
ރޮނާލްޑޯ ރިޓަޔަރކުރުން: ނަންބަރު 7 ގެ މުހިންމު ހަތް މަރުހަލާއެއް
23 އަހަރަށްފަހު ހަ ވޯލްޑް ކަޕާއި ބޮޑު ތިން މުބާރާތުގެ ތަށި ކާމިޔާބުކުރުމަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ޕޯޗުގަލްގެ ގައުމީ ޓީމުން ރިޓަޔަރކުރިކަން އިއުލާނުކޮށްފި އެވެ.
ޕޯޗުގަލްއަށް ޔޫރޯ 2016 ގެ އިތުރުން ދެ ފަހަރެއްގެ މަތިން ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި އުމުރުން 41 އަހަރުގެ އަލް ނަސްރުގެ ފޯވާޑް ބައިނަލްއަޤްވާމީ ފުޓްބޯޅައާ ވަކިވީ ޤައުމީ ޓީމަށް ކުޅެދިން 234 މެޗުން 146 ލަނޑުގެ ރެކޯޑަކާއެކުގަ އެވެ.
ޓީމެއްގެ ގޮތުގައި ހޯދި ކާމިޔާބީތަކުގެ އިތުރުން ރޮނާލްޑޯ ވަނީ އަމިއްލަ ގިނަ ރެކޯޑުތަކެއް ގާއިމުކޮށް ހަނދާނުން ފޮހެލަން ދަތި މޮޅު ކުޅުމެއް ދައްކުވައިދީފަ އެވެ.
އުމުރުން 18 އަހަރުގައި ފުރަތަމަ މެޗު ކުޅުނު ދުވަހުން ފެށިގެން 41 އަހަރުގައި ވޯލްޑް ކަޕްގައި ލަނޑު ޖެހުމާ ހަމައަށް ޕޯޗުގަލްގެ ރަމްޒީ ނަންބަރު 7 ގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ހަތް މަރުހަލާއަކީ މިއީ އެވެ.
- ފުރަތަމަ މެޗު (އޯގަސްޓް 2003)
ރޮނާލްޑޯ ޕޯޗުގަލްގެ ޤައުމީ ޓީމަށް ފުރަތަމަ މެޗެއް ކުޅުނީ 20 އޯގަސްޓް 2003 ގައި ކަޒަކިސްތާނާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އުމުރުން 18 އަހަރުގެ ރޮނާލްޑޯ ކުޅެން އެރީ ހާފް ޓައިމްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ލުއިސް ފެލިޕޭ ސްކޮލާރީގެ އިރުޝާދުގެ ދަށުން ކުޅުނު އެ މެޗުން ޕޯޗުގަލް މޮޅުވީ 1-0 އިންނެވެ.
މި މެޗު ކުޅުނީ އޭނާ ސްޕޯޓިންގް ސީޕީން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ ބޯލްޓަން ވޮންޑަރާސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަށްފަހު އެންމެ ހަތަރު ދުވަސް ފަހުންނެވެ. އޭނާގެ ހުނަރުވެރިކަން ސަރ އެލެކްސް ފާގަސަންގެ ސަމާލުކަމަށް އައިސްފައިވީ ނަމަވެސް ކުރިއަށް އޮތް ދެ ދަހަަރު ދުވަހުގެ ތެރޭގައި އޭނާ މިހާ ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް އޭރު އުންމީދު ކުރީ މަދު ބަޔެކެވެ.
ރޮނާލްޑޯގެ ފުރަތަމަ ޤައުމީ ލަނޑު ފެނިގެންދިޔައީ ޖެހިގެން އައި އަހަރުގެ ޔޫރޯ 2004 ގައެވެ. ގްރީސް އަތުން ބަލިވި މެޗުގައި އޭނާ ލަނޑު ޖެހިއިރު އެ މުބާރާތުގެ ފައިނަލަށް ޕޯޗުގަލް ގެންގޮސްދިނުމުގައި އޭނާ އެހީތެރިވި އެވެ. ނަމަވެސް ފައިނަލުގައި އަނެއްކާވެސް ގްރީސް އަތުން ބަލިވެ މާޔޫސްކަމާ ކުރިމަތިލާން ޖެހުނެވެ.
