
އީރާނުގެ ހަތިޔާރުތައް އެމެރިކާއިން ”ނައްތާލާފައިވާ“ ކަމަށް ޓްރަމްޕް ބުނިނަމަވެސް އަދިވެސް 2500 މިސައިލް އެބަހުރި
އެމެރިކާގެ އިންޓެލިޖެންސް ރިޕޯޓަކާ ހަވާލާދީ މަޢުލޫމާތު ލިބޭގޮތުގައި އީރާނުގެ އަސްކަރީ ގާބިލުކަން ނައްތާލެވިފައިވާ ކަމަށް ރައީސް ޓްރަމްޕް ބުނިނަމަވެސް އެޤައުމުގައި އަދިވެސް 2,500 އެއްހާ މިސައިލް އެބަހުއްޓެވެ.
އެމެރިކާގެ އިންޓެލިޖެންސް ވަޒަންކުރުންތަކުން ދައްކާގޮތުގައި އީރާނުގެ ހަތިޔާރުގެ ގުދަންތަކުގައި 1,500 އާއި 2,500 އާ ދެމެދުގެ އަދަދަކަށް މިސައިލް އެބަހުއްޓެވެ.
އެހެންކަމުން ހަނގުރާމައެއް ފެށިއްޖެ ނަމަ މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އެމެރިކާގެ އިއްތިހާދީންނަށް ހަމަލާދިނުމުގެ ފުރުސަތު އީރާނަށް އެބައޮތެވެ.
އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އީރާނުން ރައްކާކޮށްފައިވާ ނުވަތަ ބޭނުންކުރަން ތައްޔާރުކޮށްފައިވާ މިސައިލްތަކުގެ ސީދާ އަދަދު ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމުން މި އަންދާޒާތަކަކީ މުޅިން ކަށަވަރު މައުލޫމާތެއް ނޫނެވެ.
ނަމަވެސް ވޯލް ސްޓްރީޓް ޖާނަލްގެ ރިޕޯޓެއްގައިވާ ގޮތުން އެޤައުމުގައި އަދިވެސް ބޮޑު ހަތިޔާރުގެ ރަސްމާލެއް އޮތް ކަމަށް އޮފިޝަލުން ގަބޫލުކުރެ އެވެ.
މި ހޯދުންތައް ފެންމަތިވެފައި މިވަނީ އީރާނުގެ އަސްކަރިއްޔާ ބަލިކޮށްލާފައިވާ ކަމަށް ރައީސް ޓްރަމްޕް ތަކުރާރުކޮށް ބުނަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.
ހަނގުރާމައިގެ ތެރޭގައި އެމެރިކާއާއި އިޒްރޭލުގެ ސިފައިން އީރާނުގެ މިސައިލް އުފައްދާ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފައިވީ ނަމަވެސް އީރާނުން އަލުން ހަތިޔާރު އުފައްދައި ގުދަންތައް ފުރަމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ.
ރިޕޯޓުގައިވާ ގޮތުން އީރާނުން އާ މިސައިލްތައް އުފައްދަނީ ކުރިން ރައްކާކޮށްފައި ހުރި ސާމާނު ބޭނުންކޮށްގެންނެވެ.
ހަނގުރާމައިގެ ކުރިއާ އަޅާބަލާއިރު ހަތިޔާރު އުފައްދާ މިންވަރު ދަށްވެފައިވީ ނަމަވެސް ދުޝްމަނުންނާ ދެކޮޅަށް ބޭނުންކުރެވޭނެ ފަދަ ޑްރޯންތަކާއި ކުރު ރާސްތާގެ މިސައިލްތައް އަދިވެސް އެޤައުމުގައި އެބަހުއްޓެވެ.
އިޒްރޭލުގެ އަސްކަރީ އޮފިޝަލުންވެސް ގަބޫލުކުރާ ގޮތުގައި އީރާނުގައި 1,500 އަށްވުރެ ގިނަ ބެލިސްޓިކް މިސައިލް އެބަހުއްޓެވެ.
އެމެރިކާގެ ޑިފެންސް ޑިޕާޓްމަންޓުގެ މެދުއިރުމައްޗާ ބެހޭ ކުރީގެ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ ސިމޯން ލެޑީން ބުނީ އީރާނުގައި ބާކީ ހުރީ 1,500 މިސައިލް ކަމަށް ވީނަމަވެސް އެއީ ހަނގުރާމައިގެ ކުރިން އެޤައުމުގައި ހުރި ހަތިޔާރުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ އަދަދެއް ކަމަށެވެ.
މެދުއިރުމަތީގެ އެކި ސަރަހައްދުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި، ރޭޑާ ނިޒާމުތަކުގެ އިތުރުން ކުރިއާލާ އިންޒާރުދޭ މަރުކަޒުތަކަށް ހަމަލާދިނުމަށް އީރާނުން އަދިވެސް މިސައިލާއި ޑްރޯން ބޭނުންކުރަމުންދާކަން ފާހަގަކުރެވެ އެވެ.



