ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުސަތުތައް ބޭރުގެ ދުނިޔޭގެ ފަރާތްތަކަށް އަންގައިދިނުމަށާއި، އިންވެސްޓްމަންޓްގެ ފުރުސަތުތައް އިތުރުކުރުމުގެ ގޮތުން ދުނިޔޭގެ އެކިޤައުމުތަކުގައި ދިވެހިރާއްޖެއިން ބާއްވަމުން އަންނަ އިންވެސްޓްމަންޓް ފޯރަމް މިއަދު ދުބާއީގައި ފަށައިފިއެވެ.
ދުބާއީގެ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގެ ޝެއިހް މަހްތޫމް ހޯލްގައިކުރިއަށްދާ މިއިންވެސްޓްމަންޓް ފޯރަމް ފައްޓަވާ ދެއްވާފައިވަނީ، ނައިބް ރައީސް އަބްދުﷲ ޖިހާދު އަދި ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރު ސުލްޠާން ބިން ސަޢީދު ޢަލް މަންސޫރީއެވެ. އަދި މިފޯރަމް މިއަދުން ފެށިގެން 1 ދުވަހުގެ ނިޔަލަށް ކުރިއަށްދާނެކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައިވޭއެވެ.
މިފޯރަމް ފައްޓަވައިދެއްވުމުގެ ގޮތުން ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރާއި، ދުބާއީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ވައިސް ޗެއާމަން މާޖިދު އަލް ޝަމްސްގެ އިތުރުން، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވާހަކަފުޅު ދައްކަވާފައިވޭއެވެ. މިގޮތުން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތައް ދިރާސާ ކުރުމަށް ޔޫއޭއިން ޝައުގުވެރިވާކަން އެގައުމުގެ އިކޮނޮމިކް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
ޖުމްލަ 350 މީހުންނާއެކު ފެށިގެންދިޔަ އެފޯރަމް އިފްތިތާހީ ސެޝަނަކާއ،ި ދިވެހި ކުންފުނިތަކާއި ބޭރުގެ ކުންފުނިތަކާއި މަޝްވަރާކޮށް މާކެޓް ކުރުމުގެގޮތުން ބާއްވާ ސެޝަނެއް ހިމެނިގެންދާނެއެވެ.
މި ފޯރަމްގައި ހުޅުމާލޭގެ ޔޫތު ސިޓީގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކުގެ އިތުރުން، ސަރަޙައްދީ އެއާޕޯޓްތައް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާއި އިންވެސްޓްމަންޓް ބޭންކުތަކަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދެވިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީންވަނީ ހާމަކޮށްފައެވެ.
ކޮންމެ އަހަރަކުވެސް މިފަދަ ފޯރަމެއް ސަރުކާރުން ބާއްވަމުންދާއިރު، މިއީ މިފަދަ 4 ވަނަ ފޯރަމްއެވެ. އަދި ފާއިތުވި އަހަރުތަކުގައި މިފަދަ ތިން ފޯރަމެއް ބާއްވައިފާވާއިރު، މިފޯރަމްތައް ބާއްވާފައިވަނީ އިންޑިއާއާއި، ޗައިނާގެ އިތުރުން ސިންގަޕޫރުގައެވެ
މީގެ އިތުރުން، ރާއްޖޭގައި އިންވެސްޓް ކުރާނެ ގިނަ ދާއިރާތަކެއް މިހާރު އެބަހުރި ކަމަށާއި، މިއީ ޜާއްޖޭގައި އިންވެސްޓްކުރުމަށް އެންމެ ރަނގަޅު ވަގުތު ކަމަށްވެސް ދާދިފަހުން ޗައިނާއަށް ކުރެއްވެވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ވަނީ ވިދާޅުުވެފައެވެ. އަދި އެހެން ފަރާތްތަކުން ބާއްވާ ފޯރަމްތަކުގައި ބައިވެރިވުމުގެ ބަދަލުގައި، ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުޞަތުތައް ދުނިޔެއަށް އަންގަައިދިނުމުގެގޮތުން ރާއްޖެއިން އިސްނަގައިގެން އަމިއްލަ ފޯރަމްތައް ބޭއްވުމުގެ މުހިންމުނކަން މިނިސްޓްރ ސަޢީދުވެސް ވަނީ ފާހަގަކުރައްވާފައެވެ.