- މުހިންމު ވަގުތުގެ ހެޓްރިކް (ނޮވެމްބަރު 2013)
ޕޯޗުގަލްއަށް އެންމެ ބޭނުންވި ވަގުތު ރޮނާލްޑޯގެ މޮޅު ކުޅުން އެންމެ ބޮޑަށް ފެނިގެންދިޔައީ 2014 ގެ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭ-އޮފްގައި ސްވިޑަންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
ކޮލިފައިން ގްރޫޕުގެ ދެވަނަ ލިބުމުން ބްރެޒިލް ވޯލްޑް ކަޕުން ޖާގައެއް ހޯދުމަށް ޕޯޗުގަލްއަށް ޖެހުނީ ޒަލަޓާން އިބްރަހިމޮވިޗްގެ ސްވިޑަންއާ ކުރިމަތިލާށެވެ. ލިޒްބަންގައި ކުޅުނު ފުރަތަމަ ލެގުގައި ރޮނާލްޑޯ ހަމައެކަނި ލަނޑު ޖެހިއިރު ސްޓޮކްހޯމްގައި ކުޅުނު ދެވަނަ ލެގުގައި އޭނާ ވަނީ ފާހަގަކޮށްލެވޭ ހެޓްރިކެއް ހަދާފައެވެ.
އެ މެޗުގައި އިބްރަހިމޮވިޗް ދެ ލަނޑު ޖެހި ނަމަވެސް ރޮނާލްޑޯގެ ތިން ލަނޑާއެކު 3-2 އިން މެޗު ކާމިޔާބުކޮށް އެގްރިގޭޓް 4-2 އިން ޕޯޗުގަލް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނެވެ.
- ޔޫރަޕްގެ ޗެމްޕިއަން (ޖުލައި 2016)
2004 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި ޔޫރޯ ފައިނަލުން ބަލިވުމުގެ ހިތާމައަށްފަހު 12 އަހަރު ފަހުން 2016 ވަނަ އަހަރުގެ ފައިނަލުގައި ފްރާންސް ބަލިކޮށް ރޮނާލްޑޯ ބައިނަލްއަޤްވާމީ ބޮޑު ތަށި ފުރަތަމަ ފަހަރަށް އުފުލާލި އެވެ.
ގްރޫޕް ސްޓޭޖުގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މުހިންމު މެޗުގައި ރޮނާލްޑޯ ދެ ލަނޑު ޖަހައި ޓީމު ސަލާމަތްކޮށްދިންއިރު ސެމީ ފައިނަލުގައި ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީވެސް އޭނާ އެވެ.
ފައިނަލް މެޗުގެ 25 ވަނަ މިނެޓުގައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ރޮނާލްޑޯއަށް ދަނޑުން ފައިބަން ޖެހުމުން މާޔޫސްކަމެއް ލިބުނެވެ. ނަމަވެސް ބެންޗުގައި އިނދެގެން އޭނާ ދިން ހިތްވަރާއެކު އިތުރު ވަގުތުގެ 109 ވަނަ މިނެޓުގައި އެޑާ ޖެހި ލަނޑުން ޕޯޗުގަލް މޮޅުވި އެވެ.
”މިއީ އަހަރެންގެ ކެރިއަރުގެ އެންމެ އުފާވެރި އެއް ވަގުތު،“ މެޗަށްފަހު ރޮނާލްޑޯ ބުންޏެވެ. އޭނާ ވަނީ ޔޫރޯ 2020 ގައި ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދައި ހަ މުބާރާތުން ޖުމްލަ 14 ލަނޑު ހަމަކޮށްފަ އެވެ.
