ދިގުދެމިގެންދާ ނުތަނަވަސް ދުވަސްތަކަކަށް ޔޫ.އޭ.އީ ތައްޔާރުވާންޖެހޭ

ޔޫ.އޭ.އީގެ އިސް އޮފިޝަލަކު އިންޒާރު ދެއްވި ގޮތުގައި އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ސިޔާސީ އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން ގަލްފުގެ ޤައުމުތަކުން ”ދިގުދެމިގެންދާ ނުތަނަވަސް ދުވަސްތަކަކަށް“ ތައްޔާރުވާންޖެހެ އެވެ.

މީގެ ސަބަބުން މި ސަރަހައްދު އޮންނާނީ ވަކި ގޮތެއް ނުނިމި ބިރުވެރިކަމެއްގެތެރޭގަ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޔޫ.އޭ.އީގެ ރައީސް މުޙައްމަދު ބިން ޒައިދުލް ނަޙްޔާންގެ ޑިޕްލޮމެޓިކް އެޑްވައިޒަރު އަންވަރު ގަރްގާޝް އަބޫދާބީގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ ކަނޑައެޅިގެން ވަކި ގޮތެއް ނުނިމޭ އަދި ސަރަހައްދީ ހަމަޖެހުން ގާއިމުނުކުރެވޭނެ ފަދަ ދިގު މުއްދަތަކަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

ގަރްގާޝް މިފަދައިން ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް އަލުން ހަމަލާދީފާނެތޯ މެދުއިރުމަތީގެ ޤައުމުތަކުން ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގަ އެވެ.

އައު ހަމަލާއެއް ދީފާނެ ކަމުގެ ބިރު ބޮޑުވެފައި އޮތުމަށްފަހު ނޮވެމްބަރު 3 ގައި ބޭއްވި މިޑްޓާމް އިންތިޚާބުގައި ޑިމޮކްރެޓުން ބޮޑު ކާމިޔާބީއެއް ހޯދުމާ ގުޅިގެން އެ ބިރުވެރިކަން ކުޑަވި އެވެ.

ޓްރަމްޕާއި ނައިބު ރައީސް ޖޭޑީ ވެންސް ގަބޫލުކުރައްވާ ގޮތުގައި ޑިމޮކްރެޓުންނަށް މި ކާމިޔާބީ ލިބުނީ އީރާނާ ދެކޮޅަށް އެމެރިކާއާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައަށް އޮތް ތާއީދު ކުޑަވުމުގެ ސަބަބުންނެވެ.

ހޯމަ ދުވަހު ސީއެންއެންއަށް ދިން އިންޓަވިއުގައި ޓްރަމްޕް ބުނީ މަޝްވަރާތައް ކުރިއަށްދާ ދަނޑިވަޅެއްގައި ހަމަލާއެއް ދިނުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ.

ނަމަވެސް ފެބްރުއަރީ މަހު މަޝްވަރާތައް ކުރިއަށް ދިޔަ ދަނޑިވަޅުގައި ވެސް އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދީފައިވެ އެވެ. އަދި ޖޫން 2025 ގައި އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާއަކީ ވެސް މަޝްވަރާތަކުގެ ތެރެއިން ދިން ހަމަލާއެކެވެ.

މިހާރު ވެސް އެމެރިކާގެ މަތިންދާބޯޓު އުފުލާ މަނަވަރުގެ ގްރޫޕެއް މެދުއިރުމަތީގައި އެބައޮތެވެ.

ޓްރަމްޕް ބުނިގޮތުގައި އީރާނުގެ މަދަނީ އުމްރާނީ ވަސީލަތްތައް އެންމެ ގަޑިއިރެއްގެ ތެރޭގައި ހަލާކުކޮށްލެވޭނެ ގޮތް އެމެރިކާއިން ވަނީ ރާވާފަ އެވެ. އޭގެ ތެރޭގައި 38 ފާލަން ހިމެނެ އެވެ.

އަލުން ހަނގުރާމައެއް ފެށުނަނުދީ ހުއްޓުވުނު ކަމުގައި ވިޔަސް ގަރްގާޝްގެ ވާހަކަތަކުން ދޭހަވަނީ ކުރިއަށް އޮތް ތަނުގައި ގަލްފުގެ ޤައުމުތަކަށް ކުރިމަތިވެދާނެ ނުތަނަވަސްކަމެވެ.

އެމެރިކާއިން އީރާނުގެ ކަނޑުދަތުރުފަތުރަށް ހުރަސް އަޅަމުންދާއިރު އީރާނުން ދަނީ ހޯމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހަމަލާދެމުންނެވެ.

ހަމައެއާއެކު ސަޢޭދީ ޢަރަބިއްޔާއަށް ދަނީ އީރާނާ ގުޅުން އޮންނަ ޔަމަނުގެ ހޫތީންގެ ހަމަލާތައް މެދުނުކެނޑި އަމާޒުވަމުންނެވެ.

ހަނގުރާމައެއް ނެތް، ނަމަވެސް ސުލްހައެއް ވެސް ނެތެވެ. މިފަދަ ހާލަތެއްގެ ސަބަބުން ބޭރުގެ އިންވެސްޓްމަންޓްތައް ހޯދުމަށާއި ހަކަތައިގެ އެކްސްޕޯޓް ކުރީގެ މިންވަރަށް ގެންދިއުމަށް މަސައްކަތްކުރާ ގަލްފުގެ ޤައުމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ.

ފެބްރުއަރީ 28 ގައި ދިން ހަމަލާއަށްފަހު އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ހުރިހާ ޤައުމަކަށް އީރާނުން ހަމަލާ ދިނުމުގެ ބިރު އޮތެވެ.

ޔޫއޭއީއަކީ ހަމައެކަނި ތެޔޮ އެކްސްޕޯޓްކުރާ ޤައުމެއް ނޫނެވެ. އެ ޤައުމުގެ އިޤްތިޞާދު ބިނާވެފައިވަނީ ބޭރުގެ އިންވެސްޓްމަންޓްތަކާއި ފަތުރުވެރިކަމާއި ރިއަލް އެސްޓޭޓް އަދި ކަނޑުގެ ވިޔަފާރީގެ މައްޗަށެވެ.

މި ހުރިހާ ދާއިރާއަކީ ވެސް ދިގުދެމިގެންދާ ނުތަނަވަސްކަމުގެ ސަބަބުން ނުރައްކަލަށް ހުށަހެޅިދާނެ ދާއިރާތަކެވެ.

ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކާ ޔޫއޭއީން ދެކޮޅު ހެދި ނަމަވެސް ފަހުން އެ ޤައުމު ވެގެންދިޔައީ ހަނގުރާމައަށް އެންމެ ބޮޑަށް ބާރުއެޅި ގަލްފު ޤައުމަށެވެ.

ޔޫއޭއީން ވަނީ އީރާނަށް ވައިގެ މަގުން ހަމަލާތަކެއް ދީފަ އެވެ. އަދި އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރަން މަސައްކަތްކުރި ޕާކިސްތާނަށް ފިއްތުންތައް ކުރިމަތިކުރުވުމުގެ ގޮތުން އެ ޤައުމަށް ދޭން އޮތް 3.5 ބިލިއަން ޑޮލަރުގެ ލޯނު ވެސް ވަނީ ހިފަހައްޓާފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.