(إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ فِي نَارِ جَهَنَّمَ خَالِدِينَ فِيهَا ۚ أُولَـٰئِكَ هُمْ شَرُّ الْبَرِيَّةِ ﴿٦﴾)
މި އާޔަތުގައި މި ބަޔާން ކުރައްވާ ވާހަކަތައް ޔަގީންކޮށްދެއްވުމުގެ ގޮތުން ބޭނުން ކުރައްވާފައި މިވަނީ (إِنَّ) ”ހަމަކަށަވަރުން“ މި ލަފްޡެވެ.
(إِنَّ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ ) ހަމަކަށަވަރުން އަހްލުކިތާބީންނާއި އެނޫންވެސް ނަސްލުތަކުގެ މީހުންގެ ތެރެއިން ކާފިރުވީ މީހުންވާކަން ކަށަވަރީ،
(فِي نَارِ جَهَنَّمَ ) ޖަހައްނަމަ އޭ ކިޔުނު އަލިފާންގަނޑުގެ ތެރޭގައެވެ.
”ޖަހައްނަމަ“ ގެ ނަމުން ނަންދެވިފައިވާ ސަބަބަކީ އެތަނުގެ ފުންކަމާއި ކަޅުކުލަ ގަދަކަމުގެ ސަބަބުންނެވެ.
މި ލަފްޡު ނެގިފައިވަނީ ”އަލްޖުހްމަތު“ އިންނެވެ.
ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ ޢަރަބި ބަހުގެ ތެރެއަށް ވެއްދިފައިވާ ޢަޖަމީ ލަފްޡެކެވެ. ކޮންމެ ގޮތަކަށް ބެލިނަމަވެސް، ”ޖަހައްނަމަ“ މިއީ ނަރަކައަށް ދެވިފައިވާ ނަންތަކުގެ ތެރެއިން ނަމެކެވެ.
( مِنْ أَهْلِ الْكِتَابِ ) މިތަނުގައި (مِنْ ) ބޭނުން ކުރައްވާފައިވަނީ ފޮރުވިފައިވާ އެއްޗެއް ބަޔާން ކުރެއްވުމުގެ ގޮތުންނެވެ. އެހެނީ އިސްމުލް މައުޞޫލް ( الَّذِينَ ) ނުވަތަ ”އެބައިމީހުން“ އެއީ ކޮން ބަޔެއްކަން ބަޔާން ކުރެއްވުމުގެ ގޮތުންނެވެ. މިއިން ދޭހަވަނީ އަހްލުކިތާބީންގެ ތެރެއިން މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރިސާލަތަށް އިންކާރު ކުރި މީހުންވާކަން ކަށަވަރީ ކާފިރުންގެ ތެރެއިން ކަމެވެ.
އެބައިމީހުން ތިމަން މިތިބީ ﷲ އާއި އާޚިރަތް ދުވަހަށް އީމާންވެގެންނޭ ބުނި ކަމުގައިވީނަމަވެސް އެވެ. ސަބަބަކީ އެބައިމީހުން ޙަގީގަތުގައިވެސް އީމާންވެގެން ތިބިނަމަ، ތައުރާތާއި އިންޖީލުގައި ބަޔާން ކުރައްވާފައިވާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ރަސޫލުކަން ތެދުކޮށް ގަބޫލު ކުރީހެވެ. ސޫރަތުލް އަޢްރާފްގެ 157 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ ۚ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُ ۙ أُولَـٰئِكَ هُمُ الْمُفْلِحُونَ ﴿١٥٧﴾ )
