ޖާސޫސްކުރި ޗައިނާގެ ދެ މީހަކު އެމެރިކާގައި ޖަލަށްލައިފި

ޗައިނާއަށް ޖާސޫސުކޮށްދިނުމަށް އެމެރިކާގެ އަސްކަރިއްޔާގެ މެންބަރުން ރެކްރޫޓްކުރަން އުޅުނުކަމަށް އިއުތިރާފުވުމާ ގުޅިގެން ޗައިނާގެ މި ދެ މީހުން ޖަލަށްލުމަށް އެމެރިކާގެ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ލީރެން ލާއި އާއި ޔުއަންސޭ ޗެން ވަނީ އެމެރިކާގައި ތިބި ބަޔަކަށް މަދުވެގެން 30،000 ޑޮލަރުގެ ”ޑެޑް ޑްރޮޕް“ ފައިސާގެ މުއާމަލާތްތަކެއް ހިންގުމަށް އެހީތެރިވެދިން ކަމަށް އިއުތިރާފުވެފަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އުމުރުން 40 އަހަރުގެ ލީރެން ”ރަޔަން“ ލާއި އާއި 39 އަހަރުގެ ޔުއަންސޭ ޗެންގެ މައްޗަށް އިއްވީ 30 މަސް ދުވަހުގެ ޖަލު ހުކުމަކާއި ޖަލުން މިނިވަންވުމަށްފަހު ތިން އަހަރު ދުވަހުގެ މުއްދަތަށް ސުޕަވައިޒްޑް ރިލީޒް ނުވަތަ ފާރަވެރިވުމުގެ ދަށުގައި ބޭތިއްބުމުގެ ހުކުމެކެވެ.

މިކަން ހާމަކޮށްފައިވަނީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން ހުކުރު ދުވަހު ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައިވާ ގޮތުން މި ދެ މީހުން މަސައްކަތް ކޮށްފައިވަނީ އެމެރިކާގެ ޤައުމީ ސަލާމަތާ ގުޅުންހުރި މައުލޫމާތު ހޯދުމަށްޓަކައި ސިއްރިއްޔާތުގައި ފައިސާ ދިނުމުގެ އިންތިޒާމުތަކެއް ހަމަޖެއްސުމަށެވެ.

ނޭޝަނަލް ސެކިއުރިޓީގެ އެސިސްޓަންޓް އެޓާނީ ޖެނެރަލް ޖޯން އޭ. އައިޒެންބާގް ވިދާޅުވި ގޮތުގައި މިއީ އެމެރިކާގެ ޤައުމީ ސަލާމަތަށް ނުރައްކާކޮށް ޗައިނާގެ އިންޓެލިޖެންސް އޮޕަރޭޝަންތަކަށް އެހީތެރިވުމަށްޓަކައި ދުރާލައި ރޭވިގެން ހިންގާފައިވާ ވަރަށް ފުޅާ އަދި ނުރައްކާތެރި މަސައްކަތްތަކެކެވެ.

ކޯޓުގެ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ލާއި އާއި ޗެން ޗައިނާގެ ފޮރިން އިންޓެލިޖެންސް އިދާރާ ކަމަށްވާ މިނިސްޓްރީ އޮފް ސްޓޭޓް ސެކިއުރިޓީގެ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައިވަނީ މެއި 2021 ގައެވެ.

ޓޫރިސްޓް ވިސާއެއްގައި އެމެރިކާއަށް ދިޔަ ލާއި އެމެރިކާގެ ދާއިމީ ރެސިޑެންޓެއް ކަމަށްވާ ޗެން މި މަސައްކަތުގެ ތެރެއަށް ވެއްދި އެވެ.

ފުރަތަމަ ލާއި މަސައްކަތް ކުރީ ޗެން އާއި ޗައިނާގެ އިންޓެލިޖެންސް އޮފިސަރުންނާ ދެމެދު މުާމަލާތްކުރާ މެދުވެރިއެއްގެ ގޮތުގަ އެވެ.

ނަމަވެސް ފަހުން ޗެން ވަނީ ސީދާ އޭނާގެ ހޭންޑްލަރުގެ އަތުން އިރުޝާދުތައް ހޯދަން ފަށާފަ އެވެ.

