ދަރިފުޅު ކިޔެވުމާ ދުރުވީ ބުލީކުރުމަށް ކެތް ނުކުރެވިގެން ކަން އެނގުނީ ވަގުތު ފާއިތުވި ފަހުން

އަހަރެންގެ ފިރިހެން ދަރިފުޅަކީ މަޑުމައިތިރި، ބަސްއަހާ، ބަސްމަދު ކުއްޖެކެވެ. ކަމެއް ކުރަން ބުނުމުން ނޫނެކޭ ނުބުނެއެވެ. ރުޅި މޫނެއް ނުދައްކައެވެ. ކިޔަމަންތެރިއެވެ. ރުޅިމަޑެވެ. އަދި މީހުންނަށް އިޙްތިރާމް ކުރާ، މީހުންނަށް އެހީތެރި ވުމަށް ލޯބިކުރާ، އެކި ކަހަލަ މަސައްކަތް ދަސްކުރުމަށާއި އެކި ކަހަލަ އެއްޗެހި އީޖާދު ކުރުމަށް ލޯބިކުރި ކުއްޖެކެވެ. ހާއްސަކޮށް ޔޫޓިއުބް ބަލައިގެން އެކި އެކްސްޕެރިމެންޓް ހެދިއެވެ. އޭނާގެ އުމުރުގެ އެހެން ކުދިން ޔޫޓިއުބްގައި ވީޑިއޯތައް ބަލައި، ގޭމްތައް ކުޅުމުގައި ވަގުތުތަށް ހޭދަ ކުރިއިރު، އަހަރެންގެ ދަރިފުޅު އެންމެ ކުޑައިރު ވެސް އުޅުނީ އެކި އެއްޗެހި އީޖާދު ކުރުމުގައެވެ.

އެއްފަހަރު ދަޅެއް ކަފައިގެން ތަރުކާރީ ކޮށާ އެއްޗެއް ހަދާފާނެއެވެ، އަނެއްފަހަރު ފޮތްތަކުން ގެއެއް ހަދާފާނެއެވެ. ގޭގައި ހުރި ބައު ސީޑީތަކުން ހޮލޯގްރާމް ހަދައި، ކޮޓަރީގެ ބޮކިތައް ނިވައިގެން އޭނާގެ ކޮއްކޮމެންނަށް ހޮލޯގްރާމް ޝޯތައް ބާއްވަދިނީވެސް މަދު ފަހަރަކު ނޫނެވެ. ޕަޒްލް އެއް ރާވާލައި، ކުދި ކުދި އެއްޗެހި ބޭނުން ކޮށްގެން މީހުން ހައިރާން ވާކަހަލަ އެއްޗެއް ތައްޔާރު ކުރުމަކީ އޭނާއަށް އެއްވެސް ކަމެއް ނޫނެވެ. ގޭގައި ގެންގުޅޭ އެއްޗެއް ހަލާކު ވެއްޖެ ނަމަ ނުވަތަ މަސައްކަތް ނުކޮށްފި ނަމަ، ރިޕެއަރ ކުރަން ބޭރުން މީހަކު ގެނައުމުގެ ކުރިން އޭނާ އެއެއްޗެއް ރޫޅާލާނެއެވެ. ގިނަފަހަރު ރިޕެއަރ ކުރުމުގައި އޭނާ ކާމިޔާބު ވެއެވެ. ސްކޫލުން މާ މަތީ ގްރޭޑްތަކެއް ނުލިބުނު ނަމަވެސް، އޭނާގެ ޓެކްނޮލޮޖީ ދުނިޔޭގައި އޭނާ އުޅުނީ އެފަލުން އެކަމާ ވެގެންނެވެ. އެއީ އަހަރެން ފަޚުރުވެރިވި ދަރިއެކެވެ.

