
ސޫރަތުލް ބައްޔިނާ (1)ޑރ. މުޙައްމަދި ޢިޔާޟު ޢަބްދުއްލަޠީފު
(لَمْ يَكُنِ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ وَالْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ الْبَيِّنَةُ ﴿١﴾ ) ”ފޮތުގެ أهل ވެރިންނާއި، مشرك ންގެ ތެރެއިން كافر ވިމީހުން، ފާޅުވެގެންވާ ދަލީލު އެއުރެންގެ ގާތަށް އަތުވެއްޖައުމަށްދާނދެން އެއުރެން ތިބިގޮތް ދޫކޮށްލާނޭ ބަޔަކުކަމުގައި ނުވެތެވެ.“
( أَهْلِ الْكِتَابِ ) ފޮތުގެ އަހްލުވެރިން. މިއީ ޔަހޫދީންނާއި ނަޞާރާއިންނެވެ. މިބައި މީހުންނަށް ”ފޮތުގެ އަހްލުވެރިން“ ގެ ނަމުން ނަންދެވިފައިވާ ސަބަބަކީ އެބައިމީހުންގެ މައްޗަށް ބާވާލެއްވުނު ފޮތް، އެޔަށް ބަދަލުތައް ގެނައުމާއި އެކުގައިވެސް މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަސޫލު ކަމާއިގެން ފޮނުއްވުމާއި ހަމައަށް އެބައިމީހުންގެ އަތުގައި އޮތަތީވެއެވެ. ޔަހޫދީންގެ މައްޗަށް ބާވާލެއްވުނީ ތައުރާތެވެ. އަދި ނަޞާރާއިންގެ މައްޗަށް ބާވާލެއްވުނީ އިންޖީލެވެ.
(وَالْمُشْرِكِينَ ) އެއީ ބަނޫ އިސްރާއީލުންގެ ތެރެއިން ވިޔަސް އަދި އެހެނިހެން ދަރިފަސްކޮޅު މީހުންގެ ތެރެއިންވެސް ﷲ އަށް ޝަރީކު ކުރާ މީހުންނެވެ.
( مُنفَكِّينَ ) އެބައިމީހުން އެކަމެއްގެ މަތީގައި ތިބި ޝިރްކު ކުރުމާއި ކާފިރުންކަމުގެ ގޮތްތައް އެބައިމީހުން ދޫކޮށެއް ނުލާނެއެވެ.
( حَتَّىٰ تَأْتِيَهُمُ الْبَيِّنَةُ ) އަލްބައްޔިނާ އަކީ ކަމެއްގެ ޙަގީގަތް ހާމަކޮށްދޭ ހެކިތަކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (الْبَيِّنَةُ عَلَى الْمُدَّعِي)[1] މާނައަކީ: ”ހެކި ދެއްކުމަކީ ދަޢްވާކުރާ ފަރާތުން ކުރަން ޖެހޭ ކަމެކެވެ.“
މި އާޔަތުގައި (الْبَيِّنَةُ ) ގެ މުރާދަކީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އެކަން ޖެހިގެން އަންނަ އާޔަތުގައި ބަޔާން ކުރައްވާ ވަޙީ ކުރައްވައެވެ.
(رَسُولٌ مِّنَ اللَّـهِ يَتْلُو صُحُفًا مُّطَهَّرَةً ) މިތަނުގައި (رَسُولٌ) ނަކިރާގެ ޞީޣާގައި އައިސްފައިވާ ސަބަބަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މަތިވެރިކަން ބަޔާން ކުރެއްވުމެވެ.
( رَسُولٌ مِّنَ اللَّـهِ ) މީސްތަކުންނަށް އުފާވެރިކަމުގެ ޚަބަރު ދެއްވާ ބޭކަލެއް ކަމުގައްޔާއި، އިންޛާރު ދެއްވާ ބޭކަލެއްގެ ގޮތުގައި ﷲ ގެ ޙަޟްރަތުން ފޮނުއްވުނު ރަސޫލު ބޭކަލެކެވެ. ސޫރަތުއް ނިސާގެ 79 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (وَأَرْسَلْنَاكَ لِلنَّاسِ رَسُولًا ) މާނައަކީ: ”ތިމަންރަސްކަލާނގެ ކަލޭގެފާނު މީސްތަކުންގެ ގާތަށް ފޮނުއްވާފައިވަނީ، رسول އަކު ކަމުގައެވެ.“
ސޫރަތުލް ފުރްގާންގެ 1 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (تَبَارَكَ الَّذِي نَزَّلَ الْفُرْقَانَ عَلَىٰ عَبْدِهِ لِيَكُونَ لِلْعَالَمِينَ نَذِيرًا ﴿١﴾ ) މާނައަކީ: “ عالم ތަކަށް إنذار ކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް قرآن ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ.“
(يَتْلُو ) އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށާއި މީސްތަކުންނަށް ކިޔަވައިދެއްވައެވެ.
( صُحُفًا مُّطَهَّرَةً ) އެކަލޭގެފާނުގެ މައްޗަށް ބާވާލެއްވުނު ޠާހިރުވެގެންވާ ފަތްފުއްތްއް ކިޔަވައިދެއްވައެވެ.
