ނިޤާބް: މުސްލިމް ޤައުމެއްގައި އެއާއިމެދު ދެކޭ ގޮތް

މިއަދު ފެނުނު މަންޒަރެކެވެ. އަހަރެން ދިޔައީ އޮފީހަށް ދާންށެވެ، އަހަރެންގެ ކުރިމަތިން ދިޔައީ ނިޤާބް އަޅައިގެން ނިވާވެގެން ހުރި އަންހެނެކެވެ. އޭނާ ހުރީ އަންގި ލައްވައި، އަތްތިލަ ވެސް ނިވާކޮށްގެންނެވެ. ކުރިމަތިން އައީ ޅަފުރައިގެ 3 ފިރިހެން ކުދިންނެވެ. އާންމު ބަހުން ބުނާނަމަ “ޕާޓޭ” ސަޓައިލްގެ ކުދިންނެވެ. މިކުދިން އަންހެން މީހާއާ ވަކި ހިސާބަކަށް ކައިރިވުމުން އެތަނުން އެއްކުއްޖަކު ޖެއްސުމާއި މަލާމާތުގެ ރާގަކަށް ބުންޏެވެ، “އޭ އަވަހަށް ދުރަށް ހިނގާށެވެ، ގޮވާފާނެއެވެ، ނުގޮވަނީސް އަވަހަށް ދުރަށް ދާން ހިނގާށެވެ.” މިހެން ކިޔައި ނިޤާބް އެޅި އެ އަންހެން މީހާއަށް ބަލަމުން ހެމުން ސަކަރާތް ޖަހަމުން މަގުގެ އަނެއް ފަރާތަށް އަރައިގެން ހިނގައްޖެއެވެ. އަހަރެން ހުރީ ބަސް ހުއްޓި ބުނާނެ އެއްޗެއް ވެސް ނޭނގިފައެވެ. މިވެސް ހަމަ މުސްލިމުން ހެއްޔެވެ.

ކޮންމެއަކަސް މިއަދު ފެނިގެން މިދިޔަ މަންޒަރަކީ މި މުސްލިމް ޤައުމުގައި އަލަށް ފެންނަ މަންޒަރެއް ނޫނެވެ. މިއީ އިސްލާމީ ފޭރާމުން ފޭރާންވެގެން ތިބޭ ކަނބަލުންނާ މިގޮތަށް ފުރައްސާރަ ކުރެވުނު ފުރަތަމަ ފަހަރެއްވެސް ނޫނެވެ. ސައްތައިން ސައްތަ މި ކުޑަކުޑަ ޤައުމުގައި މި މަންޒަރަކީ ވަރަށްވެސް އާންމު މަންޒަރެކެވެ. އަދި ނިޤާބް އަޅައިގެން ހުރި އަންހެނެއްނަމަ އެތައް ކަމަކުން މަހްރޫމްކޮށް، ވަޒީފާގެ މައިދާނުގައާއިއަދި އެތައް ކަމެއްގައި ތަފާތުކުރުން އެއީވެސް އަލަކަށް ދިމާވާ ކަމެއް ނޫނެވެ. އެހެންކަމުން، މިރިޕޯޓުގައި މި ބަލައިލަނީ، ނިޤާބް (މޫނު ބުރުގާ) އަޅާ ކަނބަލުންނާއިމެދު މީހުން ދެކޭ ގޮތާއި އަދި އެކަނބަލުންނަށް އެހެން މީހުންގެ ފަރާތުން ދިމާވާ ދަތިތަކާއި ބެހޭގޮތުންނެވެ.

