ދުވަސްތައް ފާއިތުވަމުންދާ ވަރަކަށް އަހަރެންގެ ހަޔާތް ބަރުބާދުވެ ނާއުންމީދުވަމުން ދިޔައެވެ. މިގޮތުގައި 3 ދުވަސް އެގޭގައި ހޭދަވުމަށްފަހު ބައްޕަ އަހަރެން ބޮޑުދައިތަ ކައިރީގައި މާލޭގައި ކިޔަވަން ބަހައްޓާފައި ރަށަށް ދިޔައެވެ. މިއީ އޭނާގެ ކިބައިން ސަލާމަތްވެވުނީ ކަމަށް އަހަންނަށް ހީކުރެވުނެވެ. އެކަމާ އަހަރެން އުފާކުރީމެވެ.
އެހެންނަމަވެސް ކަންވީ ހީކުރި ގޮތަކަށް ނޫނެވެ. އަހަރެން ބޮޑުދައިތަމެންގޭގައި އަހަރެން އުޅެމުން ދިޔައިރު އޭނަ ވަރަށް ގިނައިން އަހަރެން އުޅޭގެއަށް އައިސް އަހަރެން އޭނާގެ ގެއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ދެއެވެ. ނަމަވެސް އެކަމާ އަހަރެން އިންކާރުކުރަމެވެ. އެއްދުވަހަކު އަހަރެންގެ ދައްބަނޑަށް ތަދުވާތީ މަންމައަށް ގުޅާފަ އެވާހަކަ ބުނީމެވެ. އަދި މަންމަގެ އެދުމުގެ މަތިން އަހަރެން ޑޮކްޓަރަށް ދައްކަން އައީ އަހަރެންނަށް އެމީހެއްގެ ފަރާތުން ޖިންސީ ގޯނާތައް ލިބެމުންދިޔަ ފަރުހާދެވެ.
އެހެންނަމަވެސް އޭނާ އެރޭ އަހަރެން ގޮވައިގެން ޑޮކްޓަރަށް ދައްކަން ވެގެންނޭ ކިޔާފައި ގެންދިޔައީ އޭނާގެ ގެއަށެވެ. އަދި އެދުވަހުވެސް އޭނަ އަހަންނާ ބެހި ހެދިއެވެ. މިކަންކުރީ އޭނާގެ އަންހެނުންނާއި ދަރިފުޅު ކޮންމެވެސް އެއްޗެކޭ ކިޔާފައި ގެއިން ބޭރަށް ފޮނުވާލާފައެވެ. މިކަހަލަ އެތައްދުވަހެކެވެ. އަހަރެން ބޮޑުދައިތަމެންގޭގެ އުޅުނު ނަމަވެސް އަހަރެންނަށް ދިމާވާ ކޮންމެ ކަމެއްވެސް ކުރަނީ އޭނައެވެ. ބޭނުންވާ ކޮންމެ އެއްޗެއްވެސް އޭނާ ހޯދައިދެއެވެ. މަންމަމެންގެ ރައްޓެއްސަކަށްވީމައެވެ.
އެގޮތުން އޭނާ ވަނީ އަހަރެންގެ މައިންބަފައިންގެ އިތުބާރު ހޯދާފައެވެ. އަހަރެން ގޮވައިގެން އޭނާ އުޅޭ ގެއަށް ވަރަށް ގިނައިން ދެއެވެ. ބައެއް ފަހަރު އޭނަގެ އަންހެނުން ގެއަށް އައިސް ދޮރުގައި ޓަކި ޖެހުމުން އަހަރެން ފާޚާނާއަށް ވައްދާ ދޮރު ތަޅުލާފައި އޭނާގެ އަންހެނުންގާތު އޭނާ ނިދަނީކަމަށް ބުނެ ދޮގުހަދައެވެ. މިގޮތަށް އޭނަ އެތަށް ފަހަރެއްގެ މަތިން އަހަރެންނާއި އެގޮތަށް ބެހި ހަދާފައިވެއެވެ.
މިކަމުގެ ސަބަބުން އަހަރެންނަށް ނުކިޔެވި ހާސްވެ ބިރުގަނެ ނަފްސާނީ ގޮތުން ބޮޑު ބައްޔަކަށް ބަދަލުވިއެވެ. ފިރިހެނުންދެކެ ބިރު ގަންނަން ފެށިއެވެ. އެގޮތުން ބިރު ގަނެ ކަންތައްވާތީ ވަރަށް ގިނައިން ނަފްސާނީ ޑޮކްޓަރަށްވެސް އަހަރެންގެ ބޮޑުދައިތަ އަހަރެން ދައްކާ ހަދާފައިވެއެވެ. އެހެންނަމަވެސް އޭރުވެސް އަހަރެންގެ ހަޔާތުގެ އަނދިރިފަރާތް އެއްވެސް މީހަކަށްވެސް އަދި ޑޮކްޓަރަކަށްވެސް ފާހަގައެއް ނުވެއެވެ.