އިޝްތިހާރު Below Header ad

އެހެންނަމަވެސް އުޅުން ބަދަލުވާން ފެށިއެވެ. ކުރާހިތްވާ ކަންތައްތަކާއި، ބަސްބުނާ ގޮތްވެސް ބަދަލުވާން ފެށިއެވެ. އެއްޗެއް ބުނުމުން ރުންކުރުވާން ފެށިއެވެ. ސްކޫލާއި ދުރުވެ، ކިޔެވުމާއި ވެސް މުޅިން ދުރުވިއެވެ. އަދި އެންމެ ލޯބިން ކުރާ ކަންތައް ކަމުގައިވާ އެކިކަހަލަ އެކްސްޕެރިމެންޓު ތަކާއި މިފަދަ ހުރިހާ ކަމަކާއިވެސް މުޅިން ދުރުވިއެވެ. ބޭނުން ވަނީ ކޮން ކަމެއްކަމެއް ނޭނގުނެވެ. އެއްވެސް މީހަކާއި ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. ރަޙްމަތްތެރިން ގެންގުޅޭކަށް ވެސް ބޭނުމެއް ނުވިއެވެ.

އޭނާ ކުރަން ބޭނުންވާހާ ވެސް ކަމަކީ ފޯނުން ގޭމު ކުޅުމެވެ. އޭނާގެ ރަޙްމަތްތެރިންނަކީ އޮންލައިން ގޭމުތަކުން ދިމާވާ މީހުންނެވެ. ގިނަފަހަރަށް އެއީ އޭނާއަށް ވުރެ އުމުރުން އެތައް އަހަރެށް ބޮޑެތި މީހުންނެވެ. ކުރިން ގޭގައި ކޮއްކޮމެން ގޮވައިގެން އޭނާގެ އުފެއްދުންތައް ދައްކާލައި، އެކުދިންނާއެކު މަޖާކޮށް ޖާދޫ ދައްކަން އުޅުނު ދޮންބެ، މިހާރު ބޭނުން ވަނީ ހަމައެކަނި ފޯނެކެވެ. ދޮންބެއާއެކު ވާހަކަ ދައްކައި ކުޅެން ބޭނުން ނަމަ ޖެހެނީ އޭނާ ކުޅޭ ގޭމުގައި ބައިވެރި ވާށެވެ.

ސްކޫލަށް ދިއުން އެއްކޮށްހެން ހުއްޓުނީއެވެ. ސްކޫލަށް ދާންވާ ކޮންމެ ފަހަރަކު އޭނާގެ ބަހަނާތައް ހުހެއް ނުވެއެވެ. ބޮލުގައި ރިއްސާނެއެވެ. ނުވަތަ ސްކޫލަށް ދާންވާ ގަޑިއަށް ކުއްލިއަކަށް ބޭރަށް ހިންގަން ފަށާނެއެވެ. އަރަން ގެންގުޅޭ އިސްޓާކީނުތަކެއް ނުފެންނާނެއެވެ. ކުރީދުވަހު ޔުނިފޯމުގައި ޖެހިފައި ނުވާ ދެލިގަނޑެއް ކުއްލިއަކަށް ޔުނިފޯމުގައި ޖެހިފައި ހުންނާނެއެވެ. ދެވަނަ ޔުނިފޯމު އޮންނާނީ ދާވެފައެވެ، ނުވަތަ ހޯދައި ހޯދައި ނުފެންނާނެއެވެ. މިވަރުން ނުވެއްޖެ ނަމަ ފާހާނާއަށް ވަދެފައި ސްކޫލް ގަޑި ޖެހޭއިރުވެސް ފެންވަރައި ނުނިމޭނެއެވެ. އެންމެ ފަހުން ގަޑި ޖެހި މާބޮޑަށް ލަސްވުމުން ސްކޫލަށް ނުދެވޭނީއެވެ. ސްކޫލަށް ނުދާން އޭނާ ދައްކާ ބަހަނާ ތަކަކަށް ނިމުމެއް ނާދެއެވެ.