އިޝްތިހާރު Below Header ad

“ތިއީ ކީއްކުރަން އެޅި އެއްޗެއްތަ؟ ތި އަޅައިގެން އުނދަގުލެއް ނުވޭތަ؟ ހޫނެއް ނުވޭތަ؟ ތި އަޅައިގެން ކަނީ ކިހިނެއްތަ؟ ގޭތެރޭގައި ވެސް އުޅެނީ ތި އަޅައިގެންތަ؟ ނިދަނީވެސް ތި އަޅައިގެންތަ؟” މިއީ ގިނަ ބަޔަކު، ނިޤާބީންނާ ކުރާ ވަރަށް އާންމު ސުވާލު ތަކެކެވެ. ގިނަބަޔަކު ދެކޭގޮތުގައި، އިންސާނުން ތަރައްޤީވެ، ތަހުޒީބު ވެފައިމިވާ ޒަމާނެއްގައި، މޫނާއި ދެއަތްތިލަވެސް ނުފެންނަ ގޮތަށް މުޅި ހަށިގަނޑުފޮރުވައި، ނިވާކޮށްގެން ތިބުމަކީ އަންހެނުންނަށް ކުރެވޭ އަނިޔާއެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި، އެކަނބަލުން ނިޤާބް އަޅަނީ، އެކަނބަލުންގެ ފިރިން މަޖުބޫރު ކޮށްގެންނެވެ. އަދި އެފަދައިން ހެދުން އަޅައިގެން ތިބެނީ ޒަމާނާއި އެއްގޮތަށް ތަރައްޤީ ނުވާ، “ސްޓޯންއޭޖް” ޒަމާނޭ މިމީހުން މިކިޔާ ޒަމާނުގެ މީހުންނެވެ. ކަޓުމީހުންނެވެ. އެއީ އެމީހުންގެ ފިރިންނާއެއްކޮށް ޖިހާދަށް ދާން ބޭނުންވާ މީހުންނެވެ. އެބައި މީހުން ދެކޭގޮތުގައި، އެފަދަ އަންހެނުންނަކީ އެކަނބަލުންގެ ފިރިން އަޅުން ގެންގުޅޭ ފަދައިން ގެންގުޅޭ ބައެކެވެ. އެއްވެސް މިނިވަންކަމެއް ލިބިފައި ނުވާ، އަދި އެއްވެސް އުފަލެއް ކުރުމުގެ ހައްޤުވެސް ލިބިފައި ނުވާ ބައެކެވެ. އެއީ ކިޔަވައިގެން ތިބޭ، އަދި އެއްވެސް ރޮނގަކުން ކުރިއެރޭނޭ ބަޔަކު ކަމުގައިވެސް ނުދެކޭ މީހުން މިރާއްޖޭގައި މަދެއްނޫނެވެ. ނަމަވެސް، ހަޤީޤަތަކީ މިއީތޯއެވެ! ހަމަ ޔަޤީނުންވެސް ނޫނެކެވެ.

އަޅުގަނޑުމެންގެ މި ކުޑަކުޑަ ރާއްޖޭގައި، ނިޤާބް އަޅައިގެން އުޅޭ އެތައް ކަނބަލުންނެއް އުޅޭއިރު، އޭގެންގިނަ ކަނބަލުންނަކީ ކިޔަވައިގެން ތިބި ކުދިންނެވެ. އޭގެތެރޭގައި، ޑިޕްލޮމާ، ޑިގްރީ އަދި މާސްޓާރސްއާއި ޕީ. އެޗް.ޑީ ހަދާފައިވާ ކަނބަލުން ވެސް އުޅެއެވެ. އަމިއްލަ މަސައްކަތެއް ހިންގާ، އަދި އަމިއްލަ މަސައްކަތުން ލިބޭ ފައިސާއިން ޒިންމާދާރު ކަމާއެކު މުޅި އާއިލާ ބަލަހައްޓަ ކަނބަލުން ވެސް އެބަ ތިއްބެވެ. މަސައްކަތާއި ހުނަރުން އެންމެ އުސް ފަންތީގައި ގުނާލެވޭ އެތަކެއް ކަނބަލުންނެއް އެބަ ތިއްބެވެ. ގޭގައި އާއިލާގެ ޒިންމާ ބަރާބަރަށް އަދާކުރަމުން، އަދި ވަޒީފާގައި ނުހަނު ހިތްވަރާއި އެކު މަސައްކަތް ކުރާ ކަނބަލުންނެވެ. އާއެކެ! ރާއްޖޭގައި ހުނަރުވެރި، ތަޢުލީމީ ނިޤާބީން ބައިވަރެވެ. ކަންމިހެން ހުރުމާއެކު ވެސް، ކިތަންމެ މަތީ ސަނަދެއް އަތުގައި އޮތް ނަމަވެސް، މޫނު ފެންނަން ނެތުމުން ވަޒީފާ ދިނުމަށް ޖެހިލުންވާ ބައެއް ފަރާތްތައް ވާކަން ވެސް އެއީ ޤަބޫލު ކުރަން ޖެހޭނެ ހަޤީޤަތެކެވެ. ކިތަންމެ ޤާބިލް މީހަކު ކަމުގައި ވިޔަސް، މޫނު ފެންނަން ނެތުމުން ވަޒީފާގެ ފުރުސަތުން މަހުރޫމް ކޮށްލެވިފައިވާ ކުދިން މި މުސްލިމް ރާއްޖޭގައި އެބަ ތިއްބެވެ. އެއީ އެކަނބަލުންގެ ކިބައިގައި އެވަޒީފާ އަދާކުރެވޭނެހާ ކުޅަދާނަ ކަމާއި ޢިލްމާއި ޙިލްމު ނެތީގެނެއް ނޫނެވެ، އެހެނަސް، އެކަނބަލުންގެ މޫނު ނުފެންނާތީއެވެ.

