ޚަބަރު ފީތާ

ބައްޔެއްގެ ސަބަބުން ކެއުން މަނާ ކުރެވިފައިވާ މީހާ ރޯދަ ހިފުން ވާޖިބުވާނެތޯ؟

އޮޕަރޭޝަނެއް ކުރުމުގެ ސަބަބުން ތިން ދުވަސް ވަންދެން އެއްވެސް އެއްޗެއް ނުކައި ނުބޮއި ހުރުމަށް ޑރ އަމުރު ކުރެއްވިއެވެ. ތިން ދުވަސް ފަހުން ފެނާއި އެނޫންވެސް ޖޫސްފަދަ ދިޔާ ތަކެތި ބުއިމުގެ ހުއްދަ ދެއްވިއެވެ. މިދުވަސްތައް

ނިމި  ކެއުމުގެ ހުއްދަ ލިބުނު ދުވަހަކީ ރަމަޟާން މަހުގެ އެއްވަނަ ދުވަހެވެ. ބަނޑުހައިވެފައި ހުރި ވަރުން އެދުވަހު ރޯދަ ހިފޭ ގޮތެއް ނުވިއެވެ. އަދި ދެވަނަ ދުވަހުވެސް ރޯދަ ހިފޭ ގޮތެއް ނުވިއެވެ. މިގޮތް ހުއްދަވާނެތޯއެވެ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

ތިބާ އަކީ ބަލިވުމުގެ ސަބަބުން ރޯދަ ހިފުމަށް ޢުޛުރުވެރި ވެފައިވާ މީހެކެވެ. ބަލި މީހުންގެ ކިބައިން ރޯދައިގެ ފަރްޟިއްޔަތު ވަނީ ލުއި ކުރައްވާ ސޫރަތުލް ބަގަރާގެ 184 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ.

(فَمَن كَانَ مِنكُم مَّرِ‌يضًا أَوْ عَلَىٰ سَفَرٍ‌ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ‌) މާނައަކީ: “ ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ.“

އެހެންކަމުން، ތިބާ އޮޕަރޭޝަން ކޮށްގެން އުޅުނު ދުވަސްވަރުގައި ރޯދަ ނުހިފާ ދޫކޮށްލި ދޫކޮށްލުމަކީ ހުއްދަ ކަމެކެވެ. ސަބަބަކީ އެދުވަސްވަރުގައި ތިބާ އަކީ ބަލި މީހަކީމެވެ. ބަލި މީހުން ރޯދަ ދޫކޮށްލުމަށްފަހު ރަމަޟާން މަސް ނިމުމުން ގެއްލުނު ރޯދަ ތައް ގަޟާ ކުރާނީއެވެ. އެންމެ ރަގަޅު ގޮތަކީ ލަސްނުކޮށް ވީހާވެސް އަވަހަކަށް ގަޟާ ކޮށް ނިންމުމެވެ. والله أعلم

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފު

Rate this post