- ސެލެސާއޯގެ ސަލާމަތްތެރިޔާ (ޖޫން 2018)
2018 ގެ ވޯލްޑް ކަޕްގައި ސްޕެއިންއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗަކީ ވޯލްޑް ކަޕް ތާރީޚުގައި ފެނިގެންދިޔަ އެންމެ މޮޅު އެއް އިންޑިވިޖުއަލް ކުޅުމެވެ. އެ މެޗުގައި ރޮނާލްޑޯ ވަނީ ހެޓްރިކެއް ހަދައި 3-3 އިން މެޗު އެއްވަރުކޮށްދީފަ އެވެ.
ޕެނަލްޓީއަކުން ފުރަތަމަ ލަނޑު ޖެހުމަށްފަހު ފުރަތަމަ ހާފް ނިމުމުގެ ކުރިން އޭނާ ދެވަނަ ލަނޑެއް ޖެހި އެވެ. ނަމަވެސް ސްޕެއިންއިން ވަނީ އަނބުރާ އައިސް 3-2 އިން ލީޑު ނަގާފަ އެވެ. މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި ރޮނާލްޑޯ ފޮނުވާލި ހިތްގައިމު ހަމަލާއަކުން ޕޯޗުގަލްއަށް ޕޮއިންޓެއް ކަށަވަރުކޮށްދިނެވެ.
މެޗަށްފަހު ސްޕެއިންގެ ކޯޗު ފެނާންޑޯ ހިއޭރޯ ބުނީ ”ރޮނާލްޑޯ ފަދަ ކުޅުންތެރިއަކު ދަނޑުމަތީގައި ހުރެއްޖެނަމަ މިފަދަ ކަންކަން ވުމަކީ އެކަށީގެންވާ ކަމެއް“ ކަމަށެވެ.
- ނޭޝަންސް ލީގުގެ ޗެމްޕިއަން (ޖޫން 2019)
ޔޫރޯ ކާމިޔާބުކުރިތާ ތިން އަހަރު ފަހުން ރޮނާލްޑޯގެ ކެޕްޓަންކަމުގެ ދަށުން ޕޯޗުގަލް ވަނީ ފުރަތަމަ ފަހަރަށް ބޭއްވި ޔޫއެފާ ނޭޝަންސް ލީގު އަމިއްލަ ޤައުމުގައި ކާމިޔާބުކޮށްފަ އެވެ.
މި މުބާރާތުގައި އޭނާގެ އެންމެ މުހިންމު ދައުރެއް ފެނުނީ ސެމީ ފައިނަލުގައި ސްވިޒަލޭންޑާ ދެކޮޅަށެވެ. އެ މެޗުގައި އޭނާ ވަނީ ހެޓްރިކެއް ހަދައި 3-1 އިން ޕޯޗުގަލް މޮޅުކޮށްދީފަ އެވެ. ހިލޭ ޖެހުމަކުން ފުރަތަމަ ލަނޑު ޖެހުމަށްފަހު މެޗުގެ ފަހު މިނެޓުކޮޅުގެ ތެރޭގައި ދެ ލަނޑު ޖަހައި ޓީމު ފައިނަލަށް ގެންގޮސްދިނެވެ.
ފައިނަލުގައި ނެދަލޭންޑްސްއާ ދެކޮޅަށް ކުޅުނު މެޗުން 1-0 އިން ޕޯޗުގަލް މޮޅުވިއިރު ހަމައެކަނި ލަނޑު ޖަހައިދިނީ ގޮންސާލޯ ގުއެޑޭސްއެވެ. މިއީ ހަތަރު އަހަރު ތެރޭގައި ޕޯޗުގަލްއިން ހޯދި ދެވަނަ ބައިނަލްއަޤްވާމީ ތަށްޓެވެ.
- ތާރީޚީ އެންމެ ގިނަ ލަނޑު ޖެހި ކުޅުން ތެރިޔާ (ސެޕްޓެމްބަރު، 2021)
ފާރޯގައި އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި ރޮނާލްޑޯ ވަނީ އީރާނުގެ އަލީ ދާއީ 15 އަހަރާއި ބައި ވަންދެން ހިފަހައްޓާފައިވާ ބައިނަލްއަޤްވާމީ ފުޓްބޯޅައިގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު އޭނާގެ 110 ވަނަ ލަނޑާއެކު މުގުރާލާފަ އެވެ.
