
ސަޢޫދީގެ އީސްޓް-ވެސްޓް ޕައިޕްލައިނަށް ހަމަލާއެއް ދީފި
ހޯމަ ދުވަހު މަދީނާ ސަރަހައްދުގައި ހުންނަ ސަޢޫދީ ޢަރަބިއްޔާގެ އީސްޓް-ވެސްޓް ޕައިޕްލައިނަށް ދިން ހަމަލާއެއްގެ ސަބަބުން ކުޑަ އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށާއި ނަމަވެސް އެ އަލިފާންގަނޑު ވަރަށް އަވަހަށް ނިއްވާލާފައިވާ ކަމަށް އެ ޤައުމުގެ މިނިސްޓްރީ އޮފް އެނާޖީގެ ރަސްމީ މަސްދަރަކުން ބުނެފި އެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ފުރާނައަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ޕައިޕްލައިންގެ އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް އަރާފައި ނުވާ ކަމަށް އެ މިނިސްޓްރީން ހާމަކުރެ އެވެ.
އަލިފާންގަނޑު ކޮންޓްރޯލްކޮށް އެ ސަރަހައްދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ ފަންނީ މާހިރުންނާއެކު އިމަޖެންސީ ރެސްޕޮންސް ޓީމުތައް ވަގުތުން އެ ސަރަހައްދަށް ގޮސް ކަނޑައެޅިފައިވާ ސަލާމަތީ ފިޔަވަޅުތައް ވަނީ އަޅާފަ އެވެ.
ކުއްލި ހާލަތްތަކުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ އެއްގޮތަށް އެ ތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ކަމާބެހޭ އިދާރާތަކުން އަޅާފައިވާ ކަމަށްވެސް އެ މަސްދަރުން ބުންޏެވެ.
އީސްޓް-ވެސްޓް ޕައިޕްލައިނަކީ ސަޢޫދީ ޢަރަބިއްޔާގެ އިރުމަތީ ތެޔޮ އުފައްދާ ސަރަހައްދުތަކުން ރަތްކަނޑުގެ އައްސޭރިފަށުގައިވާ މަރުކަޒުތަކަށް ސާފުނުކުރާ ތެޔޮ އުފުލައިދޭ އެ ޤައުމުގެ ހަކަތައިގެ އިންފްރާސްޓްރަކްޗާގައި ހިމެނޭ ވަރަށް މުހިންމު ވަސީލަތެކެވެ.