ނަސޭހަތް ދިނީމެވެ. ސްކޫލަށް ދާ ދުވަސްތަކަށް އިނާމުދޭން ހުށަހެޅީމެވެ. އަދަބުވެސް ދިނީމެވެ. އެކަމަކު ސްކޫލަށް ދާކަށް ބޭނުމެއް ނުވިއެވެ. ބޭނުންވަނީ ގޭގައި އެކަނި އިނދެ ފޯނުން އޮންލައިން ގޭމު ކުޅޭށެވެ. ސްކޫލަށް ނުދިއުމުން އަދަބެއްގެ ގޮތުގައި ފޯނު އަތުލުމުން އެއް ދުވަހު ދެދުވަހު ސްކޫލަށް ދެއެވެ. ނަމަވެސް އޭގެ ފަހުން ނުދެއެވެ. މިގޮތުގައި އެތައް ދުވަހެއް ވޭތުވެ، އޯލެވެލް އިމްތިހާން ހަދާ އަހަރު ޖެހިއްޖެއެވެ. އެކަމަކު އުޅުމަކަށް ބަދަލެއް ނައެވެ. އޯލެވެލް އަހަރު ފެށިއިރު ވަރަށް ރަނގަޅެވެ. ބަރާބަރަށް ސްކޫލަށް ގޮސް، ގެއަށް އައިސް ފިލާވަޅުތައް ވެސް ހަދައި ދަސްކުރި އެވެ. އެކަން ފާހަގަކޮށް އޭނާގެ ޓީޗަރުން ވެސް އެވާހަކަ ދައްކައި އޭނާއަށް ހިތްވަރު ދިނެވެ. އެކަމަކު ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ސްކޫލާއި ދުރުވެއްޖެއެވެ. އަނެއްކާވެސް ފޯނަށް ގެއްލި، ހުރިހާ ވަގުތެއް ގޭމް ކުޅުމުގައި ހޭދަކުރިއެވެ.

އަހަރެން ހީކުރީ އެއީ އުމުރުގެ ގޮތުން ވީ ކަމެއް ކަމަށެވެ. ފުރާވަރަށް އެރުމުން އުޅުމަށް ބަދަލު އައިސް، މަންމަގެ އުނގުން ނެއްޓި މިނިވަންކަމާއި އަމިއްލަވަންތަ ކަމަށް އިސްކަން ދޭން ބޭނުންވީ ކަމަށެވެ. ފުރާވަރުގެ އެހެން ކުދިންނާއި އެކުވެ، އަހަރެންގެ ދަރިފުޅުވެސް ހަލާކުވީ ކަމަށެވެ. އެހެންކަމުން އަހަންނަށް ވެސް ފަހުން އޭނާއާއި ވާހަކަދެއްކުނީ ނަސޭހަތައްވުރެ ބޮޑަށް، އެއްޗެހި ކިޔާ ކަހަލަ ގޮތަކަށެވެ. ސްކޫލަށް ނުގޮސް ދައްކާ ބަހަނާތަކުން އަހަރެން ވެސް ގޮތްހުސްވީއެވެ. ކިޔަވަން ޖެހޭނެ ކަމަށާއި ނުކިޔަވާ ނަމަ ބޮޑުވެގެން ވަޒީފާއެއް ވެސް ނުލިބޭނެ ކަމަށް ބުނެ، އޭނާގެ ޚަރަދުތައް ކޮށްދޭން މަންމައާއި ބައްޕަ އަބަދު ދުނިޔޭގަ ނުތިބޭނެ ކަމަށް ބުނެ އެތައް ފަހަރަކު ހަރުއަޑުން ވާހަކަ ދެއްކުނެވެ. އެއީ އަހަންނަށް ކުރެވުނު ވަރަށް ބޮޑު ކުށެއްކަން އިހުސާސްވީ މާފަހުންނެވެ.

