
މައިންބަފައިންނަށް އިޙްތިރާމްކުރުން 02
މައިންގެ ފައިތިލަދަށުގައި ސުވަރުގެވުން:
ސުނަނުއް ނަސާއީ އާއި އެހެނިހެން ފޮތްތަކުގައި ރިވާވެގެންވާ ގޮތުގައި، މީހަކު ހަނގުރާމައަށް ދިއުމަށް ރަސޫލާގެ އިޒުނައަށް އެދުމުން، އޭނާގެ މަންމަ ދުނިޔޭގައި އެބައިންތޯ ރަސޫލާ އެއްސެވި އެވެ.
އާދެއޭ ބުނުމުން، ރަސޫލާ ޙަދީޘްކުރެއްވީ ”މަންމަގެ ކައިރީގައި މަޑުކުރާށެވެ. ހަމަކަށަވަރުން ސުވަރުގެވަނީ އެކަމަނާގެ ފައިތިލަދަށުގަ އެވެ.“
މި ޙަދީޘުން އެނގެނީ ދުނިޔޭގައި ހުރި މަންމައަށް ޚިދުމަތްކުރުމުގެ ދަރަޖަ، ﷲ ގެ މަގުގައި ހަނގުރާމަކުރުމަށްވުރެ ވެސް މަތިވެރިވެދާނެ ކަމެވެ.
މީގެން ދަސްކޮށްދެނީ އަޅުކަންތަކުގެ މަތިވެރިކަން މިނެކިރެނީ ހަމައެކަނި ބޭރުފުށުން ފެންނަ ކަންކަމަކުން ނޫން ކަމެވެ. ދުވަސްވީ މަންމައެއްގެ ގާތުގައި އިށީނދެ އިނުމާއި، އެކަމަނާގެ ބުރަ ލުއިކޮށްދިނުމާއި، ބޭނުންތައް ފުއްދައިދިނުމަކީ ﷲ ގެ ޙަޟްރަތުގައި ބޭރުފުށުން ކިތަންމެ ބޮޑު ކަމެއްގެ ގޮތުގައި ފެންނަ ޢަމަލުތަކަށްވުރެ ވެސް ބަރުދަން އިތުރުވެދާނެ ކަންކަމެވެ.
ނުނިމޭ….



