
މިއަހަރުގެ އެންމެ މޮޅު ރެފްރީއަކަށް އިނގިރޭސި ރެފްރީ މާކް ކްލެޓެންބާގް ހޮވިއްޖެ.
ގްލޯބް ސޮކާއިން މިއަހަރު ހޮވި އެންމެ މޮޅު ރެފްރީގެ އެވޯޑު އިނގިރޭސިވިލާތުގެ މާކް ކްލެޓެންބާގްއަށް ލިބިއްޖެއެވެ.
މި އެވޯޑު ކްލެޓެންބާގްއަށް ލިބުނުއިރު ކްލެޓެންބާގް ވަނީ މިއަހަރުތެރޭ ކުޅުނު ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލާއި ޗެމްޕިއަންސް ލީގު، އަދި އިނގިރޭސި އެފްއޭކަޕްގެ ފައިނަލް މެޗުގައި ވެސް ރެފްރީކަން ކޮށްފައެވެ.
މި އެވޯޑް ލިބުމުން ނޫސްވެރިންނާ ވާހަކަދައްކަމުން ކްލެޓެންބާގް ބުނީ މި އެވޯޑް ލިބުމުން ވަރަށް އުފާވާ ކަމަށާއި އަދި ބޮޑު މުބާރާތެއްގެ ފައިނަލް މެޗެއްގެ ރެފްރީކަން ކުރުމަކީ ލިބޭ ބޮޑު ކާމިޔާބީއެއްކަމަށެވެ.
އަދި މީގެއިތުރުން އެއް އަހަރެއްގެ ތެރޭ ބޮޑު ތިން މުބާރާތެއްގެ ފައިނަލް މެޗުތަކުގައި ރެފްރީކަން ކުރަން ލިބުމަކީ ރެފްރީއަކަށް ލިބޭނެ އެންމެ ބޮޑު ކާމިޔާބު ކަމަށްވެސް ކްލެޓެންބާގް ބުންޏެވެ.
އެންމެ ފަހުންވެސް މި އެވޯޑް ލިބުފައިވަނީ އިނގިރޭސި ރެފްރީ އަކަށެވެ. އެއީ އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ރެފްރީ ހޮވަޑް ވެބްއަށެވެ.
މިހާރު އުމުރުން 41 އަހަރުގެ ކްލެޓެންބާގް އަންނަނީ 2004 ވަނަ އަހަރުން ފެށިގެން އިނގިރޭސި ޕްރިމިއަރ ލީގުގައި މަސައްކަތްކުރަމުންނެވެ.