ވެގެން އުޅޭ ގޮތެއް އެނގުނީ ދާދި ފަހުންނެވެ. އެއްރޭ ހުރިހާ ކުދިންނާއެކު ދެއްކި ވާހަކައެއްގެ ތެރެއިން އަހަންނަށް ބުނެވުނު އެއްޗަކުން، އޭނާގެ ހިތުގައި ހުރި ހުރިހާ ވާހަކައެއް އޭނާ އަހަންނަށް ކިޔައިދިނެވެ. ކިޔެވުމުގެ ވާހަކައާއި ރަޙްމަތްތެރިންގެ ވާހަކަ ދައްކަމުން އަހަރެން އޭނާ ކައިރީ ބުނީމެވެ، އެހެން ކުދިންނާއި ވާހަކަ ނުދައްކައި އެކަނި ތިހެން ނޫޅޭށެވެ. ތިގޮތަށް އެކަނި އެކަންޏަށް އުޅޭނަމަ މީހުން މަލާމާތްކޮށް ދިމާކުރާނެ އެވެ. ބުލީ ކުރާނެ އެވެ. އެނާގެ އިހުސާސްތަކާއި އުޅުމަށް ބަދަލުއައި ގޮތް އަހަންނަށް ކިޔައިދިނީ އެހިސާބުންނެވެ.

އޭނާ ކިޔައިދިން ގޮތުގައި އޭނާ ސްކޫލަށް ދިޔައީ ދާހިތުންނެވެ. އެކަމަކު ގްރޭޑް 8 އިން ފެށިގެން ކުލާހުގެ ބައެއް ކުދިން އޭނާއާއި ދިމާކޮށް ބުލީ ކުރަން ފެށީއެވެ. އެކިފަހަރު އެކި ނަމުން ގޮވައި ހަޑިއެއްޗެހި ކިޔަން ފެށީއެވެ. އެހެން ކުދިންގެ ކުރިމަތީގައި ވެސް އޭނާ ލަދު ގަންނާނެ ފަދަ އެއްޗެހި ކިޔަން ފެށީއެވެ. ކުދިން އޭނާއާއި ދިމާ ކުރީ އޭނާއަކީ ބަސްމަދު މަޑުމައިތިރި ކުއްޖަކަށް ވުމުންކަމަށް އޭނާ ބުނެއެވެ. އެހާ ގިނައިން ވާހަކަ ނުދައްކައި، ކުޅިވަރުތަކަށް އެހާ މޮޅު ނުވީމައެވެ. ކިޔެވުމުގައި ފާހަގަ ކޮށްލެވޭފަދަ ނަތީޖާއެއް ނުގެނެވޭތީއެވެ. އެހެންކަމުން އޭނާއަކީ އެއްވެސް ކަމެއް ނުކުރެވޭ ފިނޑިއެއްގެ ގޮތުގައި އެކުދިން ދެކުނެވެ. ހަޑިހުތުރު ނަންނަމުން ގޮވިއެވެ. އަންހެދުޅާ ފިރިހެނެއް ކަމުގައި ބުނަން ފެށިއެވެ.

bullying 1

ނަތީޖާއަކަށް ވީ އެކުދިންގެ ފުރައްސާރައަށް ކެތްނުވެގެން ސްކޫލަށް ދިއުން ހުއްޓާލުމެވެ. އެކުދިންނާއި ކުރިމަތިލާން ބޭނުން ނުވީއެވެ. އެއްފަހަރު ކުދިން ދިމާކުރާ ވާހަކަ އަހަރެން ގާތު ބުނުމުން އެވާހަކަ އަހަރެއް ކުލާހުގެ ޓީޗަރު ކައިރީގައި ބުނީމެވެ. އަދި ބުލީކުރާ ކުއްޖާގެ މަންމައާއި ވެސް ވާހަކަ ދެއްކީމެވެ. އޭގެފަހުން އެފަދަ އެއްވެސް ވާހަކައެއް އަހަރެން ގާތު ނުބުނާތީ އަހަރެން ހީކޮށްގެން ހުރީ އެފަދަ ކަމެއް މިހާރު ނުވަނީ ކަމަށެވެ.

