
ރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި ރޯވެ ކައްޕިއަށް އަނިޔާވެއްޖެ
ކ. އަތޮޅު ރިސޯޓެއްގެ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، އޭގެ ކައްޕިއަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރު 03:00 އެހައިކަންހާއިރުއެވެ. އަދި މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދުގެ ފަތިހު 05:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 34 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. ފުލުހުން ވިދާޅުވީ، އަލިފާން ރޯވި ވަގުތު އެ ލޯންޗުގައި ހުރީ އޭގެ ކައްޕި އެކަންޏެވެ. އަލިފާނުގެ މި ހާދިސާގައި އޭނާގެ ކަރާއި މޭމަތި ފިހިފައިވާތީ، މިހާރު އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާ ދެމުންނެވެ.
މި ހާދިސާގައި އަލިފާން ރޯވުމުގެ ސަބަބުން ލޯންޗަށްވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، ލޯންޗަށް ލިބުނު ގެއްލުމުގެ ތަފުސީލެއް އަދި މި ހާދިސާ ހިނގީ ކޮން ރިސޯޓެއްގެ ފަޅުތެރޭގައި އޮތް ކޮން ލޯންޗެއްގައި ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.
ފުލުހުން ދަނީ މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.



