އެމްޓީސީސީ ވިލިނގިލީ ފެރީ ޓަރމިނަލް ”ދާންނާ ގިމަތަ“ ހުޅުވާ، ރަސްމީގޮތުން ޚިދުމަތްދޭން ފަށައިފިއެވެ.
މި ގިމަތައިގެ ޚިދުމަތްދޭން ފަށާފައިވަނީ 10 ޑިސެމްބަރ 2017 ގެ ދަންވަރު 00:00 ގައެވެ.
ކުރީގައި ޚިދުމަތްދެމުން ދިޔަ ޓަރމިނަލްގެ ޕާކިންގ ޒޯންގެ ގޮތުގައި ބޭނުންކުރެވެމުން އައި ބިމުގައި ޤާއިމް ކުރި މި ފެރީ ޓަރމިނަލްއަކީ 240 ފަސެންޖަރުންގެ ޖާގައިގެ ޓަރމިނަލްއެކެވެ.
ފަސެންޖަރުންނަށް ފަސޭހަވާނެ ގޮތަށް ފަރުމާކޮށްފައިވާ މި ފެރީ ޓަރމިނަލަކީ ފެންވަރު ރަނގަޅު ޓަރމިނަލްއެކެވެ. މި ޓަރމިނަލް އާއިއެކު މިހާރު ވިލިނގިލީ ފެރީ ޚިދުމަތުގައި ބޭނުންކުރާ އުޅަނދުތައްވެސް މަރާމާތު ކުރެވި ފެންވަރު ރަނގަޅު ކުރެވިގެންދާނެއެވެ.
މީގެ އިތުރުން ވިލިނގިލީ ފެރީ ޓަރމިނަލްގައި އޮޓޮމެޓިކް ފެއަރ ކަލެކްޝަން ގޭޓްތައް ހަރުކުރުމާއެކު ދަތުރު ކާޑުގެ ޚިދުމަތް ދޭން ފެށުމަށްވެސް ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.
މިދިޔަ ނޮވެމްބަރ މަހުގެ ތެރޭގައި އެމްޓީސީސީން ހުޅުމާލޭގައި ދެމުން ގެންދާ އެއަރޕޯޓް ބަހުގައި އޮޓޮމެޓިކް ފެއަރ ކަލެކްޝަން ސިސްޓަމް ހަރުކުރެވި ޓެސްޓުކުރުމުގެ މަސައްކަތްތަކެއް ވަނީ ކާމިޔާބު ކަމާއެކީ ކުރިޔަށް ގެންގޮސްފައެވެ.
މިއާއިއެކު ލަފާ ކުރެވޭ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ދަތުރު ކާޑުގެ ޚިދުމަތް ފުޅާކުރެވި، ކުންފުނިން ދެމުން ގެންދާ ގިނަ ޚިދުމަތްތަކުގައި ދަތުރު ކާޑު ބޭނުންކުރަން ފެށޭނެއެވެ.
ވިލިނގިލީގެ އިތުރަށް ތިލަފުށި، ގުޅީފަޅު އަދި އަތޮޅުތަކުގެ ފަސެންޖަރުންގެ ފެރީ އަދި މުދާ ފެރީގެ ޚިދުމަތްވެސް އައު ފެރީ ޓަރމިނަލްއިން ލިބިގެންދާނެއެވެ. މި ފެރީ ޓަރމިނަލްގައި ފަތުރުވެރިންނަށް ޚާއްސަ ސަރަޙައްދެއްވެސް ވަނީ ޤާއިމްކޮށްފައެވެ.
އެމްޓީސީސީއިން ވިލިނގިލީ ފެރީ ޓަރމިނަލް އައު ޢިމާރާތަށް ބަދަލުކުރުމުގެ މައިގަނޑު ސަބަބަކީ ކުރީގައި ބޭނުންކުރި ޢިމާރާތް އިތުރަށް ތަރައްޤީކޮށް ޚިދުމަތްތައް ފުޅާކުރުމެވެ. މިގޮތުން އައު ޓަރމިނަލްއަކީ ކުރީގެ ޓަރމިނަލް ތަރައްޤީކުރުމުގެ މަޝްރޫއު ނިމެންދެން ބޭނުން ކުރުމަށް ޢިމާރާތްކުރި ވަގުތީ ޓަރމިނަލްއެކެވެ.
1980 ވަނަ އަހަރު ވުޖޫދަށް ގެނައި ރާއްޖޭގެ އެންމެ ގިނަދުވަސްވީ ޕަބްލިކް ލިމިޓެޑް ކުންފުނި ކަމުގައިވާ މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އަކީ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި ޢާންމު ދަތުރުފަތުރުގެ ސިނާއަތާއި މަސްވެރިކަމާއި އޮޑިދޯނިފަހަރުގެ ސިނާއަތުގެ އެންމެ ބޮޑު ޙިއްސާއެއް އަދާކުރާ ޢާންމު ރައްޔިތުންނާއި ސަރުކާރު ޙިއްޞާވާ ކުންފުންޏެވެ.