މެއި 2022 ގައި މި ދެ މީހުން ވަނީ ޗައިނާއިން ފޮނުވި 10،000 ޑޮލަރުގެ ސިއްރު ފައިސާގެ މުއާމަލާތެއް ހިންގާފަ އެވެ.

އެމެރިކާގައި ތިބި ބަޔަކަށް އަމުރުކޮށްގެން ކަނޑައެޅިފައިވާ ވަކި ތަނަކަށް އެ ފައިސާ ލުމަށްފަހު އެހެން މީހަކު އެ ފައިސާއާ ހަވާލުވާ ގޮތަށް ހަމަޖެއްސި އެވެ.

މިއީ ޖާސޫސީ ދާއިރާގައި ”ޑެޑް ޑްރޮޕް“ ގެ ގޮތުގައި މަޝްހޫރު އުކުޅެކެވެ. އޭގެ ފަހުން މިފަދަ ދެވަނަ އޮޕަރޭޝަނެއްގައި 20،000 ޑޮލަރުގެ މުއާމަލާތެއްވެސް ވަނީ ހިންގާފަ އެވެ.

މީގެ އިތުރުން މި ދެ މީހުން ވަނީ ކަނޑުގެ ސިފައިންގެ މަރުކަޒުތަކާއި އަސްކަރިއްޔާއަށް އަލަށް ގުޅޭ މީހުންނާއި ހިދުމަތުގައި ތިބި ސިފައިންގެ ފޮޓޯ ނެގުން ފަދަ ޖާސޫސީ މަސައްކަތްތައް ކޮށްފަ އެވެ.

ޗެން ވަނީ އެމެރިކާގެ ނޭވީ މުވައްޒަފެއްގެ އަމިއްލަ މައުލޫމާތާއި ޖާސޫސީ މަގްސަދުތަކަށް ބޭނުންކުރެވިދާނެ އަސްކަރީ މުވައްޒަފުންގެ ވަނަވަރުތައް އެއްކޮށްފަ އެވެ.

މި ދެ މީހުންގެ މައްޗަށް ސާބިތުވެފައިވަނީ އެޓާނީ ޖެނެރަލަށް ނޭންގި ބޭރު ޤައުމެއްގެ އެޖެންޓުންގެ ގޮތުގައި މަސައްކަތް ކުރުމަށް ރޭވުމާއި އެފަދަ އެޖެންޓުންގެ ގޮތުގައި އަމަލީ ގޮތުން މަސައްކަތް ކުރުމުގެ ކުށެވެ. ދެ މީހުންވެސް ވަނީ ކޯޓުގައި ކުށަށް އިއުތިރާފުވެފަ އެވެ.

މި ދެ މީހުން ހައްޔަރުކޮށް ދައުވާ އުފުލާފައިވަނީ ޖޫން 2025 ގައެވެ.

އޮގަސްޓް މަހުގެ ފަހުކޮޅު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ ޗައިނާއިން އެމެރިކާއަށް ޖާސޫސު ކުރާކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެމެރިކާއިންވެސް ޗައިނާއަށް ޖާސޫސު ކުރާ ކަމަށެވެ.

މީގެ އިތުރުން ޖާސޫސީ ތުހުމަތުގައި އެމެރިކާގެ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށް ޖޫން މަހު ޗައިނާއިން ވަނީ އިއުލާންކޮށްފަ އެވެ.

މިއީ އެމެރިކާ އާއި މިއަންމާގެ ރައްޔިތުކަން އޮންނަ މީހަކު ހައްޔަރުކުރި ކަމަށް މީޑިއާތަކުން ރިޕޯޓްކުރިތާ އެއް ދުވަސް ފަހުންނެވެ.

އެ މީހަކީ މިއަންމާގެ ސިޔާސީ ކަންކަމާ ގުޅޭގޮތުން، އަސްކަރީ ސަރުކާރަށާއި އިދިކޮޅު ފަރާތްތަކަށް ފާޑުކިޔައި ލިޔުންތައް ލިޔެފައިވާ މިން ޒިން ނަމަކަށް ކިޔާ މީހެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.