
ދުނިޔޭގެ ތާރީޚުގައިވެސް ޤާއިމުކުރެވޭ އެންމެ ބޮޑު ތެލުގެ މުޢާމަލާތް
މި އެއްބަސްވުން އިޢުލާނުކޮށްފައިވަނީ، ރައީސް ޓްރަމްޕްގެ އަމުރަށް އެމެރިކާގެ އަސްކަރިއްޔާއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށްގެން އެމެރިކާއަށް ގެންދިޔަތާ ގާތްގަނޑަކަށް ނުވަ މަސް ފަހުންނެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ބުނިގޮތުގައި ގޮތުގައި، އޭނާގެ ސަރުކާރުން ވެނެޒުއޭލާއާއެކު ފުޅާދާއިރާއެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.
މިއީ ޢަމަލީ ސިފަ އަތުވެއްޖެނަމަ، އެމެރިކާއަށް އެ ޤައުމުގެ ބޭނުންނުކޮށް ހުރި މުއްސަނދި ތެލުގެ ރިޒާވްތަކުން، އުފެއްދުމުގެ އަގުގައި ތެޔޮ ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމެކެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް މި އެއްބަސްވުން ހާމަކުރައްވަމުން ޓްރަމްޕް ފާހަގަކުރީ، މި މުޢާމަލާތުގެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ، ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު އަދި ވެނެޒުއޭލާގެ ވަޤުތީ ރައީސާ ޑެލްސީ ރޮޑްރިގޭޒް ކަމަށެވެ.
ޓްރަމްޕް ލިޔުއްވާފައިވަނީ، ”ދުނިޔޭގެ ތާރީޚުގައިވެސް ހިންގޭ އެންމެ ބޮޑު ތެލުގެ މުޢާމަލާތް އެމެރިކާއިން ވެނެޒުއޭލާއާއެކު ގާއިމުކޮށްފި“ ކަމަށެވެ.
ރޮޑްރިގޭޒްގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި އެއްބަސްވުމުގެ ދަށުން 65 ބިލިއަން ފީފާގެ ތެޔޮ ހުރި ކަމަށް ކަށަވަރުވެފައިވާ 17 ތެޔޮ ދަނޑެއް ތަރައްޤީކުރެވޭނެ ކަމަށެވެ. އަދި މީގެ ސަބަބުން ވެނެޒުއޭލާގެ ތެލުގެ ސިނާއަތަށް 100 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ވަދެ، ޓެކްސްގެ ގޮތުގައި ވެރިރަށް ކަރަކާސްއަށް 209 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.
ރޮޑްރިގޭޒް ވިދާޅުވި ގޮތުގައި މި އެއްބަސްވުމަކީ ޤައުމުގެ އިޤްތިޞާދު އާރާސްތުކުރުމަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.
މި މުޢާމަލާތުގެ މަޢުލޫމާތު އެނގޭ އެމެރިކާގެ އޮފިޝަލަކު ހާމަކުރި ގޮތުގައި، މިއެއްބަސްވުމުގެ ދަށުން އެމެރިކާއިން ވެނެޒުއޭލާގެ އަމިއްލަ ކުންފުންޏަކާ ގުޅިގެން އައު ކުންފުންޏެއް އުފައްދައި، އެ ރިޒާވްތަކުގެ ކޮންޓްރޯލް ނަގާނެ އެވެ.
މި އައު ކުންފުންޏަށް އެ ތެޔޮ ދަނޑުތައް ތަރައްގީކުރުމަށް 100 އަހަރުގެ ހުއްދަ ރޮޑްރިގޭޒްގެ ސަރުކާރުން ވަނީ ދީފަ އެވެ. މި ކުންފުނީގެ އުފެއްދުންތެރިކަމުގެ 55 އިންސައްތަ ޙިއްސާ އެމެރިކާއަށް ލިބޭއިރު، އޭގެ ތެރޭގައި އުފައްދާ އަގުގައި ތެޔޮ ގަތުމުގެ ޙައްޤުވެސް ހިމެނެ އެވެ.
