
ސީ.އައި.އޭ ގެ އިންޒާރެއް އިސްރާއީލަށް: އެތެރޭގެ ބައިބައިވުންތަކުގެ ސަބަބުން ދާޚިލީ ހަނގުރާމައެއްގެ ބިރު އެބައޮތް
އޮކްޓޯބަރު މަހުގެ އިންތިޚާބާ ދިމާކޮށް، އިސްރާއީލުގެ ހަމަޖެހުމަށް ނުރައްކާވާ ފަދަ ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ބައިބައިވުންތަކެއް ހުރިކަން ސިއްރު ރިޕޯޓަކުން ހާމަވެއްޖެ އެވެ.
ތަޙްޤީޤީ ރިޕޯޓަކުން ހާމަވެފައިވާ ގޮތުގައި، އެމެރިކާގެ އިންޓެލިޖެންސްގެ ސިއްރު ދިރާސާއަކުން އިންޒާރު ދީފައިވަނީ އިސްރާއީލުގެ އެތެރޭގެ ސިޔާސީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ބައިބައިވުންތައް ބޮޑުވެ، އެ ޤައުމު ދާޚިލީ ހަނގުރާމައަކަށް ނުވަތަ ދައުލަތް ރޫޅިގެންދާ ފަދަ ނުރައްކަލަކަށް ހުށަހެޅިފައިވާ ކަމަށެވެ.
”ފްރެކްޗަރ ފްރޮމް ވިތިން“ މި ސުރުޚީގެ ދަށުން ތައްޔާރުކޮށްފައިވާ މި ދިރާސާއަކީ، އާންމުކޮށް ޤަބޫލުކުރެވޭ އިންޓެލިޖެންސް ހޯދުންތަކާ މެދު ސުވާލު އުފައްދައި، ތަފާތު އިސްތިރާޖީ ނަޒަރިއްޔާތަކުން ކަންކަން ދިރާސާކުރުމަށް ސީ.އައި.އޭ ގައި އޮންނަ ”ރެޑް ސެލް“ އިން އޮގަސްޓް މަހު ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.
މީގެ މަޢުލޫމާތު އެނގޭ އެމެރިކާގެ ދެ މަސްދަރަކާ ހަވާލާދީ، މިއީ ”ޑްރޮޕް ސައިޓް ނިއުސް“ އިން ހާމަކޮށްފައިވާ މަޢުލޫމާތެކެވެ.
މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، އޮކްޓޯބަރު 27 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަރުލަމާނީ އިންތިޚާބުގެ ކުރިން، އެ ޤައުމުގެ އެތެރޭގެ މަސްލަހަތު ވަނީ ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ.
މި ނުތަނަވަސްކަމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އިޤްތިޞާދު ވަރަށް ބޮޑަށް ހީނަރުވުމާއި، ދިފާޢީ ޚަރަދުތައް އިންތިހާއަށް އިތުރުވުމާއި، ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެފައިވާ ޔަހޫދީން ހިންގާ އަނިޔާވެރި އަމަލުތައް އިތުރުވުމާއި، އަދި ހަރުކަށި ފިކުރުގެ މީހުން އަސްކަރީ ޚިދުމަތުން އިސްތިސްނާކޮށްފައި އޮތުމުގެ ސަބަބުން އުފެދިފައިވާ އިޖުތިމާޢީ ނުރުހުން ހިމެނެ އެވެ.
ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމާއި، ލުބުނާނާއި އީރާނާ ދެކޮޅަށް މެދުނުކެނޑި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އިޖުތިމާޢީ ބައިބައިވުންތައް ވަނީ އިތުރަށް ގޯސްވެފަ އެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަކުރުމަށްފަހު އެނބުރި އަންނަ ރިޒާވް ސިފައިންގެ ގިނަ ބަޔަކު ނަފްސާނީ ބޮޑެތި ބަލިތަކާ ކުރިމަތިލަމުންދާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ހަރުކަށި ފިކުރުގެ މީހުން އަސްކަރީ ޚިދުމަތުން އިސްތިސްނާކޮށްފައި އޮތުމަކީ ޤައުމުގެ އެތެރޭގައި އެންމެ ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާ އެއް މައްސަލަ އެވެ.
ތަކުރާރުކޮށް ރިޒާވް ސިފައިން ހަނގުރާމައަށް ނެރެމުންދާއިރު، ވަކި ބަޔަކަށް އިސްތިސްނާ ދީފައި އޮތުމަކީ އާންމުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދެމުންދާ ކަމެކެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި އިސްރާއީލު އެކަހެރިވަމުންދިއުމާއި، ޚާއްސަކޮށް އެމެރިކާގެ ތާޢީދު ކުޑަވަމުންދިއުމަކީ އެތެރޭގެ ހަމަނުޖެހުންތައް އިތުރަށް ހަލުވިވެގެންދާނެ ކަމެއް ކަމަށް ސީ.އައި.އޭ ގެ މި ރިޕޯޓުގައި އިންޒާރު ދީފައިވެ އެވެ.