މާނައަކީ: ”އެއުރެންނީ، أمّى ނަބިއްޔާ ކަމުގައިވާ رسول އާއަށް تبع ވާ މީހުންނެވެ. އެ رسول އާއި، އެއުރެންގެ ގާތުގައިވާ توراة އާއި، إنجيل ގައި (رسول އާގެ ސިފަފުޅުތައް) ލިޔެވިގެންވާތީ، އެއުރެންދެކޭ رسول އެވެ. އެކަލޭގެފާނު، އެއުރެންނަށް ހެޔޮކަންތަކަށް އަމުރުކުރައްވަތެވެ. އަދި ނުބައިކަންތައް އެއުރެންނަށް ނަހީކުރައްވަތެވެ. އަދި ރަނގަޅު ތަކެތި އެއުރެންނަށް حلال ކުރައްވަތެވެ. އަދި ނުބައިވެގެންވާ ތަކެތި އެއުރެންނަށް حرام ކުރައްވަތެވެ. އަދި އެއުރެންގެ މައްޗަށްހުރި ބުރަތަކާއި، އެއުރެންގައި އެޅިފައިވާ ކަސްތޮޅުތައް ނެތިކުރައްވައި، ލުއިކުރައްވަތެވެ. ފަހެ، އެކަލޭގެފާނަށް إيمان ވެ، އެކަލޭގެފާނަށް ވާގިވެރިވެ، نصر ވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި نور އަށް تبع ވީ މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ.“
ޢީސާ ޢަލައިހިއްސަލާމް ބަނޫ އިސްރާއީލް މީހުންގެ ގާތުގައި ވިދާޅުވިކަމަށް ސޫރަތުއް ޞައްފުގެ 6 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(وَإِذْ قَالَ عِيسَى ابْنُ مَرْيَمَ يَا بَنِي إِسْرَائِيلَ إِنِّي رَسُولُ اللَّـهِ إِلَيْكُم مُّصَدِّقًا لِّمَا بَيْنَ يَدَيَّ مِنَ التَّوْرَاةِ وَمُبَشِّرًا بِرَسُولٍ يَأْتِي مِن بَعْدِي اسْمُهُ أَحْمَدُ ۖ فَلَمَّا جَاءَهُم بِالْبَيِّنَاتِ قَالُوا هَـٰذَا سِحْرٌ مُّبِينٌ ﴿٦﴾ )
މާނައަކީ: “ އަދި مريم ގެފާނުގެ ދަރިކަލުން عيسى ގެފާނު ވިދާޅުވިހިނދު (ހަނދުމަކުރާށެވެ!) އޭ އިސްރާއީލް ގެދަރިންނޭވެ! ހަމަކަށަވަރުން، ތިމަންކަލޭގެފާނީ، ތިޔަބައިމީހުންގެ ގާތަށް اللَّه ފޮނުއްވި رسول އާއެވެ. ތިމަންކަލޭގެފާނުގެ ކުރީގައިވާ توراة ގެ حكم ތައް ތެދުކުރައްވާ ބޭކަލަކު ކަމުގައެވެ. އަދި ތިމަންކަލޭގެފާނަށްފަހު أحمد އެވެ ނަމަކަށް ކިއުނު رسول އަކު ވަޑައިގަންނަވާނޭކަމުގެ އުފާވެރި خبر ދެއްވާ ބޭކަލަކު ކަމުގައެވެ. ފަހެ، އެއުރެންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއެކު އެކަލޭގެފާނު ވަޑައިގެންނެވިހިނދު އެއުރެން ބުނޫއެވެ. މިއީ ފާޅުވެގެންވާ ޖާދޫއެކެވެ.“
އެބައިމީހުންގެ ފޮތުގައި ޚަބަރު ދެއްވިފައިވާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙައްގު ދީނާއިގެން އެބައިމީހުންގެ ގާތަށް ވަޑައިގެންނެވި ހިނދުގައި، ބަޔަކު މީހުން އީމާންވިއެވެ. އަނެއް ބަޔަކު ކާފިރުވީއެވެ.
(أُولَـٰئِكَ هُمْ شَرُّ الْبَرِيَّةِ ) އެބައިމީހުންނަކީ މާތް ﷲ ޚަލްގު ކުރެއްވި މީސްތަކުންގެ ތެރެއިން އެންމެ ނުބައި މީހުންނެވެ.
( الْبَرِيَّةِ ) ގެ މާނައަކީ މާތް ﷲ ޚަލްގު ކުރެއްވި ތަކެއްޗެވެ.
