(لَّسْتَ عَلَيْهِم بِمُصَيْطِرٍ ﴿٢٢﴾ ) އެމީހުންގެ މައްޗަށް ބާރުދެއްކެވުން އެއީ ކަލޭގެފާނު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ނޫނެވެ. ކަލޭގެފާނުގެ ޒިންމާ އަކީ ދީންފޯރުކޮށްދެއްވުމެވެ.
(إِلَّا مَن تَوَلَّىٰ وَكَفَرَ ﴿٢٣﴾ )
(إِلَّا) މިއީ އިސްތިޘްނާ އެކެވެ. ވީމާ، އާޔަތުގެ މާނައަކީ: ”ކަލޭގެފާނު އެބަޔަކަށް ހަނދާންކޮށްދެއްވުމަށް ފަހުގައިވެސް، ކާފިރުވެ ފުރަގަސްދިން މީހުންނަށް މާތް ﷲ ގަދަފަދަވެގެންވާ ޢަޛާބު ދެއްވާނެއެވެ.
(تَوَلَّىٰ ) ޙައްގު ގޮތް އެމީހަކާއި ހަމައަށް އައުމުން ފުރަގަސް ދިނުން. ސޫރަތުލް އަންފާލްގެ 20 އަދި 21 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا أَطِيعُوا اللَّـهَ وَرَسُولَهُ وَلَا تَوَلَّوْا عَنْهُ وَأَنتُمْ تَسْمَعُونَ ﴿٢٠﴾ وَلَا تَكُونُوا كَالَّذِينَ قَالُوا سَمِعْنَا وَهُمْ لَا يَسْمَعُونَ ﴿٢١﴾ ) މާނައަކީ: “ އޭ إيمان ވެއްޖެ މީސްތަކުންނޭވެ! اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން (އެކަލޭގެފާނު ވިދާޅުވާ އެއްޗެއް) އަޑުއަހާންތިބެފައި، އެކަލޭގެފާނަށް ފުރަގަސްނުދޭށެވެ! އަދި ނާހައިތިބެމެ، ތިމަންމެން އަހައިފީމުއޭ ބުނި މީހުން ފަދައިން ތިޔަބައިމީހުން ނުވާށެވެ!“
(وَكَفَرَ ) ބޮޑާވެގަނެ، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެނެސްދެއްވި ތަކެތި ގަބޫލުނުކުރިމީހާ،
(فَيُعَذِّبُهُ اللَّـهُ الْعَذَابَ الْأَكْبَرَ ﴿٢٤﴾ ) މާތް ﷲ އެބައިމީހުންނަށް ބޮޑުވެގެންވާ ޢަޛާބު ގިޔާމަތް ދުވަހުގައި ދެއްވާނެއެވެ.
(الْأَكْبَرَ ) ބޮޑުވެގެންވާ ޢަޛާބު. މިތަނުގައި ބޮޑުވެގެންވާ ޢަޛާބޭ އޮތުމުގެ ބޭނުމަކީ އެބައިމީހުންނަށް ދުނިޔެމަތީގައިވެސް ކަންކަމާ ދިމާވާނެއެވެ. ނަމަވެސް، އާޚިރަތުގެ ޢަޛާބާއި އަޅާބަލާއިރު ދުނިޔޭގައި ދިމާވާ ކަންކަމަކީ އެއްވެސް ކަމެއް ނޫނެވެ.
