ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިއަކަށް މަންފާ ލިބޭނަމަ، ބޭރުގެ ބޭންކެއް މެދުވެރިކޮށް ބޭރުގެ ފަރާތަކަށް ދައްކާ ފައިސާއިން ވިތްހޯލްޑިންގ ޓެކްސް ދައްކަން ޖެހޭނަމަ، އިސްތިސްނާ ނުވާނެކަމަށް ހައިކޯޓުން ނިންމައިފިއެވެ.
ހައިކޯޓުންކުރި ޙުކުމުގައި، ވިތްހޯލްޑިންގ ޓެކްސް ދެއްކުމަށް މީރާއިން އަންގާފައިވާ މުއާމަލާތަކީ ޢައިޝަތު އާޞިމާ ނަމަކަށް ކިޔާ ފަރާތެއް ހިންގަމުން ގެންދާ ގެސްޓް ހައުސްއެއް އިޝްތިހާރުކުރުމަށް އޭނާގެ ފިރިމީހާގެ ނަމުގައިވާ އިގިރޭސިވިލާތުގެ ބޭންކަކުން ދޫކޮށްފައިވާ ކްރެޑިޓް ކާޑަކުންކޮށްފައިވާ މުއާމަލާތެއް ކަމުގައިވީ ނަމަވެސް، އެ މުއާމަލާތުން ފައިދާ ކޮށްފައިވަނީ، ޢައިޝަތު އާޞިމާގެ ނަމުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން ގެންދާ ވިޔަފާރިއަކަށް ވީތީ، އެ މުއާމަލާތާ ގުޅިގެން ވިތްހޯލްޑިންގ ޓެކްސް ދައްކަންޖެހޭނީ ވިޔަފާރީގެ ވެރިފަރާތުންކަން ފާހަގަ ކޮށްފައިވެއެވެ.
އެހެންކަމުން، ޢައިޝަތު އާޞިމާއާ ދެކޮޅަށް ޓެކްސް އެޕީލް ޓްރައިބިއުނަލްއިން ކުރިން ނިންމާފައިވާ ނިންމުން، ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ މައްސަލައިގައި ޓްރައިބިއުނަލްއިން ނިންމިގޮތަށް ބަދަލު ގެންނަން ޖެހޭފަދަ އެއްވެސް ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ޙުކުމްގައި ވަނީ ބަޔާން ކޮށްފައެވެ.
މި މައްސަލައަކީ، ވިތްހޯލްޑިންގް ޓެކުހުގެ ގޮތުގައި ޢައިޝަތު އާޞިމާ ދިވެހި ދައުލަތަށް ދައްކަން ޖެހޭކަމަށް މީރާއިން ކުރި އޮޑިޓަކުން ކަނޑައަޅާފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބަޔާންކޮށް، އެ ފަރާތުން ކޮށްފައިވާ އިއުތިރާޒާ ގުޅިގެން މީރާއިން ނިންމި ނިންމުމާމެދު ހިތްހަމަ ނުޖެހޭތީ، އެ މައްސަލަ ޓްރައިބިއުނަލްގައި އިސްތިއުނާފުކުރުމުން، މީރާގެ ނިންމުން ރަނގަޅުކަމަށް ޓްރައިބިއުނަލް އިން 2014 ވަނަ އަހަރު ކަނޑައެޅުމުން، ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައެކެވެ.
ވިތްހޯލްޑިންގ ޓެކްސްއަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް، ބޭރުގެ ފަރާތަކަށް ދައްކާ ނުވަތަ ދައްކަންޖެހޭ ފައިސާގެ 10 އިންސައްތައިގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ ޓެކުހެކެވެ.