އެކަމަކު ވީ އެހެނެއް ނޫނެވެ. ޓީޗަރު އެކުދިންނާއި ވާހަކަ ދެއްކުމުންނާއި، އެކުދިންގެ މައިންބަފައިން އަދަބު ދިނުމުން އެކުދިންގެ ބުލީ ކުރުން ވީ އިތުރެވެ. އެހެންވެ އަހަރެން ގާތު އެއްވެސް ވާހަކައެއް ނުބުނެ ސިއްރު ކުރީއެވެ. އަދި އެކުދިން ކައިރިން ސަލާމަތް ވެވޭނެ ހަމައެކަނި ގޮތަކީ ސްކޫލަށް ނުދިއުން ކަމުގައި ނިންމައި، އެކި ބަހަނާ ހަދައިގެން ސްކޫލަށް ދިއުން ހުއްޓާލީއެވެ. ގޭމު ކުޅުމުގައި އޭނާ ހުރިހާ ވަގުތެއް ހޭދަ ކުރީ އޭނާއާއި ރަނގަޅަށް ވާހަކަ ދައްކައި، އޭނާއަށް މަލާމާތް ނުކޮށް އޭނާގެ ހުނަރަށް ތަޢުރީފު ކުރާ ހަމައެކަނި ބަޔަކާއި ދިމާވީ އޮންލައިން ގޭމުތަކުން ކަމުގައި ވާތީއެވެ.

އަސަރާއެކު ފެންކަޅި ވެފައިހުރެ ހުރިހާ ވާހަކަތަކެއް އޭނާ އަހަންނަށް ތަފްސީލުކޮށް ކިޔައިދިނެވެ. އޭނާއަށް ކޮށްފައި ހުރި އަސަރު އޭނާގެ ލޮލަށް ޖަމާވެފައިހުރި ކަރުނަތަކުން ވެސް ސާފުކޮށް ފެންނަން ހުއްޓެވެ.

bullied

މިހުރިހާ ވާހަކައެއް އަޑުއިވިފައި މިއަދު އަހަރެންގެ ލޮލުން ކަރުނަ ފޭދިއްޖެއެވެ. އަހަރެންގެ ދަރިފުޅުގެ ކިޔެވުން ހަލާކުވީތީ އެކަންޏެއް ނޫނެވެ. ކުދިން އެވަރު ކުރިއިރު އަހަރެން ގާތު ނުބުނީތީ އެކަންޏެއް ނޫނެވެ. އެކަމަކު ކުދިންގެ ބުލީ ކުރުމުން ސަލާމަތް ވުމަށް ގެއަކީ އަމާން ތަނެއް ކަމުގައި ބަލައި، ގޭގައި މަޑުކުރުމުން ޚުދު އަހަންނަށް ވެސް އެދަރިފުޅަށް ބުލީ ކުރެވުނީތީއެވެ. އެއީ އަހަރެން ގަސްތުގައި ކުރި ކަމެއް ނޫނެވެ. އޭނާ ތަހައްމަލް ކުރަމުންދާ ކަންތައްތައް އަހަންނަށް ކުރިން އެނގުނު ނަމަ ހަމަ ޔަގީނުން ވެސް އަހަރެން އެކަމާ ފިޔަވަޅު އެޅީމުހެވެ. ސްކޫލުން އެކަމަށް ހައްލެއް ނުލިބިއްޖެ ނަމަ އެހެން ސްކޫލަކަށް ބަދަލު ކޮށްގެން ނަމަވެސް އަހަރެންގެ ދަރިފުޅު އަހަރެން ރައްކައުތެރި ކުރީމުހެވެ.

އެކަމަކު މިއަދު މިވަނީ ވަރަށް ލަސްވެފައެވެ. އަންނަ މަހު އޯލެވެލް އިމްތިހާނު ފެށޭއިރު އަހަރެންގެ ފިރިހެން ދަރިފުޅު އިމްތިހާނުގައި އިށީންނާނެ ފެންވަރުވެސް ނެތެވެ. އޭނާގެ ކިޔެވުން މިވަނީ ހަލާކު ވެފައެވެ. އޭނާއަކީ ގޯސް ކުއްޖެއް ނޫނެވެ. އަދި އެއީ އެއްޗެހި ނުވިސްނޭފަދަ ކުއްޖެއް ވެސް ނޫނެވެ. އެއީ މީހުންނަށް އެހީތެރިވާ، މީހުންނަށް އިޙްތިރާމް ކުރާ އަޚްލާޤު ރަނގަޅު ކުއްޖެކެވެ. އެހެންނަމަވެސް، އެހެން ބައެއްގެ ސަބަބުން އެކުއްޖާގެ ކިޔެވުން މިވަނީ ހަލާކު ވެފައެވެ. މިވަރު ވިއިރު އަހަންނަށް މީގެން އެއްވެސް ކަމެއް ނޭނގުމުން އެކަމާ އަހަރެން މުޅި އުމުރަށް ވެސް އަމިއްލަ ނަފްސު ކުށްވެރި ކުރާނަމެވެ.

