“އޯލްޓަނޭޓިވް ފޯ ޖަރމަނީ”ގެ ލީޑަރ އާތަރ ވެގްނަރ އިސްލާމްވެއްޖެ
އިސްލާމްދީނާ ހަތުރުވެރި ޖަަރުމަންވިލާތުގެ ކަނާތުފިޔާގެ ޕާޓީއެއްކަމަށްވާ “އޯލްޓަނޭޓިވް ފޯ ޖަރމަނީ” (އޭ.އެފް.ޑީ)ގެ ލީޑަރެއްކަމަށްވާ އަރތަރ ވެގްނަރ އިސްލާމްވެއްޖެއެވެ.
އޭނާ ޕާޓީގެ މަޤާމުން އިސްޠިޢުފާ ދިނުމަށްފަހު ޕާޓީ ދޫކޮށްލައްވާފައި ވާއިރު، އޭނާ ޕާޓީއިން ވަކިވެވަޑައިންފައިވަނީ އަމިއްލަ މައްސަލަތަަކަކާ ގުޅިގެންކަމަށް އޭ.އެފް.ޑީގެ ތަރުޖަމާންއާ ހަވާލާދީ އެގައުމުގެ ދަޢުލަތުގެ މީޑީޔާއިންވަނީ ބުނެފައެވެ.
2015 ވަނަ އަހަރުން ފެށިގެން އޭ.އެފް.ޑީގައި ހަރަކާތްތެރިވަމުން އަންނަ ވެގްނަރއާމެދު އެގައުމުގެ ދުވަހު ނޫހަކުން ޢާއްމުކުރި މިޚަބަރާ މެދު، އޭނާ މިހާތަނަށް އެއްޗެއް ވިދާޅުވެފައެއްނުވެއެވެ.
“އޯލްޓަނޭޓިވް ފޯ ޖަރމަނީ” (އޭ.އެފް.ޑީ) އަކީ އިސްލާމްދީނުގެ ފިކުރާ ވަރަށް އިދިކޮޅު އަދި މުސްލިމުންނާ އެހާމެ ހަތުރުވެރި ސިޔާސީ ޕާޓީއެކެވެ. މިގޮތުން، އެޕާޓީއިން ވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ހުޅަނގަށް ހިޖުރަކުރަމުންދާ ރެފިޔުޖީންނާ ދެކޮޅަށް އަޑުއުފުލާފައެވެ. އެހެންކަމުން މިފަދަ ޕާޓީއެއްގެ އިސްވެރިއެއް އިސްލާމްވުމާ ގުޅިގެން ވެގްނަރއަށް ދަނީ ސޯޝަލް މީޑީޔާގައި ގިނަ ފާޑުކިޔުންތައް އަމާޒުވަމުންނެވެ.
ދުނިޔޭގެ މީޑީޔާތަކުން އަރތަރ ވެގްނަރ އިސްލާމްވުން ސިފަކޮށްފައިވަނީ ނެދަރލޭންޑްސްގެ އަރނޯޑް ވެން ޑޯން އިސްލާމުވުމާ އެއްހަމައިގައެވެ. މިގޮތުން، އަރނޯޑްވެސް އިސްލާމްވެވަޑަައިގެންފައިވަނީ ވެގްނަރ ފަދައިން ނެދަރލެންޑްސްގެ ކަނާތު ފިޔާގެ އިސްލާމްދީނާ ހަތުރުވެރި ޕާޓީއެއްގެ ލީޑަރެއްގެ ގޮތުގައި ހުންނަވަައިގެންނެވެ. ނަމަވެސް، އާނޫޑު އިސްލާމްވެވަޑައިގަތުމާއި ގުޅިގެން އޭނާވަނީ ޕާޓީއިން ވަކިކޮށްފައެވެ.