ޗައިނާއަށް ޖާސޫސްކުރިކަމުގެ ތުހުމަތުގައި ކެލިފޯނިއާގެ އަންހެނަކަށް އެމެރިކާއިން ދަޢުވާކޮށްފި

ޗައިނާއަށް ޖާސޫސްކޮށްދިނުމާއި، ތައިވާނުގެ ރައީސްގެ ދަރިކަލުންނަށް ފާރަލީކަމުގެ ތުހުމަތުގައި ކެލިފޯނިއާގެ އަންހެނަކަށް އެމެރިކާއިން ދަޢުވާކޮށްފި އެވެ.

ޗައިނާ ސަރުކާރުގެ އޮފިޝަލުންގެ އެންގުމަށް ތައިވާނުގެ ރައީސްގެ ދަރިކަލަކަށް ފާރަލައި، ޖާސޫސްކުރިކަމުގެ ތުހުމަތުގައި ކެލިފޯނިއާގެ އަންހެނަކު އާދީއްތަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) އިން ހާމަކޮށްފި އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެފް.ބީ.އައި އިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ”ހެދަރ“ ގެ ނަމުން ވެސް މަޝްހޫރުވެފައިވާ ވަންޔިންގް ޒަންގް ހައްޔަރުކޮށްފައިވަނީ ޗައިނާއަށް ފުރަން ގޮސް އުޅެނިކޮށް، ލޮސް އެންޖެލިސް އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.

ކެލިފޯނިއާގެ އާރވިންއަށް ނިސްބަތްވާ އުމުރުން 34 އަހަރުގެ ޒަންގްގެ މައްޗަށް ދަޢުވާކޮށްފައިވަނީ ބޭރު ޤައުމެއްގެ އޭޖެންޓެއްގެ ގޮތުގައި ރަޖިސްޓްރީނުކޮށް މަސައްކަތްކުރުމުގެ ކުށުގަ އެވެ.

ޒަންގް ފާރަލާފައިވަނީ ތައިވާނުގެ ރައީސް ލައި ޗިންގް-ޓޭގެ ދަރިކަލަކަށް ކަމަށް އެފް.ބީ.އައި އިން ބުނެފައިވެ އެވެ.

އެ އިދާރާއިން ސީދާ އެ ބޭފުޅާގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް، ފަހުން ވަނީ އެއީ އެމެރިކާގައި ދިރިއުޅުއްވާ ލައި ޓިންގް-ޔޫ ކަން ހާމަކޮށް ”ނިއުޔޯކް ޕޯސްޓް“ އިން ޝާއިޢުކުރި ރިޕޯޓެއް ހިއްސާކޮށްފަ އެވެ.

ތައިވާނުގެ ރައީސްގެ އޮފީހުން މިކަން ސިފަކޮށްފައިވަނީ ”ބޯޑަރު ހުރަސްކޮށް ހިންގާ ސިޔާސީ ފިއްތުންތަކުގެ“ ނަމޫނާ ކަމެއްގެ ގޮތުގަ އެވެ. އަދި ތައިވާނުގެ ރައްޔިތުންނަށް ހިމާޔަތް ދިނުމުގައި އެމެރިކާ ސަރުކާރުން އަދާކުރި ދައުރަށް އެ އޮފީހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ތައިވާނުގެ ތަރުޖަމާނު ކޭރެން ކުއޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިންސާނީ ޙައްޤުތަކާއި ޤައުމުތަކުގެ ސިޔާދަތަށް އިހުތިރާމް ކުޑަކޮށް ހިންގާފައިވާ މިފަދަ ލާއިންސާނީ އަމަލުތައް އެ ޤައުމުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ރައީސް ލައި އާއި އޭނާގެ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީން ވަކާލާތު ކުރަނީ ތައިވާނަކީ ޗައިނާއާ ވަކި މިނިވަން ދައުލަތެއްގެ ގޮތުގަ އެވެ.

ނަމަވެސް ޗައިނާއިން ދެކޭގޮތުގައި ތައިވާނަކީ އެ ޤައުމުގެ ބައެކެވެ. ރައީސް ލައި ވިދާޅުވަމުން ގެންދަވަނީ ތައިވާނުގެ މުސްތަޤްބަލު ނިންމާނީ ހަމައެކަނި އެ ޤައުމުގެ ރައްޔިތުން ކަމަށެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކުރި ގޮތުގައި، ޒަންގް 2025 ވަނަ އަހަރު ސިއެޓްލްއަށް ދަތުރުކޮށްފައިވަނީ ޗައިނާގެ އޮފިޝަލުންގެ އެންގުމަށެވެ. އަދި އޭނާ ވަނީ ތައިވާނުގެ ރައީސްގެ ދަރިކަލުންނާއި އޭނާގެ އާއިލާގެ ފޮޓޯއާއި، ވީޑިއޯގެ އިތުރުން ދުއްވާ އުޅަނދުފަހަރުގެ ނަންބަރު ބޯޑުގެ މައުލޫމާތު ޗައިނާއަށް ފޮނުވާފަ އެވެ.

އެމެރިކާގެ ސެންޓްރަލް ޑިސްޓްރިކްޓް އޮފް ކެލިފޯނިއާގެ ފަސްޓް އެސިސްޓަންޓް އެޓާނީ ބިލް އެސޭލީ ވިދާޅުވި ގޮތުގައި، ޒަންގް މި މަސައްކަތް ކޮށްފައިވަނީ ފަޅާއަރައިނުދާނޭ ފަދަ އުކުޅުތައް ބޭނުންކޮށްގެންނެވެ. އަދި އޭނާ ބޭރު ޤައުމެއްގެ ސަރުކާރަކަށް މަސައްކަތްކޮށްދޭކަން އެމެރިކާގެ ކަމާބެހޭ އިދާރާތަކަށް އަންގާފައެއްނުވެ އެވެ.

ޒަންގްގެ ދިފާޢީ ވަކީލަކު މިހާތަނަށް ހަމަޖެހިފައިވޭތޯ ސާފުވެފައި ނުވާއިރު، އޭނާ ހޯމަ ދުވަހު ލޮސް އެންޖެލިސްގެ ފެޑަރަލް ކޯޓަށް ހާޒިރުކުރެވޭނެ ކަމަށް އެސޭލީ ވިދާޅުވި އެވެ.

އެމެރިކާއާއި ތައިވާނާ ދެމެދު ރަސްމީ ސިފައެއްގައި ޚާރިޖީ ގުޅުމެއް ނެތް ނަމަވެސް، އެމެރިކާއަކީ ބައިނަލްއަޤްވާމީ މައިދާނުގައި ތައިވާނަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީ، ހަތިޔާރު ފޯރުކޮށްދޭ ޤައުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.