(إِنَّ إِلَيْنَا إِيَابَهُمْ ﴿٢٥﴾ ) އެއިންސާނާ އެނބުރި އަންނަން ޖެހޭނީ ﷲ ގެ ޙަޟްރަތަށެވެ. އިންސާނާގެ ޢުމުރު ކިތަންމެ ދިގުވީނަމަވެސް ކޮންމެވެސް ދުވަހަކުން ﷲ ގެ ޙަޟްރަތަށް އެނބުރި ދާންޖެހޭނެއެވެ. ﷲ އާއި ބައްދަލުވެ އެމީހަކާ ﷲ އާއި ދެމެދުގައި ހުރަހެއް ނެތި ސުވާލު ކުރެވޭނެ ދުވަހަށް ޓަކައި ތައްޔާރުވާން ޖެހެއެވެ. އެދުވަހާއި ބެހޭ ގޮތުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (مَا مِنْكُمْ أَحَدٌ إِلَّا سَيُكَلِّمُهُ رَبُّهُ لَيْسَ بَيْنَهُ وَبَيْنَهُ تُرْجُمَانٌ ، فَيَنْظُرُ أَيْمَنَ مِنْهُ فَلَا يَرَى إِلَّا مَا قَدَّمَ مِنْ عَمَلِهِ ، وَيَنْظُرُ أَشْأَمَ مِنْهُ فَلَا يَرَى إِلَّا مَا قَدَّمَ ، وَيَنْظُرُ بَيْنَ يَدَيْهِ فَلَا يَرَى إِلَّا النَّارَ تِلْقَاءَ وَجْهِهِ ، فَاتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ )[1] މާނައަކީ: ”ތިޔަބައިމީހުންކުރެ ކޮންމެ މީހަކާ ﷲ ބަސްވަޙީ ކުރައްވާނެއެވެ. އެމީހަކާ ﷲ އާއި ދެމެދުގައި އެއްވެސް ތަރްޖަމާނަކު ނެތި އެވެ. އެމީހެއްގެ ކަނާތްފަރާތަށް ބަލާއިރު އޭނާކުރި ޢަމަލެއް މެނުވީ ފެންނާކަށް ނޯންނާނެއެވެ. ވާތް ފަރާތަށް ބަލާއިރުގައިވެސް އަމިއްލަ އަށް ކުރި ކަމެއް މެނުވީ ފެންނާކަށް ނޯންނާނެއެވެ. ކުރިމައްޗަށް ބަލާއިރު ކުރިމަތީގައި ނަރަކަ ނޫންތަނެއް ނުފެންނާނެއެވެ. ކަދުރުފަޅި އެއްގެ މިންވަރު ޞަދަގާތް ކޮށްގެން ނަމަވެސް ތިޔަބައިމީހުން ނަރަކައިން ސަލާމަތް ވާށެވެ.“
އަޅުގަޑުމެން ކޮންމެ މީހަކީ ގިޔާމަތް ދުވަހުގައި ﷲ ތަޢާލާ އާއި އެކު އެކަހެރިވާން ޖެހޭނެއެވެ. އަދި އިންސާނާކޮށްފައިވާ ކަންތައްތައް އެދުވަހުން އޭނާ އަށް ހުށަހެޅޭނެއެވެ. އެބައިމީހުންގެ ޙިސާބު ބެއްލެވޭ ގޮތް ބަޔާން ކުރައްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. (يُدْنَى الْمُؤْمِنُ مِنْ رَبِّهِ يَوْمَ الْقِيَامَةِ حَتَّى يَضَعَ عَلَيْهِ كَنَفَهُ ثُمَّ يُقَرِّرُهُ بِذُنُوبِهِ ، فَيَقُولُ : “ هَلْ تَعْرِفُ “ ، فَيَقُولُ : يَا رَبِّ أَعْرِفُ ، حَتَّى إِذَا بَلَغَ مِنْهُ مَا شَاءَ اللَّهُ أَنْ يَبْلُغَ ، قَالَ : “ إِنِّي سَتَرْتُهَا عَلَيْكَ فِي الدُّنْيَا وَأَنَا أَغْفِرُهَا لَكَ الْيَوْمَ “ ، قَالَ : “ ثُمَّ يُعْطَى صَحِيفَةَ حَسَنَاتِهِ ، أَوْ كِتَابَهُ بِيَمِينِهِ “ ، قَالَ : “ وَأَمَّا الْكَافِرُ ، أَوِ الْمُنَافِقُ فَيُنَادَى عَلَى رُءُوسِ الْأَشْهَادِ “ ، قَالَ خَالِدٌ : فِي الْأَشْهَادِ شَيْءٌ مِنَ انْقِطَاعٍ هَؤُلاءِ الَّذِينَ كَذَبُوا عَلَى رَبِّهِمْ أَلا لَعْنَةُ اللَّهِ عَلَى الظَّالِمِينَ سورة هود آية 18 ) މާނައަކީ: ”މުއިމިނާ ގިޔާމަތް ދުވަހުގައި އޭނާގެ ރައްބާއި ގާތް ކުރެއްވޭނެއެވެ. އަދި ﷲ ތަޢާލާ އިންސާނާ ފޮރުއްވާލައްވާނެއެވެ. ދެން އޭނާގެ ފާފަތަކަށް އިޢްތިރާފްވާނެއެވެ. ﷲ ވަޙީ ކުރައްވާނެއެވެ. މިކަންތައް އެނގޭ ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް އެނގެއެވެ. އެގޮތަށް އޭނާކޮށްފައިވާ އެތައް ކަމެއްގެ ވާހަކަ އިން ސުވާލު ކުރެއްވުމުން އޭނާ އެކަމަށް އިޢްތިރާފްވާނެއެވެ. އެހިނދު ﷲ ވަޙީ ކުރައްވާނެއެވެ. ”ތިމަން ﷲ އެކަންތައްތައް ދުނިޔެމަތީގައި ވަންހަނާ ކޮށް ދެއްވީމެވެ. އަދި މިއަދު އެކަންތަކަށް ތިބާ އަށް މާފްކޮށް ދެއްވައިފީމެވެ.“ ދެން އޭނާގެ ޢަމަލުތަކުގެ ފަތް ކަނާއަތަށް ދެއްވޭނެއެވެ. ނަމަވެސް ކާފިރުންނާއި މުނާފިގުންނަށް ގޮވާލެއްވޭނެއެވެ. އަދި އެމީހުންނާއި ދެކޮޅަށް ހެކިބަސްދިން ފަރާތްތައް ބުނާނެއެވެ. ”އުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ.“
އެހެންކަމުން، ހެޔޮޢަމަލު ގިނަކޮށް، ފާފަ ތަކުން ދުރުހެލިވެ، އަދި ފާފަ ފުއްސެވުން އެދި ދުޢާ ކުރުން ގިނަ ކުރަން ޖެހެއެވެ.
(ثُمَّ إِنَّ عَلَيْنَا حِسَابَهُم ﴿٢٦﴾ ) އިންސާނުން ދުނިޔެމަތީގައި ކޮށްފައިވާ ޢަމަލުތަކުގެ ޙިސާބު އެދުވަހުން ﷲ ބައްލަވާނެއެވެ.
މިހާ ހިސާބުން މި ސޫރަތުގެ ތަފްސީރުގައި ލިޔަން ގަޞްދުކުޅަ ހިސާބު، ﷲ ގެ ރަޙްމަތާއި އެކު ލިޔެ ނިމުނީއެވެ. ބޮޑެތި މަޖާމިޢުތަކުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މި ސޫރަތް ކިޔަވާ ވިދާޅުވެއެވެ. ދެޢީދު ދެނަމާދުގައި ސޫރަތުލް ފާތިޙާ އަށް ފަހު ސޫރަތުލް އަޢްލާ އަދި ސޫރަތުލް ޣާޝިޔާ ކިޔަވާވިދާޅުވިއެވެ. ހަމައެފަދައިން ހުކުރު ނަމާދުގައިވެސް، ސޫރަތުލް ފާތިޙާ އަށް ފަހު ކިޔަވާ ވިދާޅުވަނީ މި ދެސޫރަތެވެ. ބައެއް ފަހަރު ޢީދު ނަމާދުގައި ފުރަތަމަ ރަކްޢަތުގައި ސޫރަތު ގާފް އަދި ދެވަނަ ރަކްޢަތުގައި ސޫރަތުލް ގަމަރު ކިޔަވާ ވިދާޅުވެއެވެ. އަދި ހުކުރު ނަމާދުގައި ބައެއް ފަހަރަށް ފުރަތަމަ ރަކްޢަތުގައި ސޫރަތުލް ޖުމުޢާ އަދި ދެވަނަ ރަކްޢަތުގައި ސޫރަތުލް މުނާފިގޫން ކިޔަވާ ވިދާޅުވެއެވެ. والله أعلم.
ދުޢާ އަކީ ގިޔާމަތް ދުވަހު މަތިވެރި ނިޢްމަތް ލިބިގެންވާ ބަޔަކު ކަމުގައި އަޅަމެން ލެއްވުމެވެ. އާމީން.
[1] صحيح البخاري » كِتَاب التَّوْحِيدِ » بَاب كَلَامِ الرَّبِّ عَزَّ وَجَلَّ يَوْمَ الْقِيَامَةِ …
ނިމުނީ.