ކަމަށެވެ.
ބަދަލުވެފައި ވަނީ ހަމައެކަނި ޙަމަލާދޭ ގޮތް ކަމަށާއި، މީހުންނަށް ޙަމަލާދީ ތަންތަން އަންދައި އަންހެނުން ރޭޕް ކުރުމުގެ ބަދަލުގައި މިހާރު މިޔަންމާ ސިފައިން އެމަސައްކަތް ކުރަމުން ދަނީ ރޮހިންގޔާ މުސްލިމުން ބަނޑަށް ޖައްސައިގެން ނަސްލު ނައްތާލުމަށް ކަމަށްވެސް އޭނާ ބުނެފައިވެއެވެ.
އަދި މިޔަންމާ ސަރުކާރުން ބައެއް ރެފިއުޖީން އަލުން އަނބުރާ މިޔަންމާއަށް އެތެރެވުމަށް ހުއްދަ ދޭނެ ކަމަށް ބުނެމުންދިޔަ ނަމަވެސް، އެއްވެސް މުސްލިމަކަށް އަލުން އަނބުރާ މިޔަންމާއަށް ދެން ދުވަހަކުވެސް އެނބުރި ދިއުމަކީ ނާދިރު ކަމެއް ކަމަށް ވެސް އޭނާގެ ބަޔާނުގައި ބުނެފައިވެއެވެ.
ގިލްމޯގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، މިޔަންމާ ސަރުކާރުން ރޮހިންގޔާ މުސްލިމުން އަނދުރާ ގައުމަށް އައުމަށް ދައުވަތު ދިންކަން މުޅި ދުނިޔެއަށް ދެއްކުމަށް މަސައްކަތް ކުރަމުންދާއިރު، އެ ގައުމުގެ އަސްކަރިއްޔާއިން ދަނީ މުސްލިމުން އެ ޤައުމުން ބޭރުކޮށް ބަންގްލަދޭޝަށް ފޮނުވާލުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށެވެ.
ދަރުމައަށް މަސައްކަތް ކުރާ ޑޮކްޓަރުންގެ ޖަމާއަތެއް ކަމަށްވާ ޑޮކްޓަރސް ވިތައުޓް ބޯޑަރސްއިން ބުނެފައިވާ ގޮތުގައި މިޔަންމާ އަސްކަރިއްޔާއާއި ހައްދުފަހަނައަޅާފައިވާ ބުދިސްޓުން ދިން ޙަމަލާތަކުގައި އެންމެ ފުރަތަމަ މަހުގައިވެސް 6700 މީހުން މަރުވެފައިވާ ކަމަށެވެ.
ސެޓަލައިޓް ފޮޓޯތަކުން ދައްކާފައިވާ ގޮތުގައި މަދުވެގެން 55 އަވަށް މިޔަންމާގެ ސަރުކާރުން ވަނީ ސުންނާފަތިކޮށް، އަންދާލާފައެވެ. އަދި މީހުން ދިރިއުޅުނު ކަމުގެ އެއްވެސް ނިޝާނެއް ނުފެންނަ ވަރަށް ހަލާކު ކޮށްލާފައިވާ ކަމަށް އެ ފޮޓޯތަކުން ދައްކައެވެ.