މި ކުންފުނި ވެގެންދާނީ ސަޢޫދީ އަރަމްކޯއަށް ފަހު ދުނިޔޭގައި އެންމެ ގިނަ ތެޔޮ ރިޒާވް ހުރި ދެވަނަ ކުންފުންޏަށެވެ.
މި ނިންމުން މި އައީ އީރާނާއެކު ހިނގަމުންދާ ހަނގުރާމައަށް ހަ މަސް ފުރި، ތެލުގެ އަގު އިންތިހާއަށް އުފުލިފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވް މިހާރު ވަނީ 300 މިލިއަން ފީފާއަށްވުރެ ދަށަށް ގޮސްފަ އެވެ.
މީގެ އިތުރުން، އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޯރްމޫޒް ކަނޑުއޮޅިން ތެޔޮ އުފުލުން ވަނީ ވަރަށް ބޮޑަށް މަޑުޖެހިފަ އެވެ.
ކަމާބެހޭ މާހިރުން އިންޒާރު ދޭ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ތެލުގެ އަގު ވަގުތުން ދަށަކަށް ނުދާނެ އެވެ. ސަބަބަކީ ވެނެޒުއޭލާގެ ވީރާނާވެފައިވާ އިންފްރާސްޓްރަކްޗާ މަރާމާތުކޮށް، ތެޔޮ އުފެއްދުން އިތުރުކުރުމަށް އެތައް އަހަރެއްގެ ވަގުތާއި ބިލިއަނުން ޚަރަދު ބޭނުންވާނެތީ އެވެ.
ވެނެޒުއޭލާގެ ކުރީގެ ރައީސް ހޫގޯ ޗާވޭޒްގެ ވެރިކަމުގައި އެމެރިކާގެ ކުންފުނިތަކުގެ މުދާ ދައުލަތަށް ނެގި މައްސަލައިގައި، އެމެރިކާގެ ބޮޑެތި ތެޔޮ ކުންފުނިތަކުން އެ ޤައުމުގައި އަލުން އިންވެސްޓްކުރުމަށް ވަނީ ފަސްޖެހިފަ އެވެ.
އެހެންނަމަވެސް، ޓްރަމްޕްގެ ސަރުކާރުން ޤަބޫލުކުރަނީ މިހާރު ވެނެޒުއޭލާއަށް ހަމަޖެހުން އައިސްފައިވާ ކަމަށެވެ. ރޮޑްރިގޭޒް ވަނީ އެ ޤައުމުގެ ތެލުގެ ސިނާއަތް އަމިއްލަ ފަރާތްތަކަށް ހުޅުވާލައި، ކުރީގެ ސޯޝަލިސްޓް ސިޔާސަތުތައް ބަދަލުކުރާނެ ޤާނޫނެއްގައި ސޮއިކުރައްވާފަ އެވެ.
ވެނެޒުއޭލާއަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ ރިޒާވް ހުރި އެއް ގައުމެވެ. އެ ގައުމުގެ ބިމުގެ އަޑީގައި 303 ބިލިއަން ފީފާގެ ތެޔޮ ހުރި ކަމަށް ލަފާކުރެވެ އެވެ. މިއީ ދުނިޔޭގެ މުޅި ރިޒާވްގެ 17 އިންސައްތަ އެވެ.
ކުރީގެ ރައީސް މަދޫރޯ އަދިވެސް އޮންނެވީ އެމެރިކާގެ ޖަލެއްގަ އެވެ. އޭނާ ވަނީ އޭނާގެ މައްޗަށް ކުރެވޭ މަސްތުވާތަކެތީގެ ވިޔަފާރިއާއި ޓެރަރިޒަމްގެ ދައުވާތަކަށް އިންކާރު ކުރައްވާފަ އެވެ.




