އަލް ޙާކިމް ގަނޑުވަރުގައި ހައްޔަރުކުރެވުނު 11 އަމީރުންގެ ޙަޤީޤަތް އޯޑިއޯ ރެކޯޑިންނެއް މެދުވެރިކޮށް ޢާއްމުކުުރެއްވުމާއި ގުޅިގެން ސަޢުދީ މެރިން ސްޕޯޓްސް ފެޑަރޭޝަންގެ ރައީސްގެ ގޮތުގައި ހުންނެވި ޢަބްދުﷲ ބިން ސަޢުދު ހައްޔަރުކޮށްފިއެވެ.
އަމީރު އަބްދުﷲ ޢާއްމުކުރެއްވި އޯޑިއޯގައި ވަނީ އޭނާއަކީ އެގައުމުގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ދުށް ފަރާތެއްކަން ފާހަގަކުރައްވާފަ. އެހެންކަމުން ހަައްޔަރުކުރެވުނު 11 އަމީރުންނަކީ ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ޤައުމަށް ޚިދުމަތްކުރުމުގައި ފާހަގަކޮށްލެވޭ ޒުވާނުންކަން އޭނާ ހެކިވެވަޑައިންނަވާކަމަށާއި، މިފަދަ ފަރާތްތަކެއް ޤާނޫނާ ޚީލާފު ނުވާނެކަން ޔަޤީންވާކަމަށް އަމީރު ވިދާޅުވެފައިވެއެވެ.
އަދި އެއަމީރުން މުޒާހަރާ ކުރައްވާފައި ވަނީ އަމީރު މުޙައްމަދު ބިން ނާޔިފްއާ ސުވާލުކުުރުމަށް ކަމަށް ބުނެ ހަައްޔަރުކުރުމާއި ގުޅިގެން އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުންކަމަށްވެސް އަމީރު ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން އެފަރާތްތައް ހައްޔަރުކުރެވިފައިވަނީ ސަޢުދީގެ ވަލީ އަހުދުގެ ސީދާ ބެއްލެވުމުގެ ދަށުން އެގައުމުގެ އެލީޓް ފުލުހުން ހިންގި ޚާއްޞަ އޮޮޕަރޭޝަނެއްގެ ތެރެއިން ކަންވެސް އަމީރު ޢަބްދުﷲ ވަނީ ހާމަކުރައްވާފައެވެ.
ނަމަވެސް ސަޢުދީއިން ހާމަކޮށްފައިވާ ގޮތުގައި އަލް ޙާކިމް ގަނޑުވަރުގައި ހައްޔަރުކުރެވުނު އަމީރުންނަކީ އެގައުމުގެ އިޤްޠިޞާދު ރަނގަޅުކުރުމުގެ ގޮތުން ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅުތަކާމެދު ނުރުހުން ފާޅުކުރި އަމީރުންތަކެއް. މިކަމާ ގުޅޭގޮތުން އަމީރު ޢަބްދުﷲ ވިދާޅުވީ މިފަދަ ދުނިޔަވީ އަގެއް ނެތް ކަންކަމުގެ ފަހަތުން އެފަދަ ތެދުވެރި ޒުވާނުންތަކެއް ނުދާނެކަމަށެވެ.
މިފަދަ މަޢުލޫމާތުތަކެއް އަމީރު ޢަބްދުﷲ ޢާއްމުކުރައްވާފައިވާއިރު، އޭނާ މިމަޢުލޫމާތު ޢާއްމުކުރައްވާފައިވަނީ އަމިއްލައަށް އިސްނެންގެވުމާއި އެކުގައި ކަމަށް ވަނީ ވިދާޅުވެފަ. މިމަޢުލޫމާތުތައް ޢާއްމުކުރެއްވުމާއި ގުޅިގެން މިހާރު އަމީރު ޢަބްދުﷲ ހުންނެވީ އަލް ހައިރު ޖަލުގަ ހައްޔަރު ކުރެވިފައިކަމަށް މީޑީޔާއިންވަނީ ރިޕޯޓްކޮށްފައެވެ.