( مُّطَهَّرَةً ) ޝިރްކުން އެއްކިބާވެގެންވާ، އެންމެހައި ހަޑިހުތުރު ކަންތަކުން ޠާހިރުވެގެންވާ ފޮތެކެވެ.
( فِيهَا كُتُبٌ قَيِّمَةٌ ﴿٣﴾ )
(فِيهَا ) އެފަތްފުއްތަކުގައިވެއެވެ.
(كُتُبٌ قَيِّمَةٌ ) ސީދާވެގެންވާ حكم ތައް، އެ ފަތްފުށްތަކުގައި ވެއެވެ.
އިސްވެދިޔަ އާޔަތްތަކުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ އަންގަވާފައިވަނީ އަހްލުކިތާބީންގެ ތެރެއިންނާއި އެހެނިހެން ނަސްލުތަކުގެ މީހުންގެ ތެރެއިން ކާފިރުވީ މީހުން، އެބައިމީހުންނާއި ހަމައަށް ޘާބިތު ހެކި އައުމަށް ދާންދެން އެބައިމީހުން ތިބި ޝިރްކުގެ ގޮތްގަނޑު ދޫކޮށްނުލާނެކަމެވެ. ނަމަވެސް، އެހެކިތައް އެބައިމީހުންނާއި ހަމައަށް އައުމަށް ފަހުގައި އެބައިމީހުން ކަންތައް ކުރި ގޮތް ބަޔާން ކުރައްވާ ޖެހިގެން އިން އާޔަތުގައި ވަޙީ ކުރައްވައެވެ.
(وَمَا تَفَرَّقَ الَّذِينَ أُوتُوا الْكِتَابَ إِلَّا مِن بَعْدِ مَا جَاءَتْهُمُ الْبَيِّنَةُ ﴿٤﴾ ) އެބައިމީހުންނާއި ހަމައަށް ޘާބިތުހެކިތައް އައުމަށް ފަހުގައި އެބައިމީހުން ބައިބައިވެގެން ދިޔައެވެ. ބައެއް މީހުން އީމާންވިއެވެ. އަނެއް ބަޔަކު އީމާނެއް ނުވިއެވެ.
ނަޞާރާއިންގެ ތެރެއިން ބައެއް މީހުން އީމާންވިއެވެ. މިޘާލަކަށް: ޙަބަޝާގެ ރަސްގެފާނު ނަޖާޝީ.
އަދި ޔަހޫދީންގެ ތެރެއިންވެސް ބައެއް މީހުން އީމާންވިއެވެ. މިޘާލަކަށް: ޢަބްދުﷲ ބިން ސަލާމް ރަޟިޔަﷲ ޢަންހު.
ހަމައެފަދައިން ގުރައިޝުންގެ މުޝްރިކުންގެ ތެރެއިންވެސް ބަޔަކު މީހުން އީމާންވިއެވެ. އަނެއް ބަޔަކު އީމާންނުވެ ތިބި ގޮތަށް ތިބީއެވެ.
ކޮންމެ އަކަސް އެބައިމީހުނާއި ހަމައަށް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙައްގު ދީނާއިގެން އަދި ޘާބިތު ހެކިތަކާއިގެން ވަޑައިގެންނެވުމަށް ދާންދެން އެބައިމީހުން ޝިރްކު ކުރުން މަތީގައި ދެމިތިބިއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެންނެވުމާއި އެކު އެބައިމީހުން ބައިބައި ވެގެން ދިޔައެވެ. ބަޔަކު މީހުން އީމާންވިއެވެ. އަނެއް ބަޔަކު އީމާނެއް ނުވިއެވެ. އެކަމަށް އިޝާރާތް ކުރައްވާ ސޫރަތު އާލުޢިމްރާންގެ 105 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِن بَعْدِ مَا جَاءَهُمُ الْبَيِّنَاتُ ۚ وَأُولَـٰئِكَ لَهُمْ عَذَابٌ عَظِيمٌ ﴿١٠٥﴾ ) މާނައަކީ: “ ފާޅުވެގެންވާ ހެކިތައް އެއުރެންނަށް އައުމަށްފަހު، ވަކިވަކިވެ خلاف ވީ މީހުން ފަދައިން، ތިޔަބައިމީހުން ނުވާށެވެ! ބޮޑުވެގެންވާ عذاب އެއް އެއުރެންނަށް ހުށްޓެވެ.“
( وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ ﴿٥﴾ )
(حُنَفَاءَ ) މިއީ ”ޙަނީފް“ ގެ ޖަމްޢު އެވެ. އެއީ ﷲ ފިޔަވާ އެހެން ފަރާތްތަކަށް އަޅުކަން ކުރުން ދޫކޮށްލާ، ހަމައެކަނި ﷲ އަށް އަޅުކަން ޚާލިޞްކުޅަ މީހުންނެވެ.
باطل މަގުން އެއްކިބާވެތިބެ، اللَّه އަށް އަޅުކަން خالص ކުރާ حال، اللَّه އަށް އަޅުކަންކުރުމަށާއި، ނަމާދު قائم ކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް ތައުރާތާއި އިންޖީލުގައި އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ دين އަކީ އެއީއެވެ.
[1] جامع الترمذي » كِتَاب الْأَحْكَامِ » بَاب مَا جَاءَ فِي أَنَّ الْبَيِّنَةَ عَلَى الْمُدَّعِي … رقم الحديث: 1257
ނުނިމޭ………..