މިގޮތުގައި ދުވަސްތައް ވޭތުވަމުންގޮސް އަހަރެންގެ ޢުމުރުން 10 އަހަރުގައި އަހަރެން ބާލިޣުވެ ފުރާފުރިހަމަ ވެއްޖެއެވެ. އަހަންނަށް މައްސަރު ކަންތައް ޖެހޭ ކޮންމެ ފަހަރަކު ގިނަ އަދަދެއްގެ ލޭ އައުމުގެ ސަބަބުން ބޮލަށް އެނބުރުން އަރާ ލޭ މަނާނުވެ، ގިނަ ދުވަސްތަކެއް ވަންދެން ދެމިހުރެއެވެ. މިކަން މިހެން ވުމުން ވަރަށް ގިނައިން ޑޮކްޓަރަށް ދައްކާވެސް ހަދަމެވެ. ނަމަވެސް މިކަމަކަށް އެއްވެސް ހައްލެއް ނާދެއެވެ.
އަހަރެންގެ މައިން ބަފައިން މިކަމާމެދު ކަންތައް ބޮޑުވެ ހަދާނެގޮތް ހުސްވި ކަހަލައެވެ. އެހެންކަމުން މަންމަމެން ނިންމީ އަހަރެން ގޮވައިގެން ބޭސްފަރުވާކުރުމަށްޓަކައި ރާއްޖެއިން ބޭރަށް ދިއުމަށެވެ. އެހެންކަމުން ޖެހިގެން އައި އަހަރުގެ ޗުއްޓީގައި ބޮޑުދައިތައާއެކު އަހަރެން ރާއްޖެއިން ބޭރަށް ފޮނުވިއެވެ. އެފަހަރު ބޭރަށް ގޮސް ޑޮކްޓަރަށް ދެއްކުމުން ޖިންސީގޮތުން މީހަކު އަހަންނާ ބެހިފައި ހުރިކަމަށް ޑޮކްޓަރު ބުންޏެވެ. އެއީ އަހަރެންގެ ބަދު ނަސީބު ކަމެއް ނުވަތަ ނަސީބުކަމެއް އަހަންނަކަށް ނޭނގެއެވެ.
އަހަންނަށް އެނގޭހާވެސް އެއްޗަކީ އަހަރެންގެ ހަޔާތުގެ އަނދިރި ފަރާތް ހާމަވީ އޭގެ ފަހުންކަމެވެ. ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށްފަހު އަހަރެން ބޮޑުދައިތައާއެކު އެނބުރި މާލެއައުމަށްފަހު ބޮޑުދައިތަ އެކަމާ ބެހޭގޮތުން އަހަންނާ ސުވާލުކުރަން ފެށިއެވެ. އެންމެ ފުރަތަމަ އަހަރެން އެކަމާ އިންކާރުކުރީމެވެ. އެއީ އަހަރެންގެ ވާހަކަ ޤަބޫލުނުކޮށްފާނެތީއާއި އަހަރެންވެސް އެކަމުގައި ކުށްވެރިވާނެ ކަމަށް އަހަންނަށް ޤަބޫލުކުރެވޭތީއެވެ.
ކޮންމެއަކަސް ބޮޑުދައިތަ އެވާހަކަތައް ތަކުރާރުކޮށް އަހަން ފެށުމުން އެވާހަކަތައް ކިޔައިދޭން އަހަންނަށް މަޖުބޫރުވިއެވެ. އެހެންކަމުން އެދުވަހު އެހުރިހާ ވާހަކައެއް އަހަރެންގެ ބޮޑު ދައިތައަށް ކިޔައިދިނީމެވެ. އަހަރެންގެ ޢުމުރުން ވަރަށް ކުޑައިރުއްސުރެ އަހަރުމެންގޭގައި އުޅޭ މަންމަމެންގެ ރައްޓެއްސެއްކަމަށްވާ ފަރުހާދު އަހަރެންނާ އެކިގޮތްގޮތުން ބެހި އަހަންނަށް ކޮށްފައިވާ ޖިންސީ ހާނިއްކަތަކުގެ ވާހަކަ ކިޔައިދިނީމެވެ.
