ބައްޔެއްގެ ސަބަބުން ރޯދަ ދޫކޮށްލައިފާ ވަނިކޮށް ގަޟާ ނުކުރެވި ދުނިޔެ ދޫކޮށްފައިވާ މީހާގެ މަތިން ރޯދަ ހިފުން

ބައްޔެއްގެ ސަބަބުން ރޯދަ ދޫކޮށްލާފައި، އެރޯދަ ގަޟާ ނުކުރެވެނީސް އެމީހާ މަރުވެއްޖެނަމަ ކަންކުރާނީ ކޮންގޮތަކަށްތޯ؟ މީހަކު މަރުވާ އިރު އެމީހަކު ހިފަން ޖެހޭ ރޯދަ އެއް އޮތްނަމަ ގާތްތިމާގެ މީހުން އެރޯދަ އެއް ހިފާށޭ އޮންނަ ޙަދީޘެއް އަޑު އަހަން، މިޙަދީޘްގެ މުރާދަކީ ކޮބައިތޯ؟

الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد

އިޝްތިހާރު Below Header ad

ފަސޭހަވާނެ ކަމުގެ އުއްމީދެއް ނެތް ބަލީގައިވާ މީހާ ގެ މައްޗަށް ރޯދަ ހިފުމެއް ނެތެވެ. އަދި ގެއްލުނު ރޯދަ ގަޟާ ކުރުމެއްވެސް ނެތެވެ. އޭގެ ބަދަލުގައި ގެއްލޭ ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ. އޭނާ ދުނިޔޭގައި ހުރެއްޖެނަމަ އެކަން އަމިއްލަ އަށް ކުރާނީއެވެ. ނިޔާވެފައިވާނަމަ ވާރުތަވެރިން އެކަން ކުރާނީއެވެ.

އެހެންނަމަވެސް، އެމީހެއްގެ ބައްޔަކީ ފަސޭހަވާނެ ކަމުގެ އުއްމީދު އޮތް ބައްޔަކަށް ވަނީނަމަ، ބަލީގެ ސަބަބުން އެމީހެއްގެ މައްޗަށް ރަމަޟާން މަހު ރޯދަ ހިފުން ވާޖިބު ވެގެންނެއް ނުވެއެވެ. އޭގެ ބަދަލުގައި ބަލި ފަސޭހަ ވުމުން އެހެން ދުވަސްތަކެއްގައި އެރޯދަ ގަޟާ ކުރާނީއެވެ.

ބަލި ފަސޭހަ ނުވުމުގެ ސަބަބުން ރޯދަ ގަޟާ ނުކުރެވި ވާނަމަ، އެމީހެއްގެ މައްޗަށް ފާފަ އެއް ނެތެވެ. ރޯދަ ހިފުމެއްވެސް އަދި މިސްކީނަކަށް ކާންދިނުމެއްވެސް ނެތެވެ. އަދި އޭނާގެ ވާރުތަ ވެރިން އެރޯދަ ހިފައިދޭކަށްވެސް އަދި މިސްކީނުންނަށް ކާންދޭކަށްވެސް ނުޖެހޭނެއެވެ.

އެހެންނަމަވެސް، ރޯދަ ގަޟާ ކުރުމުގެ ފުރުޞަތުލިބި، އެކަން ނުކޮށް ހުއްޓާ މަރުވެއްޖެނަމަ، އޭނާގެ ވާރުތަ ވެރިން އެރޯދަ ހިފައިދިނުމަކީ އެދެވިގެންވާ ކަމެކެވެ. ވާރުތަ ވެރިންނަށް އެރޯދަތައް ހިފައިދިނުން އުނދަގޫ ކަމަކަށް ވެއްޖެނަމަ ކޮންމެ ރޯދަ އަކަށް މިސްކީނަކަށް ކާންދޭނީއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَنْ مَاتَ وَعَلَيْهِ صِيَامٌ صَامَ عَنْهُ وَلِيُّهُ ) މާނައަކީ: “މީހަކު މަރުވާ އިރު އެމީހަކު ހިފަން ޖެހޭ ރޯދައެއް ވާނަމަ އޭނަގެ ވަލީވެރިޔާ އެރޯދަ އެއް ހިފާ ހުށިކަމެވެ”.

މިޙަދީޘްގެ މުރާދަކީ ރޯދަ މަހުގެ ރޯދައެއް ގެއްލި އެރޯދަ ގަޟާ ކުރުމުގެ ފުރުޞަތު ލިބި، އެކަން ނުކުރެވި ވަނިކޮށް މަރުވެއްޖެމީހާގެ މަތިން ރޯދަ ހިފައިދިނުމެވެ. والله أعلم

ޖަވާބު ދެއްވީ: ޑރ. މުޙައްމަދު ޢީޔާޟު ޢަބަދުއްލަޠީފު

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.