
އިސްރާއީލަކީ ދުނިޔޭގެ ސުލްހައަށް އޮތް ނުރައްކަލެއް – އިނގިރޭސިވިލާތުގެ %80 މީހުން
އިނގިރޭސިވިލާތުގެ ރައްޔިތުންގެ ގާތްގަނޑަކަށް 80 އިންސައްތަ މީހުންދެކެނީ އިސްރާއީލަކީ ދުނިޔޭގެ ސުލްހައަށް އޮތް ނުރައްކަލެއްގެ ގޮތުގަ އެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޤަތުލުޢާންމާއި އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އިނގިރޭސި ރައްޔިތުންގެ ވިސްނުމަށް ވަނީ ބޮޑު ބަދަލެއް އައިސްފަ އެވެ.
ނޭޝަނަލް ސެންޓަރ ފޯ ސޯޝަލް ރިސާޗް އިން މިދިޔަ ހަފުތާގައި އާންމުކުރި ދިރާސާއެއް ދައްކާ ގޮތުން އިނގިރޭސިވިލާތުގެ ކޮންމެ ފަސް މީހަކުން ހަތަރު މީހަކު ގަބޫލުކުރާ ގޮތުގައި އިސްރާއީލަކީ ދުނިޔޭގެ ސުލްހައަށް އޮތް ބޮޑު ނުރައްކަލެކެވެ.
މި އަދަދު 2005 ވަނަ އަހަރު 48 އިންސައްތައިގައި ހުރުމަށްފަހު މި އަހަރުގެ ބަހާރު މޫސުމާ ހަމައަށް ވަނީ 78 އިންސައްތައަށް އުފުލިފަ އެވެ. މިއީ ޣައްޒާގެ ގަތުލުއާންމަށް ދެ އަހަރާއި ބައި ވެފައިވަނިކޮށް އަދި އިސްރާއީލާއި އެމެރިކާއިން އީރާނަށް ހަމަލާދިންތާ މާގިނަ ދުވަހެއް ނުވަނީހެވެ.
ކައުންސިލް ފޯ ބްރިޓިޝް-އަރަބް އަންޑަސްޓޭންޑިންގްގެ އެދުމަކަށް ޖުލައި މަހު ޔޫގަވް އިން ކުރި ސާވޭއަކުން ދައްކާ ގޮތުގައި އިނގިރޭސިވިލާތުގެ އާބާދީގެ ތެރެއިން އިސްރާއީލުން ޣައްޒާގައި ނަސްލު ނައްތާލުމުގެ އަމަލުތައް ނުހިންގާ ކަމަށް ގަބޫލުކުރަނީ އެންމެ 17 އިންސައްތަ މީހުންނެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން އިނގިރޭސިވިލާތުގެ އިގްތިސާދަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފަ އެވެ.
މީގެ ސަބަބުން ކަރަންޓާއި ކާބޯތަކެއްޗާއި މޯގޭޖްތަކަށް ކުރަންޖެހޭ ހޭދަ ވަނީ އިތުރުވެފަ އެވެ. މި ބޮޑުވަމުންދާ ބިލްތަކުގެ ސަބަބުން މެދުއިރުމަތީގައި އިސްރާއީލުން ކުރާ ހަނގުރާމަތަކުގެ ތަކުލީފު އިނގިރޭސި އާއިލާތަކަށް ވަނީ އިހުސާސް ކުރަން ޖެހިފަ އެވެ.
ބޭންކް އޮފް އިންގްލެންޑުން މިދިޔަ ހަފުތާގައި ވަނީ އިންޓްރެސްޓް ރޭޓް 3.75 އިންސައްތައިން 4 އިންސައްތައަށް މަތިކޮށްފަ އެވެ.
މިއީ ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި ރޭޓް މަތިކުރި ފުރަތަމަ ފަހަރެވެ. މީގެ ސަބަބުން ލޯނު ނަގާފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފައިސާ އިތުރުވެ އާ ލޯނު ނެގުމަށް ކުރަންޖެހޭ ހޭދަ ވެސް ވަނީ ބޮޑުވެފަ އެވެ.
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމުގެ ކުރިން އިގްތިސާދީ މާހިރުން ލަފާކުރީ އިންޓްރެސްޓް ރޭޓް ދަށްވާނެ ކަމަށެވެ.
ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލާ މެދު އިނގިރޭސިން ދެކޭ ގޮތް ވަނީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ.
2024 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް އައިއިރު އިނގިރޭސިވިލާތުގެ 73 އިންސައްތަ މީހުން ދެކެނީ އިސްރާއީލަކީ ދުނިޔޭގެ ސުލްހައަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގަ އެވެ.
އިސްރާއީލުން މިހާތަނަށް ޣައްޒާގައި މަދުވެގެން 74,643 ފަލަސްތީީނު މީހުން ޝަހީދުކޮށްލާފައިވާއިރު މީގެ ތެރޭގައި 22,000 އަށްވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި 175,962 މީހުން ޒަހަމްވެފައިވާއިރު ގާތްގަނޑަކަށް 10,000 މީހުން ގެއްލިފައިވެ އެވެ.
