މިއަދުވަނީ ޔަމަނުގައި ހިނގަމުންދާ ހަނގުރާމައަށް 1000 ދުވަސް ފުރިފަައެވެ.
އެހަނގުރާމައަށް 1000 ދުވަސް ފުރިފައިވާއިރު، އެގައުމުގެ ގިނަ ޢަދަދެއްގެ ސްކޫލުތައް ވަނީ ބަންދުކުރެވިފައެވެ. އަދި ހަނގުރާމައިގެ ސަބަބުން ގިނަ ހަސްފަތާލުތަކެއް ސުންނާފަތިވުމުގެ އިތުރުން، ޞިއްޙީ ދާއިރާގައި ބޭނުންކުރާ އާލާތްތައް ލިބުމުގައި ދަތިތައް ކުރިމަތިވުމުގެ ސަބަބުން އެގައުމުގެ ޞިއްޙީ ދާއިރާއަށްވަނީ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައެވެ. އެހެންކަމުން، ޔަމަނުގެ ރައްޔިތުންވަނީ ޞިއްޙިގޮތުން އެންމެ އަސާސީ ޚިދުމަތްތައް ލިބިގަތުމުންވެސް މަޙްރޫމްވެފައެވެ.
އަރަބި ކަރާގައި އޮތް އެންމެ ތަނަވަސް ބައެއްގެ ގޮތުގައި ރޯމަނުން ސިފަކޮށްފައިވާ ޔަމަނުގެ ރައްޔިތުން ފަޚުރުވެރިވާ އެގައުމުގެ އާސާރީ ބިނާތައް ވަނީ ހަނގުރާމައިގެ ސަބަބުން ބިމާ ހަމަވެފައެވެ. މީގެ އިތުރުން، ހަނގުރާމައިގެ ކުރިން އެގައުމުގެ އެންމެ ކާރޯބާރޯ ސަރަޙައްދުތައް މިހާރު ފެނިގެންދަނީ މީހުންނޫޅޭ ފަޅު ތަންތަނުގެ ގޮތުގައިކަމަށް ދުނިޔޭގެ މީޑިޔާތަކުންދަނީ ސިފަކުރަމުންނެވެ.
2015 ވަނަ އަހަރު ޔަމަނުގައި ހަރަކާތްތެރިވަމުންދާ ހޫޘީ ހަނގުރާމަވެރިންވަނީ، އެގައުމުގެ ވެރިކަމުގައި ހުންނެވި ރަޢީސް އަބްދުއް ރައްބޫޙް މަންޞޫރު ހާދީ ގަދަކަމުން ވެރިކަމުން ދުރުކުރުމަށްފަހު އެގައުމަށް ވެރިވެގަނެފައެވެ. އެހެންކަމުން، ޤާނޫނީ ވެރިކަން އަނބުރާ ރުޖޫޢަކުރުމުގެ ނަމުގައި މަންޞޫރު ހާދީއާ ގާތްގުޅުމެއް އޮންނަ ސަޢުދީ އަރަބިއްޔާއިން އުފެއްދި ގުޅިފައިވާ ކޯލިޝަނުންދަނީ، ޔަމަނަށް އެތައް ޙަމަލާއެއް ދެމުންނެވެ.
މިގޮތުން، ވޭތުވެދިޔަ 11 ދުވަހުގެ ތެރޭގައި މިދެފަރާތުގެ ޙަމަލާ ބަދަލުކުރުންތަކުގައި 136 މީހުން މަރުވެފައިވޭއެވެ. އަަދި އ1000ދުވަހަށް ދިގުދެމިފައިވާ މިހަނގުރާމައިގައި 10000 ވުރެން ގިނަ މީހުން މަރުވެފައިވާއިރު، އެތައް މިލިއަން ރައްޔިތުންގެ ގެދޮރުވަނީ ގެއްލިފައެވެ.