ޕީއެންއެފް ރަޖިސްޓްރީކޮށް ދީފި
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ވަކިވެ ވަޑައިގަތުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ރަޖިސްޓަރީކޮށް ދީފި އެވެ.
ޕީއެންއެފް ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 29 ގަ އެވެ. ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުގެ މަތިން މިއަދު އީސީން އެ ޕާޓީ ރަޖިސްޓްރީކޮށް ދިނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގަ އެވެ.
ޔާމީން ޕީއެންއެފް އުފެއްދުމުގެ މަސައްކަތް ފެށްޓެވީ މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ހުންނެވުމުން ގޭ ބަންދަށް ބަދަލު ކޮށްފައި ވަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ.
ޔާމީން އިސްވެ ސިޔާސީ ޕާޓީއެއް އުފެއްދިއިރު، މިދިޔަ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެ މަނިކުފާނުގެ ތާއީދާ އެކު ކުރިމަތިލެއްވި އެންމެ ކެންޑިޑޭޓަކު ވެސް ނުހޮވެ އެވެ.