އަދި މީގެ އިތުރުންވެސް އޭނާގެ ފަރާތުން އަހަންނަށް ފެނުނު އެހެން ވާހަކައެއްވެސް ބުނީމެވެ. އެއީ އެއްދުވަހަކު އަހަރެން ފަރުހާދުމެން ގެއަށްގޮސް ހުރި ދުވަހެއްގައި ފަރުހާދުގެ ކޮޓަރި ތަޅުލާފައި ހުރުމުން ކޮޓަރީގެ ކުޑަދޮރުގެ ބާގަނޑަކުން އަހަރެން ކޮޓަރިތެރެ ބަލާލިއިރު ފަރުހާދުގެ ޢުމުރުން އެންމެ 5 އަހަރުވެސް ނުވާ ކުޑަކުޑަ މަޢުސޫމް އަންހެން ދަރިފުޅު ލައިގެން ހުރި އެއްޗެހިތައް ބާލައި ބައްޕަ އެދަރިފުޅަށް ޖިންސީ ގޯނާ ކުރަން ހުރި މަންޒަރުވެސް ފެނިފައިވާ ވާހަކައެވެ.
އަދިވެސް އަހަންނަށް އެނގޭ ހުރިހާ ވާހަކައެއް އަހަރެން ބޮޑުދައިތައަށް ކިޔައިދިނީމެވެ. އަހަރެންގެ އިތުރުން ރަށުގެ އިތުރު ދެކުއްޖަކުވެސް އޭނަގެ ޝިކާރައަކަށް ވެފައިވާކަން އަހަންނަށް އެނގުނެވެ. އެވާހަކަތައްވެސް ބޮޑުދައިތަ ކައިރީގައި ބުނީމެވެ. އަދި މިހުރިހާ ވާހަކަަތައްވެސް އަހަރެންގެ މައިންބަފައިންނަށްވެސް މިހާރު އެނގެއެވެ. އެހެނަސް ވަގުތު ފާއިތުވެއްޖެއެވެ. އަހަރެންގެ ހަޔާތް ބަރުބާދު…
ކުއްލިއަކަށް ސާރާއަށް ގިސްލާފައި ރޮވިއްޖެއެވެ. އެވާހަކަ ކިޔައިދެމުން ދިޔައިރު ސާރާގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ސާޒްގެ އުގަށް އެޅި ސާޒްގެ ގައި ވަނީ ތެމި ފޯވެފައެވެ. ސާޒް ސާރާއަށް ހިތްވަރު ދެމުން ގެންދިޔައެވެ. އަދި ދުވަހަކުވެސް އެފަދަ މީހަކަށް ސާރާގެ ހައްޤަކަށް ނޭރޭނެކަމަށް ބުނެ ސާރާއަށް ހިތްވަރު ދެމުން ގެނދިޔައެވެ. އަދި ސާރާއަށް ދިމާވާ ކޮންމެ ކަމެއްގައި ސާޒް ފަހަތުގައި ހުންނާނެކަމަށް ބުންޏެވެ. ސާރާގެ ހިތް ކުދިކުދި ވެއްޖެއެވެ. ހަޔާތް ބަރުބާދު ވެއްޖެއެވެ. ނަމަވެސް މިއަދު ޝިފާއަކީ ސާޒްގެ ފަރާތުން ދޭ އޯގާތެރިކަމެވެ. ވަފާތެރިކަމެވެ.
ހެޔޮއެދޭ ރަޙްމަތް ތެރިއެކެވެ. ސާރާ ސާޒް ކައިރީގައި ބުންޏެވެ. މިކިޔައިދިނީ އަހަރެންގެ ބަރުބާދުވި ހަޔާތުގެ ވާހަކައެވެ. މިހަޔާތް އަލުން އާރާސްތުކުރެވޭނެ ބާއެވެ. ސާޒް އެވެ. ފިރިހެނުންނަކީ އަންހެނުންނަށް ހިތި ބައެކެވެ. ނަމަވެސް ތިކަހަލަ ހެޔޮއެދޭ ފިރިހެނުން މަދުވާނެއެވެ. އިރުގަނޑެއްގައި ވާހަކަ ދެއްކުމަށްފަހު ސާރާގެ އަޑު ކެނޑިގެން ހިގައްޖެއެވެ. އޭރު ސާރާ އޮތީ ސާޒްގެ ގައި ގައި ބޯއަޅާލައިގެންނެވެ. ސާޒް ސާރާއަށް ގޮވަމުން ގެންދިޔައެވެ. ސާރާގެ ހަބަރު ހުސްވެއްޖެއެވެ.
