
އިސްރާއީލުގެ އަސްކަރީ ޖީޕަކުން ފަލަސްތީންގެ ދެ މީހެއްގެ ގައިގައި ޖައްސައި ޒަޚަމްކޮށްލައިފި
އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ޖެނިންގެ އިރުމަތީ ފަރާތުގައި އިސްރާއީލުގެ އަސްކަރީ ޖީޕަކުން ދެ ފަލަސްތީނީއެއްގެ ގައިގައި ޖައްސައި ޒަޚަމްކޮށްލާފައިވާ ކަމަށް ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ހާމަކޮށްފި އެވެ.
ރެޑް ކްރެސެންޓުން ބުނި ގޮތުގައި އެ ޖަމްޢިއްޔާގެ މެޑިކަލް ޓީމުތަކުން ވަނީ މި ހާދިސާގައި އަނިޔާވި ދެ މީހުންނަށް ފަރުވާދީފަ އެވެ.
އޭގެ ތެރެއިން އެކަކުގެ ފައި ބިންދައިގެން ގޮސް ބޯ ވަނީ ޒަޚަމްވެފަ އެވެ. އަދި ދެވަނަ މީހާގެ ވެސް ފައި ވަނީ ބިންދައިގެން ގޮސްފަ އެވެ.
އަނިޔާވި ދެ ފަލަސްތީނީން ވެސް އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އެމީހުންގެ ވަނަވަރު ނުވަތަ ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ބެހޭ އިތުރު ތަފްސީލެއް ރެޑް ކްރެސެންޓުން އަދި ހާމައެއް ނުކުރެ އެވެ.
މި ހާދިސާއަކީ އިސްތިޢުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގައި އިސްރާއީލު ސިފައިން ހިންގާ އުދުވާނުތަކުގެ ތެރޭގައި އަސްކަރީ އުޅަނދުފަހަރު ބޭނުންކޮށްގެން ފަލަސްތީނު މީހުންނަށް އަނިޔާދިނުމުގެ ސިލްސިލާ ހާދިސާތަކުގެ ތެރެއަށް އިތުރުވި ހާދިސާއެކެވެ.
ޖެނިން އާއި ހުޅަނގު އައްސޭރީގެ އެހެން ސަރަހައްދުތަކުން ލިބޭ ރިޕޯޓްތަކަށް ބަލާއިރު އިސްރާއީލުގެ އަސްކަރީ އުޅަނދުތައް ބޭނުންކޮށްގެން މިފަދަ ލާއިންސާނީ އަމަލުތައް ތަކުރާރުކޮށް ހިންގާކަން ވަނީ ފާހަގަކުރެވިފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު ވެސް ޖެނިންގެ ހުޅަނގުން ޔަޢުބަދު އަވަށަށް އިސްރާއީލު ސިފައިން ވަދެގަތް ވަގުތު އަސްކަރީ އުޅަނދަކުން ޖައްސައި ތިން ފަލަސްތީނީއަކު ޒަޚަމްކޮށްލާފައިވެ އެވެ. އަދި 2025 ވަނަ އަހަރުގެ އޯގަސްޓް މަހު ވެސް ޖެނިންގައި އިސްރާއީލުގެ އަސްކަރީ އުޅަނދަކުން ޖައްސައި ހަތަރު އަހަރުގެ ކުޑަކުއްޖަކާއި ދެ އަންހެނުން ޒަޚަމްކޮށްލާފައިވެ އެވެ.
މި ހާދިސާތަކުގެ ސަބަބުން 2024 ވަނަ އަހަރުގެ ޖޫން މަހު ހިނގި ދުނިޔޭގެ ފާޑުކިޔުން އަމާޒުވި ބިރުވެރި ހާދިސާގެ ހަނދާންތައް އާވެ އެވެ.
އެފަހަރު އިސްރާއީލު ސިފައިން ވަނީ ޒަޚަމްވެފައިވާ ފަލަސްތީނު މީހަކު އަސްކަރީ ޖީޕެއްގެ ބޮނެޓުގައި އައްސައިގެން އައްޑަނައެއްގެ ގޮތުގައި ބޭނުންކޮށް ޖެނިންގެ ތެރޭގައި ދުއްވާފަ އެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ފަހުން ވަނީ އެއީ އަސްކަރީ އުސޫލުތަކާ ޚިލާފު ކަމެއްކަމަށް އެއްބަސްވެ އެކަން ތަޙްޤީޤު ކުރާނެ ކަމަށް ބުނެފަ އެވެ.