އެހެންކަމުން، މާތް ﷲ ބާވާލެއްވި އާޔަތްތަކަށް ކާފިރުވީ މީހުންނަކީ މާތް ﷲ ޚަލްގު ކުރެއްވި އެންމެހައި ތަކެތީގެ ތެރެއިން އެންމެ ނުބައި މަޚްލޫގުންނެވެ. ސޫރަތުލް އަންފާލްގެ 55 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (إِنَّ شَرَّ الدَّوَابِّ عِندَ اللَّـهِ الَّذِينَ كَفَرُوا فَهُمْ لَا يُؤْمِنُونَ ﴿٥٥﴾ ) މާނައަކީ: ”ހަމަކަށަވަރުން، ދިރޭތަކެތީގެ ތެރެއިން، اللَّه ގެ حضرة ގައި އެންމެ ނުބައިކަން ބޮޑުބަޔަކީ، كافر ވީ މީހުންނެވެ. ފަހެ، އެއުރެން إيمان އެއް ނުވާނެތެވެ.“
ސޫރަތުލް އަންފާލްގެ 22 އަދި 23 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
(إِنَّ شَرَّ الدَّوَابِّ عِندَ اللَّـهِ الصُّمُّ الْبُكْمُ الَّذِينَ لَا يَعْقِلُونَ ﴿٢٢﴾ وَلَوْ عَلِمَ اللَّـهُ فِيهِمْ خَيْرًا لَّأَسْمَعَهُمْ ۖ وَلَوْ أَسْمَعَهُمْ لَتَوَلَّوا وَّهُم مُّعْرِضُونَ ﴿٢٣﴾ )
މާނައަކީ: ”ހަމަކަށަވަރުން، ދިރޭ ތަކެތީގެ ތެރެއިން اللَّه ގެ حضرة ގައި އެންމެ ނުބައިކަން ބޮޑު ބަޔަކީ ބީރު، މަންމަނުންނެވެ. އެއުރެންނީ، ނުވިސްނާ ބަޔެކެވެ. (އެބަހީ: حق ގެބަސް ނުބުނާ، އެ އަޑުނާހާ، حق އާއި، باطل ވަކިކުރުމަށް ވިސްނުމުގެ ބޭނުން ނުކުރާ މީހުންނެވެ.) އެއުރެންގެ ކިބައިގައި، ހެޔޮކަމެއްވާކަން اللَّه ދެނެވޮޑިގެންފިނަމަ، އެއުރެންނަށް އިއްވެވީސްކަން ކަށަވަރެވެ. އަދި އެއުރެންނަށް އިއްވެވި ނަމަވެސް، ފުރަގަސްދޭ حال، އެއުރެން އެނބުރި ހިނގައްޖައީސްކަން ކަށަވަރެވެ.“
ފަހެ ޔަހޫދީންނާއި ނަޞާރާއިންނާއި މުޝްރިކުންފަދަ ކާފިރުންނީ ﷲ ގެ ޙަޟްރަތުގައި އެންމެ ނުބައިވެގެންވާ މަޚްލޫޤުންނެވެ. އެންމެ ނުބައިވެގެންވާ މަޚްލޫޤުންނަށް އެއުރެން ވީހިނދު، ނުބައިކަމެއް މެނުވީ އެބައިމީހުންގެ ކިބައިން ފެންނާނެކަމަށް ނުބެލެވެއެވެ. އެހެނީ ނުބައިކަން ބޮޑު މީހުންގެ ކިބައިން ނުކުންނާނީވެސް ނުބައިކަމެވެ. އަދި ދުވަހަކުވެސް އެބައިމީހުންނާމެދު ހެޔޮކޮށް އަހަރުމެން ހީނުކުރާނަމެވެ.
ނަމަވެސް އެމީހުންގެ ތެރޭގައި ތިބި ތެދުވެރިންނަށް އަހަރުމެން އިތުބާރުކޮށްފާނަމައެވެ. އެއީ ނަބިއްޔާ صلى الله عليه وسلم މައްކާއިން މަދީނާއަށް ހިޖުރަކުރެއްވިއިރު މުޝްރިކެއްކަމުގައިވާ عبدالله بن أريقط އަށް އިތުބާރުކުރައްވާ، މަގުދައްކާ މީހެއްގެ ގޮތުގައި އޭނާއަށް ކުއްޔެއް ދެއްވައިގެން ގެންދެވިއެވެ. ނަމަވެސް އެމީހުންގެ ތެރެއިން ގިނަމީހުންނަށް އިތުބާރެއް ނުކުރެވޭނެއެވެ. އެހެނީ އެއީ ނުބައިމީހުންކަމުގައިވާތީއެވެ. މިފަދަ ކާފިރުންގެ ޙުކުމް ބަޔާންކުރެއްވުމަށްފަހު ދެން މުއުމިނުންގެ ޙުކުމް އެއިލާހު ބަޔާންކުރެއްވިއެވެ.
ނުނިމޭ……
މި އާޓިކަލްގެ ކުރީބައި ވިދާޅުވުމަށް މި ލިންކަށް ފިތާލައްވާ