
ދިވެހިންނަކީ އެމީހުންގެ ހުރިހާ މުހުތާދުތަކެއް އަމިއްލައަށް ފުއްދަމުންއައި ބައެއް: އެޑިއުކޭޝަން މިނިސްޓަރ
ދިވެހިންނަކީ އެމީހުންގެ ހުރިހާ މުހުތާދުތަކެއް އަމިއްލައަށް ފުއްދަމުންއައި ބައެއްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢަިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
އެކަމަނާ ވިދާޅުވީ މީސްކޮޅު މަދު، އަދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އަޅުގަނޑުމެން ދިވެހިން ނިސްބަތްވީނަމަވެސް، ދިވެހިންގެ ފަންނުވެރިކަމާއި، ހުނަރުވެރިކަމާއި، ހުޝިޔާރުކަމާއި، ތޫނު ފިލިކަމަށް، އަބަދުވެސް ތަޢުރީފް ލިބޭ ކަމަށެވެ.
ތާރީޚީގޮތުން ބަލާއިރު، ރާއްޖެއަށް ޒިޔާރަތްކުރެއްވި ސައްޔާހުންގެ ލިއުއްވުންތަކުން އެގޭގޮތުގައި، ދިވެހިންނަކީ އަޖައިބެއްކަހަލަ ކުޅަދާނަ، އަދި ފަންނުވެރިބައެއް ކަމަށާއި ކުޅަދާނަކަމާއި ފަންނުވެރިކަން، ވަށައިގެން ބަލާލި ކޮންމެ ދިމާއަކުން މިހާރުވެސް ފެންނަމުން އަންނަކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖެ އުފެދިފައިވާގޮތަށް ބަލާއިރު، ކަނޑު ދަތުރުފަތުރަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށްވާތީ، ދިވެހިންގެ ފަންނުވެރިކަން އެންމެބޮޑަށް ފެންނަނީ ކިއްސަރު ވަޑާމުގެ ތެރެއިން ކަމަށެވެ. އަދި ގަދަކަނޑެއްގައި ދަތުރުކުރެވޭގޮތަށް، ދިވެހިންގެ އަމިއްލަ ވިސްނުމުން ފަރުމާކުރި ދޯނީގެ ބައްޓަމަކީ ހަމައެކަނި ދިވެހިރާއްޖެއަށް ޚާއްސަ ނަމޫނާއެއް ކަމަށެވެ.
މީގެ އިތުރުން ދިވެހިންގެ ލޭނާރުކަމުގައިވާ މަސްވެރިކަމުގެ ތެރެއިން، ދޮށީގެ މަސްވެރިކަމުގެ ބައެއް ހުނަރުތަކަކީ ދިވެހިރާއްޖެއަށް ޚާއްސަ ހުނަރުތަކެއް ކަމަށާއި މިއަދު މުޅި ދުނިޔެވެސް އެކަމަށް ހެކިދޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ ދިވެހިންގެ އަތުން ބިނާކޮށްފައިވާ ލާމަސީލު ނަމޫނާއެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.