މިހާހިސާބުން އަހަރެން ހިތްވަރު ދުލެއް ނުކުރާނަމެވެ. ދަރިފުޅަށް ދިމާވި ކަންތަކާމެދު ކަރު އެލުވާލައި، ހަޔާތް ބަރުބާދުވީ ކަމުގައި އަހަރެން ނުނިންމާނަމެވެ. އިން ޝާ ﷲ އަހަރެންގެ ދަރިފުޅަކީ މުޖުތަމަޢަށް ބޭނުންތެރި، ހެޔޮލަފާ އަދި މޮޅު މީހެއްގެ ގޮތުގައި ނެރޭނަމެވެ. މަދު ކުދިންކޮޅެއްގެ ސަބަބުން އަހަރެންގެ ދަރިފުޅު ބަލިކަށި ވިޔަކަ ނުދޭނަމެވެ. އޭނާއަށް ހިތްވަރު ކުރަން ދަސްކޮށްދޭނަމެވެ. އޭނާއަކީ އެކުދިން ބުނާ ފަދަ ފިނޑިއެއް ނޫންކަން ދުނިޔެއަށް ސާބިތު ކޮށްދޭން ދަސްކޮށްދީ، އެކަމަށް ހިތްވަރު ދޭނަމެވެ. ދުނިޔެއަކީ ހަމައެކަނި ހިތްފަސޭހަ ފޮނި ތަނެއް ނޫންކަން، މިތަނުގައި ހަޑި ކަމާއި އުނދަގޫތައް ވެސް ހުންނަކަން ދަސްކޮށްދޭނަމެވެ. މިފަހަރު ހިތި ތަޖުރިބާއެއް ކުރެވުނަސް، ހަޔާތަށް އަދިވެސް ފޮނިކަމާއި އުފާވެރިކަން އަތުވެދާނެކަން ދަސްކޮށްދޭނަމެވެ.

ހަޔާތުގައި ދިމާވާ ކަންތައްތަކުން ބިރުން ދުރަށް ނުގޮސް، ކެރިގެން ކުރިމަތިލާން ދަސްކޮށްދޭނަމެވެ. މޮޅުވުމުން އުފާ ކުރާ ގޮތަށް، ބަލި ވުމުން އިތުރަށް ހިތަވަރު ކުރަން ދަސްކޮށްދޭނަމެވެ. އަދި ހާއްސަކޮށް، ކަމެއް ދިމާވެއްޖެ ނަމަ އެއްވެސް ޖެހިލުމެއް ނެތި މަންމައާއި ހިއްސާ ކުރެވިދާނެކަން، އަދި އަބަދުވެސް ދަރިފުޅާއެކު މަންމަ ހުންނާނެކަން އިޙުސާސް ކޮށްދޭނެމެވެ.

ބޮޑުވުމުން އޭނާ ހާސިލް ކުރަން ބޭނުންވި ލަނޑުދަނޑިތަކެއް ހުއްޓެވެ. އޭނާގެ ހުވަފެންތަކެއް ހުއްޓެވެ. އިން ޝާ ﷲ އެ ހުވަފެންތައް ކާމިޔާބު ކުރުމަށް އޭނާއަށް މުޅިން އައު ހިތްވަރެއް ލުމަށް އެހީތެރިވެދީ، އޭނާ އަކީ އަމިއްލަ ނަފްސަށް އިތުބާރު ކުރާ ހިތަވަރުގަދަ ކުއްޖެއް ކަމުގައި ހެދުމަކީ އަހަރެންގެ އައު އަޒުމެވެ. އޭނާއަކީ މިއަދުވެސް އަހަރެން ފަޚުރުވެރިވާ ދަރިއެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.