މި ރެކޯޑު އޭނާ ހޯދީ އަޔަލޭންޑާ ދެކޮޅަށް ކުޅުނު މެޗުގެ 89 ވަނަ މިނެޓުގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށް އަދި އިތުރު ވަގުތުގެ ތެރޭގައި 111 ވަނަ ލަނޑު ޖަހައި 2-1 އިން ޕޯޗުގަލް މޮޅުކޮށްދީގެންނެވެ.
ރޮނާލްޑޯ އޭނާގެ ރެކޯޑު މުގުރާލުމާ ގުޅިގެން އަލީ ދާއީ ބުނީ ”އޭނާއަކީ ކުޅިވަރުގެ ޗެމްޕިއަނެއް ކަމަށާއި މިހާރު މި ރެކޯޑު އޮތީ އޭނާގެ އަތުގައި ކަމަށްވުމަކީ ލިބޭ ޝަރަފެއް“ ކަމަށެވެ. ރޮނާލްޑޯ ވަނީ އޭނާގެ ކެރިއަރު ނިންމާލިއިރު މި ރެކޯޑު 146 ލަނޑަށް އިތުރުކޮށްފަ އެވެ. މިއީ އޭނާގެ ވާދަވެރި ލިއޮނަލް މެސީއަށްވުރެ 20 ލަނޑު އިތުރު އަދަދެކެވެ.
- ވޯލްޑް ކަޕް ރެކޯޑު (ޖޫން 2026)
އުމުރުން 40 އަހަރު ފުރުނު ފަހުންވެސް ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް މުހިންމު ކާމިޔާބީތަކެއް ހޯދައިދީފަ އެވެ. އެގޮތުން ރޮބާޓޯ މާޓިނޭޒްގެ އިރުޝާދުގެ ދަށުން 2025 ވަނަ އަހަރުގެ ޔޫއެފާ ނޭޝަންސް ލީގު ޕޯޗުގަލްއިން ކާމިޔާބުކުރިއިރު ރޮނާލްޑޯ ވަނީ ސެމީ ފައިނަލާއި ފައިނަލުގައި ލަނޑު ޖަހާފަ އެވެ.
އޭގެ އެއް އަހަރު ފަހުން އުތުރު އެމެރިކާގައި ބޭއްވި 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި އޭނާ އާ ތާރީޚެއް ލިޔުނެވެ. އުޒްބެކިސްތާނާ ދެކޮޅަށް ޖެހި ދެ ލަނޑާއެކު ތަފާތު ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު އޭނާ ހޯދި އެވެ. މީގެ އިތުރުން ވޯލްޑް ކަޕް މުބާރާތްތަކުގައި ޕޯޗުގަލްއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ޔުސޭބިއޯގެ ރެކޯޑުވެސް އޭނާ މުގުރާލި އެވެ.
ނޮކްއައުޓް ބުރުގައި ކްރޮއޭޝިއާ ކޮޅަށް ޖެހި ލަނޑާއެކު އޭނާ ވަނީ ވޯލްޑް ކަޕްގައި ޖުމްލަ 11 ލަނޑު ހަމަކޮށްފަ އެވެ. އެ މުބާރާތުގެ ގަދަ 16 ގައި ސްޕެއިން އަތުން ބަލިވެ ޕޯޗުގަލް ކެޓިއިރު ސްޕެއިންއަކީ އެ ފަހަރުގެ ޗެމްޕިއަނުންނެވެ. ރޮނާލްޑޯގެ ވޯލްޑް ކަޕް ދަތުރު 2006 ވަނަ އަހަރު ޖަރުމަނުން ފެށުނު ނަމަވެސް ފުޓްބޯޅައިގެ އެންމެ ބޮޑު މި ތަށީގައި އަތްލުމުގެ ނަސީބު އޭނާއަށް ލިބޭގޮތެއް ނުވިއެވެ.



