
މަންމާއެ!
މަންމާއެވެ! އަހަރެން އަދި އެނބުރި އަންނާނަމެވެ. ތިޔަ ބަރަކާތްތެރި ބޮލުގައި ބޮސްދޭނަމެވެ. މަންމަ ދެކޭހިތްވާލެއް ބޮޑުކަން އަހަރެން ފާޅުކުރާނަމެވެ. މަންމަގެ ކިބައިގައިވާ ބަރަކާތުގެ ހުވަދުން އަހަރެން އަތަރުލާނަމެވެ. މަންމަގެ ފައިތިލަ ދަށުގައިވާ ވެލިތަކުގައި އަހަރެންގެ މޫނު ހާކައި އެއިން ބަރަކާތް ލިބިގަންނާނަމެވެ. މަންމަގެ މޫނު ފެންނަ ހިނދު އުފަލުން އުފާވެރިކަމުގެ ކަރުނައިން ވެލިގަނޑު ތެންމާލާނަމެވެ.
އަހަރެން އަރާމުގައި ނިދުމަށްޓަކައި މަންމަ ހޭލައި އިނީ ކިތައްރޭހެއްޔެވެ؟ ލޯތްބާއި އޯގާތެރިކަމާއެކު އަހަރެންނަށް ކާންދީފައި ތިޔަ ލޮބުވެތި މަންމަ ހައިހޫނުކަމުގައި ހުރީ ކިހާ ވަރަކަށްހެއްޔެވެ؟ އަދި އަހަރެން ބަލިވީ ދުވަހުގެ މަތީން ދުވަހަކު ވެސް ހަނދާން ނުނެތޭނެއެވެ. ވާރޭ ފަދައިން މަންމަގެ ލޮލުން އޮހުނު ކަރުނަތަކުގެ މަތީންނެވެ. އަހަރެންނަށް ލިބިދާނެ ގެއްލުމަކާ މެދު ބިރުވެތިވެ އެރޭ މަންމަގެ ލޯ ނިދީން މަޙްރޫމްކޮށްލި ގޮތުގެ މަތީންނެވެ. އަހަރެމެން އަލްވަދާޢުކީ ފަތިހަކީ ކޮންފަދަ ހިތާމަވެރިކަން ގެނެސްދިން ފަތިހެއް ހެއްޔެވެ؟ އެ ވަކިވުމުގެ ސަބަބުން ކުރި އަސަރާއި ލިބުނު ހިތާމަތައް ސިފަކޮށްދޭނެ ގޮތެއް ނޭނގެއެވެ. ތިޔަ ލޮބުވެތި މަންމަގެ ހިތަށް ވުރެ މި ދަރިފުޅަށްޓަކައި އޯގާތެރި ހިތެއް ފެނުމަކީ މުސްތަޙީލުކަމެކޭ މަންމަ އެދުވަހު ބުނި ވާހަކަ އަދި އަދަށް ދާންދެންވެސް އަހަރެން މިހުރީ ފިކުރުގައި ވަރަށް ރަނގަޅަށް ހަރުލައްވައިގެންނެވެ. މަންމައަށް ހެޔޮކޮށް ހިތުމުން އަހަރެންގެ ޙަޔާތަށް އަމާންކަން ލިބެއެވެ.
ކާއިނާތުގެ ވެރި އިލާހު ވަސިއްޔަކުރައްވައެވެ. މަންމަގެ ރުހުމަކީ ހެޔޮ މަގުތައް އަހަރެންނަށްޓަކައި ހުޅުވުމުގެ ސިއްރެވެ. އަހަރެންގެ އުނދަގޫތައް ލުއިކޮށްދެނީ ތިޔަ މަތިވެރި ލޯތްބެވެ. އަހަރެންނަށް ޖެހޭ މުސީބާތްތަކާއި ހިތާމަތައް ފިލައިދަނީ ތިޔަ ލޮބުވެތި މަންމަގެ ދުޢާތަކުގެ ތެދުވެރިކަމުންނެވެ. މަންމަގެ އޯގާތެރިކަން އެ އޯގާތެރިކަމުގައި އަހަރެންގެ މައްޗަށް އެހެން އެއްވެސް މީހަކު ބައިވެރި ނުކުރެއެވެ. މަންމަގެ ހިތުގަ ޖެހޭ ކަމެއް ނުކުރާނަމެވެ. އެދުވަހެއްގެ ކުރިން އަހަރެންގެ ފުރާނަ ގެންދަވާނެނަމައެވެ. މިހިތުގެ ވިންދަކީ ތިޔަ މަންމައެވެ. ލޮލުގެ ނޫރަކީ ތިޔަ މަންމައެވެ. އަޑުގެ ރާގަކީ ތިޔަ މަންމައެވެ. އަހަރެންގެ ކިލަނބުކަން ސާފުވަނީ ތިޔަ މޫނުގެ އަލީންނެވެ. މަންމާއެވެ. މަންމަގެ ގާތަށް އެނބުރިދާނަމެވެ. މާދަމާ އެއިރުން އަހަރެންގެ ދަތުރުގެ ވަރުބަލިކަން ފިލާނެއެވެ. އަދި އަހަރެންގެ ދެވަނަ ޙަޔާތް ފަށާނަމެވެ. ގަހުގެ ގޮފިތައް މާތަކުން ފަރިވެދާނެއެވެ.
މިއީ ޢަރަބި ޅެމެއްގެ ތަރުޖަމާއެކެވެ.
https://www.youtube.com/watch?v=vLQkxfCKtwE



