
ތުރުކީގައި ހުރި އީރާނުގެ ޖެނެރަލަކު މޮސާޑުން ވަގަށް ނަގައި މަރާލި މައްސަލަ
1986 ވަނަ އަހަރު ލުބުނާނަށް ބޮން އަޅަމުން ދަނިކޮށް ވެއްޓުނު އިސްރާއީލުގެ ހަނގުރާމަމަތީ ބޯޓެއްގެ ޕައިލެޓް ރޮން އަރާޑް ހޯދުމަށް އިސްރާއީލުން އެތައް އަހަރެއް ވަންދެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އީރާނުގެ ދެ އޮފިޝަލަކު ވަގަށް ނަގައި އޭގެ ތެރެއިން އެކަކު މަރާލާފައިވާ ކަމަށް މިދިޔަ އާދީއްތަ ދުވަހު ނިއުޔޯކް ޓައިމްސް އިން ވަނީ ހާމަކޮށްފަ އެވެ.
އިސްރާއީލުގެ ޕައިލެޓް ރޮން އަރާޑް 1986 ވަނަ އަހަރު ލުބުނާނުގެ އަވަށްތަކަށް ބޮން އަޅަމުން ދަނިކޮށް އޭނާގެ ބޯޓަށް ދިމާވި ފަންނީ މައްސަލައަކާ ގުޅިގެން ބޯޓުން ފުންމާލަން މަޖުބޫރުވި އެވެ.
އެ ހާދިސާއަށްފަހު އަރާޑަށް ވީގޮތެއް ހޯދުމަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އޮޕަރޭޝަންތަކުގައި މިހާތަނަށް 40 އަށްވުރެ ގިނަ މީހުން މަރާލައި އެތައް ބަޔަކު ވަނީ ޒަހަމްކޮށްލާފަ އެވެ.
ނިއުޔޯކް ޓައިމްސް އިން ބުނި ގޮތުގައި އަރާޑް ހޯދުމުގެ މަސައްކަތަކީ އެމީހުންގެ ސިފައިން އަނބުރާ ޤައުމަށް ގެނައުމަށް ޔަހޫދީން ގެންގުޅޭ އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ކަމެކެވެ.
މި ސިލްސިލާގެ ތެރެއިން 2006 ވަނަ އަހަރުގެ ޑިސެމްބަރު މަހު އީރާނުގެ އިސްލާމިކް ރިވަލޫޝަނަރީ ގާޑް ކޯޕްސްގެ ގުދުސް ފޯސްގެ ކުރީގެ ޖެނެރަލް އަލީރޭޒާ އަސްގަރީ ވަނީ މޮސާޑްގެ ޝިކާރައަކަށް ވެފަ އެވެ.
އީރާނުގެ ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުވެސް ފުރުއްވާފައިވާ އަސްގަރީ ތުރުކީގެ އިސްތަންބޫލަށް ވަޑައިގެން ހޮޓަލެއްގައި މަޑުކުރައްވަމުން ގެންދަވަނިކޮށް މޮސާޑްގެ އެޖެންޓުން އޭނާ ވަގަށް ނެގި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަސްގަރީއާ ބެހޭ މައުލޫމާތު ހޯދުމަށް އީރާނުން އެދުމުން އިސްރާއީލުގެ އޮފިޝަލުން އެމެރިކާގެ ކަމާބެހޭ ފަރާތްތަކަށް ކިޔައިދީފައިވާ ގޮތުގައި އަރާޑާ ބެހޭ މައުލޫމާތު އޭނާއަށް އެނގޭނެ ކަމަށް ނުބައިކޮށް ހީކުރެވިގެން ހަފުތާތަކެއް ވަންދެން އޭނާއަށް ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފަ އެވެ.
ނަމަވެސް އިސްރާއީލުގެ ޖާސޫސީ އިދާރާއަށް އެންމެ ފަހުން އެނގުނު ގޮތުގައި އަސްގަރީއަށް އެ ޕައިލެޓާ ބެހޭ އެއްވެސް މައުލޫމާތެއް ނޭނގެ އެވެ.
އެހެންނަމަވެސް މޮސާޑް އެޖެންޓުން އޭނާ މަރާލުމަށްފަހު ހަށިގަނޑު ބްލެކް ސީ އަށް އެއްލާލީ ކަމަށް ނިއުޔޯކް ޓައިމްސް އިން ބުނެ އެވެ.
އެ ދުވަސްވަރު މޮސާޑްގެ އިސްވެރިޔަކަށް ހުރީ މީރު ދަގާން އެވެ. އީރާނުގެ އިސް އޮފިޝަލަކު މަރާލުމުގެ ނިންމުން ނިންމާނީ އިސްރާއީލުގެ ބޮޑުވަޒީރުގެ ހުއްދަ ލިބިގެން ކަމަށްވާއިރު 2007 ވަނަ އަހަރު އެ މަގާމުގައި ހުރީ އިހޫދު އޮލްމާޓް އެވެ.
އަސްގަރީ ގެއްލުނު ހާދިސާ އީރާނުގެ އޮފިޝަލުން ތަހުގީގު ކުރިއިރު އިސްރާއީލުގެ އެޖެންޓުން އޭނާ ހުރި ހޮޓަލަށް ވަދެ މަސްތުވާ އެއްޗެއް ދީގެން އޭނާ ވަގަށް ނެގިކަން ވަނީ ހާމަވެފަ އެވެ. އަދި އެ އޮޕަރޭޝަނުގައި ބޭނުންކުރި އުޅަނދު ކަޅު ކަނޑު ކައިރިއަށް ދޫކޮށްލާފައި އޮއްވާ ތަހުގީގު ކުރާ ފަރާތްތަކަށްވަނީ ފެނިފަ އެވެ.
އަރާޑް ގެއްލުނު ހާދިސާއާ އީރާނާ ގުޅުމެއްވާކަމުގެ އެއްވެސް ހެއްކެއް ނެތް ނަމަވެސް އިސްރާއީލުން ވަނީ 2021 ވަނަ އަހަރު ދިމިޝްގުގައި ކަސްރަތަށް ނުކުމެ އުޅުއްވި އައި.އާރު.ޖީ.ސީގެ ކޮމާންޑަރު ޖެނެރަލް އަބްދުالله ސަބޭރީ ވެސް ވަގަށް ނަގާފަ އެވެ.
މޮސާޑްގެ އެޖެންޓުން ސަބޭރީ ފޮއްޓަކަށް ލައިގެން ވޭނެއްގައި ގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އަނިޔާކޮށް ސުވާލު ކުރުމަށްފަހު އެކަމުގެ ފަހަތުގައިވަނީ ކޮންބައެއްކަން އޮޅުވާލުމަށްޓަކައި އޭނާ ދިރިހުއްޓާ ދެކުނު އެފްރިކާގެ ޖޮހަނަސްބާގަށް ދޫކޮށްލީ އެވެ.