ދެން މޫނުބުރުގާ އަޅާ މީހަކާ ނާޅާ މީހަކާއި ތަފާތު ވަނީ ކޮން ގޮތަކުންތޯއޭ ހިތައް އަރައެވެ. އެކަނބަލުންނަށް ހަރާމް ވެގެންވާ ކަނތައް އެންމެނަށް ވެސް ހަރާމް ވެގެން ވެއެވެ. އެކަނބަލުންނަށް ހުއްދަ ކަންތައް އެހެން މީހުންނަށްވެސް ހުއްދަ ވެގެން ވެއެވެ. އެހެން މީހުންނެކޭ އެއްފަދައިން، އެކަންބަލުންނަށް ވެސް އިޙުސާސް ވެއެވެ. ދެރަވެއެވެ. ރުޅި އާދެއެވެ. އުފާވެސް ވެއެވެ. އަދި އެހެންމީހުންނެކޭ އެއްފަދައިން މަޖާކޮށް ސަމާސާވެސް ކުރެ އެވެ. ދެން އެކަނބަލުން ތަފާތުވީ ކިހިނެއްތޯއެވެ! އެއީ އެކަނބަލުން، އެކަނބަލުންގެ ފިރިންނަށް ފިޔަވައި އެކަނބަލުންގެ މޫނު ކަޝްފު ނުކުރާތީތޯއެވެ! އެއީ އެކަނބަލުން ﷲށް ބިރުވެތިވެ، އަދި އެކަލާނގެ ރުއްސުންލެއްވުން ހޯދުމުގެ ނިޔަތުގައި، ގަދަ ހޫނުގައިވެސް ގަޔަށް ދޫ ފޭރާން އަޅާތީތޯއެވެ! އެތައް ބައެއްގެ މަލާމާތާއި ފުރައްސާރައިގެ ޝިކާރައަކަށް އކަނބަލުން ވަނީ، އެއީ އެކަނބަލުން އަޅާ ފޭރާމުގެ ސަބަބުން އެކަނބަލުންނަކީ އިންސާނުންކަމުގައި ނުވާތީތޯއެވެ! ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުން ހެދުމެއް އެޅުމުގެ މިނިވަންކަން އޮންނަކަމަށް ޤަބޫލުކުރާ މި މުސްލިމް ރާއްޖޭގައި، ނިޤާބް އަޅަން ބޭނުންވެގެން އަޅާ މީހާއަށް އޮންނަ މިނިވަންކަން ހަނި ކުރެވެނީ، އޭނާއަކީ އެފަދަ މިނިވަންކަމެއް ހައްޤު ނުވާ މީހަކުކަމުގައި ޤަބޫލުކުރާތީތޯއެވެ!

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.