
ނިންޖަކީ ބޮޑު ނިޢުމަތެއް 02
އިތުރަށް ނިދުން
ނިދި މަދުވުމެކޭ އެއްފަދައިން، ބޭނުންވާ މިންވަރަށްވުރެ އިތުރަށް ނިދުމަކީވެސް ޞިއްޙަތަށާއި ދިރިއުޅުމުގެ ފެންވަރަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.
ސައްޔިދުނާ ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެ އެވެ. މީހަކު އައިސް ރަސޫލާ صَلَّى الـلّٰـهُ عَلَيْهِ وَاٰلِهٖ وَسَلَّم އަށް ދެންނެވި އެވެ.
”ސުވަރުގެވަންތަވެރިން ނިދާނެތޯއެވެ؟“ ރަސޫލާ صَلَّى الـلّٰـهُ عَلَيْهِ وَاٰلِهٖ وَسَلَّم ޙަދީޘްކުރެއްވި އެވެ. ”ނިދުމަކީ މަރުގެ އަޚެކެވެ (ނުވަތަ ބައިވެރިއެކެވެ). ސުވަރުގެވަންތަވެރިންނަކަށް މަރެއްނުވެ އެވެ.“
ނިދުމަކީ މަރުގެ ބައިވެރިއެއްގެ ގޮތުގައި ސިފަކުރައްވާފައިވަނީ، މަރުވުމުން ޢަމަލުތައް ހުއްޓޭ ފަދައިން ނިދުމުންވެސް އިންސާނާގެ ޢަމަލުތައް ހުއްޓޭތީ އެވެ.
ސުވަރުގެވަންތަވެރިން ނުނިދަނީ އެއީ މަރު ނުވާނެ ބަޔަކަށް ވާތީ އެވެ. މި ޙަދީޘުން އެނގެނީ މާގިނައިން ނިދުމަކީ ދުނިޔެއާއި އާޚިރަތުގެ ކަންކަމަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމެވެ.
މާގިނައިން ނިދުމަކީ ކަންނެތްވުމާއި، އަނގައިން ނުބައިވަސް ދުވުމާއި، އަދި ހަށިގަނޑުގެ ގުނަވަންތަކާއި ފެނުމުގެ ބާރު ދެރަކޮށްލާ ކަމެކެވެ. ޚާއްޞަކޮށް ޢަޞްރު ފަހުން ނުވަތަ ހެނދުނު ވަَޤްތު ނިދުމަކީ ވަރަށް ބޮޑަށް މަނާކުރެވިފައިވާ ކަމެކެވެ. ޞިއްޙީ ނަޒަރަކުން ބަލާއިރު ރޭގަނޑަށްވުރެ ދުވާލު ނިދުމުގެ ގެއްލުން ބޮޑެވެ.
ނިދިނައުމާއި ނިދަން އުނދަގޫވުން
ނިދަން އުނދަގޫވާ މީހުން ތިރީގައިވާ ކަންކަމާމެދު ވިސްނައި، އެކަންކަން އިޞްލާޙުކުރުމަށް މަސައްކަތްކުރާށެވެ.
• ނިދާ ތަނަކީ ހަމަޖެހޭ، އަޑުމަޑު ތަނަކަށް ނުވުން.
• ގޮދަޑި ނުވަތަ ބާލީސް އަރާމުނުވުން.
• ނިދާ ގަޑިތަކަށް ބަދަލު އައުން (މިސާލަކަށް ކޮންމެ ރެއަކު 10 ޖަހާއިރު ނިދާ މީހަކު 12 ޖަހާއިރު ނިދަން ފެށުން).
• މާ ގިނައިން ނުވަތަ މާ މަދުން ކެއުން.
• ދުންފަތުގެ އިސްތިޢުމާލުކުރުން.
• ސައި، ކޮފީ ނުވަތަ ފޮނި ބުއިންތައް މާގިނައިން ބޭނުންކުރުން.
• ރޭގަނޑު ގަޑީގައި ޓީވީ، ކޮމްޕިއުޓަރު ނުވަތަ މޮބައިލް ފޯނު ބޭނުންކުރުން.
ސައިންސުގެ ދިރާސާތަކުން ދައްކާގޮތުގައި ފޯނާއި ކޮމްޕިއުޓަރުގެ ސްކްރީނުން ފޮނުވާ ދޯދިތަކުގެ ސަބަބުން، ހަށިގަނޑުގައި ނިދި އުފައްދައިދޭ މާއްދާއެއް ކަމަށްވާ ’މެލަޓޮނިން‘ އުފެދުން ހުއްޓުވަ އެވެ.
މީގެ ސަބަބުން ނިދަން އުނދަގޫވެ، އެތައް އިރަކު އެނދުގައި ފުރޮޅި ފުރޮޅި އޮންނަންޖެހެ އެވެ. ޑޮކްޓަރުން ލަފާދެނީ ކުޑަކުދިން ނިދާ ކޮޓަރީގައި ފޯނާއި، ޓެބްލެޓް ފަދަ ތަކެތި ނުބެހެއްޓުމަށެވެ.
ނިދާ ބޭސް ބޭނުންކުރުން
ދިރާސާތަކުން ދައްކާގޮތުގައި ފަހަކަށް އައިސް ނިދާ ބޭސް ބޭނުންކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
މިފަދަ ބޭސްތަކުގެ ސަބަބުން ނިދި އައި ކަމުގައިވިޔަސް، ތަބީޢީ ނިދިން ލިބޭ ފުރިހަމަ އަރާމެއް ނުލިބެ އެވެ. ޤަވާޢިދުން މިފަދަ ބޭސް ބޭނުންކުރުމުން އެއަށް އާދަވެ، ފަހުން ބޭސް ބޭނުންކުރިޔަސް ނިދިނައުމާއި، އެހެނިހެން ޞިއްޙީ ނުރައްކާތަކާ ކުރިމަތިވެ އެވެ. އެހެންކަމުން ނިދާ ބޭސް ބޭނުންކުރަންވާނީ ހަމައެކަނި ޑޮކްޓަރެއްގެ އިރުޝާދުގެ މަތިންނެވެ.
ނިދުމަށް އެންމެ އެކަށީގެންވާ ވަގުތުތައް
ނުނިމޭ…