އެވަގުތު ސާޒްއަށް ހަޅޭއް ލަވައި ގަނެވުނެވެ. އަދި ސާރާ އަތް ދަނޑި މައްޗަށް ލައިގެން ދުވަމުން ކަހަލަ ގޮތަކަށް ގޮސް ސާރާގެ ގެއަށް ވަނެވެ. ސާރާ ފެނުމާއެކު އޭނާގެ މަންމަ ސާރާގެ ގައިގައި އޮޅުލައިގަތެވެ. އަދި ސާރާ ހޭއަރާތޯ މަސައްކަތްކުރަން ފެށިއެވެ. އެވަގުތު އަމިއްލަ ދަރިފުޅުގެ ހާލާމެދު އެމަންމަ ގިސްލާ ރޮމުންދިޔައީ އަމިއްލަ ނަފުޞު ކުށްވެރިކުރާ ހާލުގައެވެ.
ތުއްތު ކުއްޖެއްގެ ގޮތުގައި ހުރެ އެދަރިފުޅަށް ލިބުނު ޖިންސީ ހާނިއްކައަކީ އެމަންމަގެ އިހުމާލުންވިޔަސް ނުވަތަ އެފަދަ ހޭލުންތެރިކަން ނެތުމުން ދިމާވި ގޮތް ކަމަށްވެސް ވެދާނެއެވެ. އިރުކޮޅެއްފަހުން ސާރާއަށް ހޭއަރައިފިއެވެ. ހޭވެރިކަން އައުމާއެކު ވަކިވަކި މީހުންގެ މޫނަށް ސާރާ ބަލަމުން ދިޔައެވެ. ހައިރާންކަމާއެކުގައެވެ.
ވީގޮތެއް ސާރާއަށް ނުވެސް އެނގޭ ކަހަލައެވެ. މިއީ މިއަދު އެފަކީރުގެ ހާލެވެ. ހާސްވެ ކަންބޮޑުވުމާ ހޭނެތުން ފަދަ ކަންތައް ދިމާވުމަކީ ޢާންމު ކަމެކެވެ. އިރުކޮޅެއްފަހުން ސާރާގެ މަންމަ އެތަނުން ދިއުމުން ސާޒް ސާރާއާ ވާހަކަދައްކަން ފެށިއެވެ. ސާރާގެ ހުރިހާ އުދާސްތައް ސާޒް އަޑުއަހައިފިއެވެ. ސާރާގެ ބަރުބާދުވި ހަޔާތް އަލުން އާރާސްތުކުރުމަށް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ސާޒް ސާރާއަށް ދިނެވެ.
އަދި ސާރާއަށް ލިބިފައިވާ ގެއްލުންތަކުގައި ސާރާ ކުށްވެރިނުވާކަން ވިސްނައިދީ އަލުން ދިރިއުޅުމާ ކުރިމަތިލުމަށް ހިތްވަރުދިނެވެ. އަދި ފުލުހުންގެ އެހީތެރިކަން ހޯދުމަށް ބާރުއެޅިއެވެ. އެންމެފަހުން ސާރާގެ މަންމަމެން އެގޮތަށް އެއްބަސްވިއެވެ. އާއިލާ ބަދުނާމުވެދާނެކަމަށް އެއްވެސް ޖެހިލުމެއް ނެތިއެވެ. ސާރާއަށް ލިބިފައިވާ ގެއްލުންތަކަށް ފަރުވާ ހޯދުން މާމުހިންމު ކަމެއްކަމުގައި ވިސްނުނީކަމަށްވެސް ވެދާނެއެވެ.
މިއަދު ސާރާއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޔުނިޓުގެ ތަޖުރިބާކާރު ފުލުހުންގެ އެހީތެރިކަމާއެކު ނަފުސާނީ ގޮތުން ލިބިފައިވާ ގެއްލުންތަކަށް ފަރުވާ ހޯދައި ދިރިއުޅެން އަލުން ދަސްކުރަމުންދާ ޒުވާނެކެވެ.
މުޖުތަމަޢުގައި ދިރިއުޅޭ ވިޔާނުދާ މީހުންގެ ހަޑިމުޑުދާރު ނުބައި އަމަލުތަކުގެ ސަބަބުން މިފަދަ އެތައް މައުސޫމް ދަރިންތަކެއްގެ މުސްތަޤުބަލް ބަރުބާދުވެގެންދާކަމީ ހިތާމަހުރިކަމެކެވެ.
-ނިމުނީ-
Varah furihama vaahakaeh… mikahala ibraytheri vaahaka gina ginain genesdhinun edhen…
jazaakumullah khaira team…