ދަސްވާރު ޕްރޮގްރާމްގެ ދަށުން ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ތަމްރީނުވަމުން އަންނަ ދަރިވަރުންނާއި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ ސަންއައިލެންޑް ރިސޯޓްގައި ހުންނަ ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް މެރިން ސައިންސްގައެވެ.
ދެ ބުރަކަށް ބަހާލައިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯހުގެ ފުރަތަމަ ބުރުގައި ތަމްރީނުވަމުން އަންނަ 14 ދަރިވަރުންނާއި އަދި ފެކަލްޓީ ގެ އިސްވެރިންނާއި ބައްދަލުކުރައްވާ ތަމްރީނުތައް ކުރިއަށްދާ ގޮތް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.
މި ބުރުގެ ދަރިވަރުން އޯގަސްޓް މަހުގެ ތެރޭގައި މި ކޯސް ފަށްޓާފައިވާ އިރު، ދަރިވަރުންނަށް ބޮޑެތި ކުރިއެރުންތައް އައިސްފައިވާކަން ވިލާ ކޮލެޖުގެ އިންސްޓްރަކްޓަރުން ވަނީ ފާހަގަކުރައްވާފައެވެ. ކޯހުގެ ދެވަނަ ބުރުގައި ބައިވެރިވާ ދަރިވަރުންގެ ތަމްރީނުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރ މަހުގެ ތެރޭގައެވެ.
ދެ މަސްދުވަހުގެ ތަމްރީނުތަކަށް ފަހު ދަރިވަރުން އެކި ރިޒޯޓްތަކުގައި ޢަމަލީ ތަޖްރިބާ ހޯދުމަށް ހަމަޖެހިފައިވާ އިރު، މިއަންނަ އަހަރު ޓިވެޓް އޮތޯރިޓީއިން އައުޓްޑޯ ރެކްރިއޭޝަންގެ ނަމުގައި ލެވެލް 3 ކޯހެއް ތަޢާރަފް ވކުރުމުގެ މަސައްކަތްވެސް ވިލާ ކޮލެޖާއެކު އަންނަނީ ކުރަމުންނެވެ.
މި ޕްރޮގްރާމަކީ އެއްވެސް ކުއްޖަކު ބާކީނުކޮށް ތަޢުލީމް ދިނުމުގެ ސިޔާސަތުގެ ދަށުން ދަރިވަރުންނަށް އިތުރު ފަހި ފުރުޞަތުތަކެއް ތަނަވަސް ކޮށްދިނުމުގެ ގޮތުންނާއި ދަރިވަރުން ދަސްކުރާހިތްވާ، ވަޒީފާގެ ބާޒާރުގައި ވަޒީފާ ލިބެންހުރި ދާއިރާތައް ދަރިވަރުންނަށް ތަޢާރަފްކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ދަސްވާރު ޕްރޮގްރާމަކީ ގްރޭޑް 10 ގައި ތަޢުލީމް ޙާޞިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން މަސައްކަތާއި ހުނަރު ދަސްކުރަން ބޭނުންވާ ދަރިވަރުންނަށް އަމާޒުކޮށްގެން ޓިވެޓް އޮތޯރިޓީއާ ގުޅިގެން 2014 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ފާއިތުވެދިޔަ ދެއަހަރުގެ ތެރޭގައި 557 ދަރިވަރުން މިހާތަނަށް ލެވެލް 3 ގެ ސަނަދު ޙާޞިލްކޮށްފައިވާ އިރު، މިއަހަރު މުޅި ރާއްޖެއިން 168 ސްކޫލަކުން 1480 ދަރިވަރުން މިޕްރޮގްރާމް ފުރިހަމަކުރަމުން އެބަގެންދެއެވެ. ވިލާ ކޮލެޖާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށްގެންދާ ’އެކުއަޓިކް ރެކްރިއޭޝަން‘ ގެ މިއަހަރުގެ ކޯހުގައި 30 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.