މީގެ ތެރެއިން ގިނަ މީހުން އިމާރާތްތަކުގެ ދަށުގައިވެ މަރުވެފައިވާ ކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 11 ގައި އިޢުލާނުކުރި ”ސީޒްފަޔަރ“ ނުވަތަ ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ފަހުވެސް އިސްރާއީލުން ވަނީ ޣައްޒާގެ 1,613 މީހުން ޝަހީދުކޮށް، 5,833 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލާފަ އެވެ.
މީގެ އިތުރުން މި އަހަރުގެ ކުރީކޮޅު ހިޒްބުالله އާ ދެކޮޅަށް ދިން ހަމަލާތަކުގައި ލުބުނާނުގެ 4,000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ.
އެމެރިކާއާ މެދު އިނގިރޭސިން ދެކޭ ގޮތް ވެސް ވަނީ ގޯސްވެފަ އެވެ. މިހާރު އިނގިރޭސިވިލާތުގެ 74 އިންސައްތަ މީހުން އެމެރިކާއަކީ ވެސް ދުނިޔޭގެ ސުލްހައަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައިދެކެ އެވެ.
އިނގިރޭސިވިލާތުގެ އެންމެ ބޮޑު އިޖުތިމާއީ ދިރާސާ ކުރާ މަރުކަޒު އިން ހާމަކުރި ގޮތުގައި ގްރީންލޭންޑާ ގުޅޭގޮތުން ނޭޓޯގެ އެކުވެރިންނާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާއި 2026 ފެބްރުއަރީގައި އިސްރާއީލާ ގުޅިގެން އީރާނަށް ބޮން އެޅުމަށް ނިންމި ނިންމުމާ ގުޅިގެން އެމެރިކާއަކީ ނުރައްކަލެއް ކަމަށް ދެކޭ މީހުންގެ އަދަދު 74 އިންސައްތައަށް ވަނީ އުފުލިފަ އެވެ.
1994 ވަނަ އަހަރު ރައީސް ބިލް ކްލިންޓަންގެ ދައުރުގައި އެމެރިކާއަކީ ނުރައްކަލެއް ކަމަށް ދެކުނީ އެންމެ 22 އިންސައްތަ މީހުންނެވެ. ނަމަވެސް 2005 ވަނަ އަހަރު ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި އިރާޤަށް އެރި ފަހުން އެ އަދަދު ވަނީ 47 އިންސައްތައަށް އުފުލިފަ އެވެ.
ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި ދެވަނަ ބޮޑު ހަނގުރާމައަށް ފަހު އިނގިރޭސިވިލާތުގެ އެންމެ މުހިންމު ބައިވެރިޔާގެ ގޮތުގައި އޮތް އެމެރިކާއަކީ ދުނިޔޭގެ ސުލްހައަށް އޮތް ނުރައްކަލެއް ކަމަށް އާބާދީގެ ބޮޑު އަޣުލަބިއްޔަތަކުން ގަބޫލުކުރުމަކީ މުޅިން އާ ކަމެކެވެ.
މި ހޯދުންތަކަކީ 1983 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ”ބްރިޓިޝް ސޯޝަލް އެޓިޓިއުޑްސް“ ސާވޭގެ ހޯދުންތަކެވެ.
މި ސާވޭއިން ދައްކާ ގޮތުގައި އިނގިރޭސިންގެ 89 އިންސައްތަ މީހުން ރަޝިޔާއަކީ ނުރައްކަލެއް ކަމަށް ދެކޭއިރު ޗައިނާއަކީ ނުރައްކަލެއް ކަމަށް ދެކެނީ 62 އިންސައްތަ މީހުންނެވެ. އަދި އީރާނަކީ ނުރައްކަލެއް ކަމަށް ދެކޭ މީހުންގެ އަދަދު ވަނީ މިދިޔަ އަހަރުގެ 67 އިންސައްތައިން 75 އިންސައްތައަށް އުފުލިފަ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ އިނގިރޭސި މުޖުތަމައު މިހާރު ވަނީ ނަފްސާނީ ގޮތުން ”ފިނި ހަނގުރާމަ“ އަށް ފަހު އޮތް އަމާންކަމުގެ ވިސްނުމުން ދުރަށް ގޮސް ދުނިޔޭގެ ބާރުތަކުގެ މެދުގައި އޮންނަ ދާއިމީ ވާދަވެރިކަމަކީ ހަގީގަތެއްގެ ގޮތުގައި ގަބޫލުކުރަން ފަށާފަ އެވެ.
މި ބަދަލު އައިސްފައިވަނީ ޔޫރަޕްގައި ހިނގަމުންދާ ހަނގުރާމައާއި މެދުއިރުމައްޗަށް އޮތް އިސްރާއީލުގެ ނުރައްކަލާއި ހުޅަނގާއި ޗައިނާގެ މެދުގައި އިތުރުވަމުންދާ ވާދަވެރިކަމުގެ އިތުރުން އެމެރިކާގެ ހަރުކަށި ސިޔާސަތުތަކާ ގުޅިގެންނެވެ.



